ޢުމްރާ ކުރުމުގެ މާތްކަން

ރަސޫލު ﷺ ޙަދީޘްކުރެެއްވިއެވެ.

((الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا)) [رواه البخاري (١٧٧٣) ومسلم (٣٢٨٩)]

މާނައީ: ”އެއް ޢުމްރާއިން އަނެއް ޢުމްރާއާ ދެމެދު ކުރެވޭ ފާފަތަކުގެ ކައްފާރާއެއް ކަމުގައި ޢުމްރާކުރުންވެއެވެ.“

އަދިވެސް ރަސޫލު ﷺ ޙަދީޘްކުރެެއްވިއެވެ.

((مَنْ أَتَى هَذَا الْبَيْتَ فَلَمْ يَرْفُثْ، وَلَمْ يَفْسُقْ ؛ رَجَعَ كَمَا وَلَدَتْهُ أُمُّهُ )) [رواه مسلم (١٣٥٠)]

މާނައީ: ”މި ގެފުޅަށް ޒިޔާރަތްކޮށް (އިޙްރާމުގައިވާ ޙާލު) ޖިމާޢު ނުވެ، އަދި އުރެދުމެއް ނުވާމީހާ އެނބުރި ދާހުށީ އޭނާގެ މައިމީހާގެ ބަނޑުން ވިހޭ ފަދައިންނެވެ.“

އިބްނު ޙަޖަރު އަދި އިބްނު ބާޒު (رحمهما الله) ވިދާޅުވިއެވެ. “ މި ޙަދީޘްގައި ޙައްޖާއި އުމުރާގެ އަޅުކަން ޝާމިލުވެއެވެ.“

ޢުމްރާގެ ރުކުންތައް

  1. އިޙްރާމްބަނުން
  2. ޠަވާފުކުރުން
  3. ޞަޢުޔުކުރުން

މިއިން ކަމެއް ދޫކޮށްލައިފިނަމަ ޢުމްރާ ޞައްޙައެއް ނުވާނެއެވެ.

ޢުމްރާގެ ވާޖިބުތައް

  1. މީޤާތުން އިޙްރާމްބަނުން
  2. ބޯކޮށުން ނުވަތަ ބޭލުން

މިއިން ކަމެއް ގަސްތުގައި ދޫކޮށްލައިފިނަމަ ފިދުޔަ ދޭން ޖެހޭނެއެވެ.