ރަމަޟާން
ރޯދަހިފުމުން ލިބޭ ޘަވާބު އެނގޭތަ؟

ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެނާ ބައްދަލު ކޮށްފިއެވެ. ﷲ ވަނީ މި މައްސަރުގައި އެންމެހައި މުސްލިމުންގެ މައްޗަށް ރޯދަ ހިފުން ވާޖިބު ކުރައްވާފައެވެ. ނަމަވެސް ރޯދަ ހިފުމުގެ ޘަވާބާއި ދަރުމަ އެނގޭތޯއެވެ؟ އޭގެތެރެއިން ބައެއް ކަންކަން ބަޔާންކޮށްލާނަމެވެ.

1. ރޯދައިގެ ޘަވާބު ދެއްވަނީ ޚުދު ﷲ، އަދި ރޯދައިގެ ޘަވާބަކަށް ވަކި ޙައްދެއް ނުވަތަ މިންވަރެއް ނެތް

ޤުދުސީ ހަދީޘްފުޅެއްގައި މާތްﷲ ވަޙީކުރެއްވި ބަސްފުޅުއްގެ މާނައިގައި ވެއެވެ: “އާދަމުގެ ދަރިޔާ ކުރާ ހުރިހާ ޢަމަލެއް ނިސްބަތްވަނީ އޭނާއަށެވެ. އެއީ ރޯދަ ފިޔަވައެވެ. އެޢަމަލު ނިސްބަތްވަނީ ތިމަން ﷲއަށެވެ. އެޢަމަލަށް ޖަޒާދެއްވާނީވެސް ޚުދު ތިމަން ﷲއެވެ.” (رواه أحمد, البخاري ومسلم)

(މާތްﷲ އަށް ރޯދައިގެ އަޅުކަން ނިސްބަތްކުރައްވާފައި އެވަނީ މާތްކަމުގެ ގޮތުންނެވެ.)

2. މުސްލިމަކު ރޯދައަށް ހުއްޓާ މަރުވެއްޖެނަމަ އޭނާ ސުވަރުގެ ވަންނާނެ

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: “އެމީހަކު ރޯދައަށް ހުރި ދުވަހެއްގައި އޭނާގެ ނިމުންވެއްޖެ މީހާ ސުވަރުގެ ވަންނަހުއްޓެވެ.” (رواه أحمد والبزار وصححه الألباني)

3. ﷲ އަށްޓަކައި އިޙްލާސްތެރި ކަމާއެކު ރޯދައެއް ހިފައިފިނަމަ ނަރަކައާ 70 އަހަރުގެ ރާސްތާއަށް އޭނާ ދުރުކުރެވޭ

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: ” ﷲގެ ވަޖްހުފުޅަށްޓަކައި ރޯދައެއް ހިފައިފިމީހާ ދަންނައެވެ. އޭނާގެ މޫނު ނަރަކައާ ހަތްދިހަ އަހަރުގެ ރާސްތާއަށް މާތްﷲ ދުރުކޮށްދެއްވަވާނެއެވެ.” (رواه أحمد, البخاري, مسلم, الترمذي وابن ماجه)

4. ރޯދައަކީ ސުވަރުގެ ވަނުމަށް އޮތް މަގެއް، ރޯދަވެރިންނަށް ޚާއްޞަ ކުރެވިފައިވާ ދޮރުކޮޅެއް އެތަނުގައިވޭ

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: “ހަމަކަށަވަރުން ސުވަރުގޭގައި “އައް ރައްޔާނު” އޭ ކިޔޭ ދޮރުކޮޅެއް ވެއެވެ. ޤިޔާމަތްދުވަހު ރޯދަވެރިން އެދޮރުކޮޅުން (ސުވަރުގެއަށް) ވަންނާނެތެވެ. އެއުރެންނާއެކު އެއުރެން ފިޔަވައި އެހެންމީހަކު (އެދޮރުކޮޅަކުން) ނުވަންނާނެއެވެ. (އެދުވަހުގައި) ނިދާ އިއްވެވޭނެއެވެ. ރޯދަވެރިން ކޮބައި ހެއްޔެވެ؟ ދެން އެއުރެން އެދޮރުކޮޅުން ވަންނާނެތެވެ. ފަހެ އެއުރެންގެ އެންމެފަހު މީހާ ވަންނަ ހިނދު، އެދޮރުކޮޅު ބަންދުކުރެވޭނެއެވެ. ފަހެ އެހެން އެއްވެސް މީހަކަން އެދޮރުކޮޅަކުން ނުވަދެވޭނެއެވެ.” (رواه أحمد, البخاري, مسلم والنسائي)

5. ރަމަޟާންމަހުގެ ރޯދަ ހިފުމަކީ އިސްވެގޮސްފައިވާ އެންމެހާ ކުދިފާފަތައް ފުހެވޭކަމެއް

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: “އީމާންވެހުރެ، ﷲގެ ޙަޟްރަތުން ޘަވާބާއި އަޖުރަށް އެދޭ ޙާލު، ރަމަޟާންމަހުގެ ރޯދަހިފައިފި މީހާ، ދަންނައެވެ. އޭނާގެ އިސްވެދިޔަހާ ކުދިފާފައެއް ފޮހެވިގެންދާނެއެވެ.” (رواه أحمد, البخاري, مسلم وأصحاب السنن)

މި ބަރަކާތްތެރި މައްސަރުގައި އަޅުގަނޑުމެން ރޯދަހިފަމުންދާއިރު ހިތަށް އޭގެ ޘަވާބާއި ދަރުމަ ގެނެސް އެ އަޅުކަން ފުރިހަމަ ކުރަމާ ހިންގަވާށެވެ. އޭރުން އަޅުގަނޑުމެން ހިފާ ރޯދަ މުޅިން ތަފާތު ވެގެންދާނެއެވެ. އަޅުކަމުގައި އިޚްލާސްތެރި ވެވޭލެއް ބޮޑުވާނެއެވެ. އަޅުކަން އަދާކުރުމުގައި އުފުލާ ތަކްލީފް ބޮޑުކަމަށް އިޙްސާސެއް ނުކުރެވޭނެއެވެ.

މާތް ﷲ އަޅުގަނޑުމެންގެ ރޯދަ ޤަބޫލުކުރައްވާ މަތިވެރި ޘަވާބާއި ދަރުމަ ދެއްވާނދޭވެ! އާމީން!

މަޞްދަރު: ކިތާބް އައްޞިޔާމް – އައްޝައިޙް މުޙައްމަދު އިބްރާހީމް

https://youtu.be/Is9pdsNqlsU

0