ހިތްޕުޅަށް ނިކަން ގެންނަވާށެވެ! އެއްބަޔަކު އަނެއްބަޔަކާ ދެމެދު އޮތީ ދެކޮޅުވެރިކަމާއި، ނަފްރަތާއި، ފަސާދައެވެ. އާދައިގެ ކުދިކުދި ކަންކަމުގައި ވެސް ހަނގުރާމަކޮށް ލޭ އޮހޮރުވައިލުމެވެ. އެކަންކަން އިޞްލާޙު ކުރުމަށްޓަކައި އިސްލާމްދީނުގައި ހަރުދަނާ ޤަވާޢިދުތަކެއް ކަނޑައެޅުއްވި އެވެ. މާތް ﷲ ކަނޑައަޅުއްވާފައިވާ މިފަދަ ޤަވާޢިދުތައް މުގުރާލައި ހިތު ހުރި ގޮތަކަށް އުޅުމަކީ އެކަލާނގެ ދެއްވި ނިޢުމަތަށް ކުފުރު ވުމެވެ. މިފަދަ ކަންތައް ޢާއްމުވުމަކީ އަހަރެމެންގެ ނަފްސުތައް މާތް ﷲ ގެ ކޯފާ އަށް ހުށަހެޅިގެން ހިނގައިދާނެ ކަމެކެވެ. އެހެންވެ އެކަލާނގެ ވަޙީކުރައްވާ އާޔަތުގެ މާނައިގައިވެއެވެ. ”ދެން ﷲ ގެ ނިޢުމަތްތަކަށް އެ ރަށުގެ މީހުން ކާފިރު ވިއެވެ. ދެން އެއުރެން ކޮށް އުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާން ލައްވައި، އެކަމުގެ ރަހަ އެއުރެންނަށް ﷲ ދެއްކެވި އެވެ.“ މުސްލިމް އަޚުންނޭވެ! މިފަދަ ނުބައި ޢަމަލުތަކުން ދުރުހެލި ނުވެ، ހަވާނަފްސަށް ތަބާވެގެން އުޅުމަކީ، މާތް ﷲ ގެ ކޯފާ، އެބަޔަކަށް ޙައްޤުވެދާނެ ކަމެކެވެ. ހަމަ އެއާ އެކު ދުނިޔޭގައި އެބައިމީހުންނަށް ނުރައްކަލާ ކުރިމަތިވާ ކަމެކެވެ.