Uncategorized
މުދަލުގެ ޖާދޫގައި ޖެހި، ހޭދަކުރުމަށް ފަސްޖެހިގެ މުށް ބާރުނުކުރޭ!، ހުކުރު ޚުތުބާ

މުދަލުގެ ޖާދޫގައި ޖެހި، ހޭދަކުރުމަށް ފަސްޖެހިގެ މުށް ބާރުނުކުރުމަށް މިއަދު ހުކުރު ޚުތުބާގައި ގޮވާ ލައްވާފިއެވެ. މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ “ މުދަލުގެ ޖާދޫގައި ޖެހި، ހޭދަކުރުމަށް ފަސްޖެހިގެ މުށް ބާރުނުކުރާށެވެ! މުދަލުގައިވާ ވާޖިބު ހޭދަކުރުންތަކާއި، ސުންނަތް ހޭދަކުރުންތައް ދެނެގަންނާށެވެ! އެއަށްފަހު، އެފަދަ ހޭދަތައް ކުރުމުގައި ނުހަނު ދީލަތިވާށެވެ! ހެޔޮ ގޮތުގައި، ހެޔޮ ނިޔަތުގައި ހޭދަކުރެވޭ މުދަލަކީ، ފަހަށް ރައްކާކުރެވޭ އެއްޗެކެވެ. “

އިސްލާމް ދީނުގެ ރުކުންތަކަށް ރައްކާތެރިވުމަށް ގޮވާލާ ޚުތުބާގައި ވިދާޅުވީ ”އިސްލާމް ދީނުގެ ރުކުންތަކަށް ރައްކާތެރިވާ ލޮބުވެތި މުސްލިމް އަޚުންނޭވެ ! އިސްލާމް ދީނުގެ ފަސް ރުކުން ފުރިހަމަ ވާނީ، އެހެން ރުކުންތަކަށް ދޭވަރުގެ އަހައްމިއްޔަތެއް ޒަކާތަށް ވެސް ދީގެންނެވެ. ޒަކާތުގެ މުހިންމުކަމާއި، އޭގެ މަޤާމް ދެނެގަނެ، މުޖުތަމަޢަށް އޭގެ މުހިންމުކަން އޮތް މިންވަރު، އަޅުގަނޑުމެން، ހެޔޮ ހިތުން ޤަބޫލުކޮށް، އެކަމަށް ޢަމަލީސިފަ ގެނެސްގެންނެވެ.“

މުދަލަކީ އާދައިގެ އެއްޗެއް ނޫންކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ “ ޒަކާތް ގުޅިފައިވަނީ މުދަލާއެވެ! މުދަލަކީ އާދައިގެ އެއްޗެއް ނޫނެވެ. ނަފްސުތައް، އެ އެއްޗެއްގެ މައްޗަށް، ނުހަނު ލޯބިޖެހިފައިވާ އެއްޗެކެވެ. މުދަލަކީ ޒީނަތެކެވެ. ބައެއް ފަހަރު ނުރައްކާތެރި ފިތުނައެކެވެ. ބޮޑުވެގެންވާ އިމްތިޙާނެކެވެ. ހެޔޮގޮތުގައި އޭގެ ބޭނުން ހިފައި، ޒަކާތް ނެރެ، ޞަދަޤާތް އުޅޭ ނަމަ، ސުވަރުގެ ވަނުމަށް އޮތް ސަބަބެއް ވެސް މެއެވެ. ޒަކާތަކީ މުދަލަށް ޠާހިރުކަމާއި އިތުރުވުން ގެނުވައިދޭ އަޅުކަމެކެވެ. އުނިކަމާއި ފަސާދައިން، މުދާ ރައްކާތެރިކޮށް، ސަލާމަތްކޮށްދޭ ޢަމަލެކެވެ. ފަހެ ތަނަވަސްކަން ލިބިފައިވާ މީހުންގެ މުދަލުގައި، އޭގެ ޙައްޤުވެރިންނަށްޓަކައި ﷲ ލެއްވެވީ ނުހަނު ކުޑަކުޑަ މިންވަރެކެވެ. ހަމައެންމެ ސާޅީސް ބައިކުޅަ އެއްބައެވެ. އެ މިންވަރާ މެދު ދަހިވެތިކަން ފާޅުނުކުރައްވާށެވެ! އެ މިންވަރު ނެރުން ލަސްނުކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، މުދަލު ޒަކާތަށް އިހުމާލުވުމަކީ، ދުނިޔެ އާއި އާޚިރަތުގައި ތިބާގެ ހަލާކު ކަމުގައި ވެދާނެއެވެ.“

0