ނަޞޭޙަތާއި އިރުޝާދު
އެ ހިނދު ޙަފްސާ رحمها الله އަށް ތަސައްލީ ލިބުނެވެ.

ޙަފްޞާ ބިންތު ސީރީން رحمها الله  އަކީ ތާބިޢީ ބޭކަނބަލެކެވެ. އަޅުވެރި، ޢިލްމުވެރި ބޭކަނބަލެކެވެ. މަޝްހޫރު ތާބިޢީ މުޙައްމަދު ބުން ސީރީން އަކީ އެކަމަނާގެ އަޚެކެވެ. މުޙައްމަދު ބުން ސީރީން އަކީ ތާބިޢީބޭކަލުންގެ ތެރެއިން ޙަދީޘް، ފިޤްހު އަދި ހުވަފެން ތަފްސީރު ކުރުމުގެ ޢިލްމުން އަރައި ހުންނެވި ބޭކަލެކެވެ.

ޙަފްޞާ ބިންތު ސީރީން رحمها الله ގެ ދަރިކަލެއް ނިޔާވިއެވެ. އެ ދަރިކަލުންނަކީ އެކަމަނާއަށް ވަރަށް ކިޔަމަންތެރި، ބަސް އަހާ ދަރިކަލެއްކަމުން، ދަރިކަލުން ނިޔާވުމުން އެކަމަނާއަށް ފުން ހިތާމައެއް ލިބިވަޑައިގަތެވެ. މިފަދަ ދަރިޔަކާއި އެކީގައި ގިނަ ދުވަހު އުޅުމަށް ހިތް އެދޭނެއެވެ. ކެތްތެރިކަމަކީ ހިތް އެދުނު ފަދައިން މިންވަރު ނުކުރެއްވި ނަމަވެސް الله ގެ މިންވަރުފުޅަށް ރުހިގެންވުންކަން އެކަމަނާއަށް އެނގިވަޑައިގަންނަވައެވެ.

ދަރިކަލުން ނިޔާވި ދުވަހާއި ވިދިގެން އައިރޭ ގައި ދަމުނަމާދު ކުރައްވަމުން އެކަމަނާ ކިޔަވާ ވިދާޅުވީ سورة النحل އެވެ. މި ސޫރަތް ކިޔަވަމުން އަންނަނިވި އާޔަތާއި ހަމައަށް ވަޑައިގެންނެވުނެވެ.

مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ اللَّـهِ بَاقٍ ۗ وَلَنَجْزِيَنَّ الَّذِينَ صَبَرُوا أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ ﴿٩٦﴾

މާނައީ: ”ތިޔަބައިމީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެތެވެ. އަދި الله  ގެ ޙަޟްރަތުގައިވާ އެއްޗެއް ދެމިހުންނާނެތެވެ. އަދި ހަމަކަށަވަރުން، ކެތްތެރިވީ މީހުންނަށް، އެއުރެން  ޢަމަލުކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.“

އެހިނދު އެކަމަނާގެ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ. ހިތާމައާއި މޮޅިވެރިކަމުގެ ކަޅު ވިލާތައް އެކަމަނާގެ ބޯމަތިން ކެހިގެން ދިޔައެވެ. (މަޞްދަރު: البر و الصلة لابن الجوزي)

ޙަފްޞާ ބިންތު ސީރީން رحمها الله   އަށް މި އާޔަތުން އެހާ ބޮޑު ތަސައްލީއެއް ލިބިވަޑައިގަތީ ކީއްވެތޯއެވެ؟ އެކަމަނާ މި އާޔަތުގެ ވިސްނާ، ތަދައްބަރުކުރެއްވުމުން އެނގިވަޑައިގަތީ މި ދުނިޔޭގައިވާ ކޮންމެ އެއްޗަކީވެސް ނެތި ފަނާވެދާނެ އެއްޗެއްކަމެވެ. ޖީލަކަށްފަހު ޖީލެއް ދުނިޔޭގެ ދަންފަޅި ހަމަކުރުމަށްފަހު، އުޚުރަވީ ޙަޔާތާއި ކުރިމަތިލަމުންދާނެކަމެވެ.

އަދި ކެތްތެރިކަމުގެ މާތްކަންވެސް މި އާޔަތުގައި ބަޔާންވެފައިވެއެވެ.

ކެތްތެރިކަމަކީ ވަރުގަދަ ބާރެކެވެ. ކެތްތެރިކަމަކީ އަލިކަމެއްވެސްމެއެވެ. سورة النحل ގެ މި އާޔަތަކީ ކެތްތެރިވުމަށް ހިތްވަރުދޭ އާޔަތެކެވެ.

މި އާޔަތުގައި ފަނާވެދަނިވި އެއްޗެހީގެ ވާހަކައާއި ދެމިހުންނާނޭ އެއްޗެހީގެ ވާހަކަ އައިސްފައިވެއެވެ. ބުއްދިވެރިޔަކީ ފަނާވެދަނިވި އެއްޗިއްސާއި ކަންކަމަށްވުރެ ދެމިހުންނާނޭ އެއްޗިއްސާއި ކަންކަމަށް އިސްކަންދޭ މީހާއެވެ.

މި އާޔަތުގެ ތަފްސީރުގައި السعدي ވިދާޅުވެފައިވެއެވެ. “ سورة النحل ގެ މި އާޔަތާއި އަޢްލާ ސޫރަތުގެ ނިމޭކޮޅުގައިވާ އާޔަތްތަކާއި އެއްގޮތްކަމެއް އެބަހުއްޓެވެ. މި ދެ އާޔަތުންވެސް ދުނިޔެއާއިމެދު ޒުހުދުވެރިވުމަށް ހިތްވަރުލިބެއެވެ. އަޢްލާ ސޫރަތުގެ ނިމޭކޮޅުގައިވާ އާޔަތްތަކަކީ:

}بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا وَالْآخِرَةُ خَيْرٌ وَأَبْقَى {

މާނައީ: ”އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ ޙާލުވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.“

މުޞީބާތްތައް ކުރިމަތިވާ ވަގުތުތަކުގައި ކީރިތި ޤުރުއާން ކިޔަވާ، އާޔަތްތަކާއިމެދު ވިސްނާ ފިކުރުކުރުމަކީ ހިތަށް ތަސައްލީ ލިބިގެންދާނޭ ކަމެކެވެ.

 

 

 

3