ޚަބަރު
ކޮންމެ ކަމެއްގެ ޙައްލަކީ ޒުވާބުކޮށް ތަޅާފޮޅުމާއި، ހުތުރު ބަހުން މުޚާޠަބު ކުރުމާއި، ކުށް ހޯދުން ކަމުގައި ވަނީ ނަމަ، އެ ދައްކައިދެވެނީ ހުތުރު ނަމޫނާއެއް : ޚުތުބާ

ކޮންމެ ކަމެއްގެ ޙައްލަކީ ޒުވާބުކޮށް ތަޅާފޮޅުމާއި، ހުތުރު ބަހުން މުޚާޠަބު ކުރުމާއި، ކުށް ހޯދުން ކަމުގައި ވަނީ ނަމަ، އެ ދައްކައިދެވެނީ ހުތުރު ނަމޫނާއެއްކަމަށް މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ވިދާޅުވީ ” މުސްލިމުންގެ މެދުގައި ކަންކަން ކުރުމަށް އިސްލާމް ދީނުގައި އަމުރު ކުރައްވާފައިވަނީ ކަމުވޮށިވެގެންވާ މީހުންގެ މެދުގައި މަޝްވަރާ ކޮށްގެންނެވެ. ރައްޔިތުންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ރައްޔިތުންގެ ކަންކަމާ ޙަވާލުވެފައިވާ މުއައްސަސާތަކުގެ ވެރިންގެ މެދުގައި ވާހަކަ ދައްކައި މަޝްވަރާ ކޮށްގެންނެވެ. ކޮންމެ ކަމެއްގެ ޙައްލަކީ ޒުވާބުކޮށް ތަޅާފޮޅުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ބަހުން މުޚާޠަބު ކުރުމާއި، ކުށް ހޯދުން ކަމުގައި ވަނީ ނަމަ، ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލުތަކަށް އެ ދައްކައިދެވެނީ ހުތުރު ނަމޫނާއެކެވެ. މިއީ މުސްލިމުންގެ މެދުގައި މައްސަލަތައް އުފެދޭ ހިނދު އެކަންކަން ޙައްލު ކުރަން ރަސޫލާ صلى الله عليه وسلم އަންގަވާފައިވާ ރިވެތި ގޮތެއް ނޫނެވެ.”

 

މަލާމަތްކޮށް ބޭކާރުވާހަކަ ދައްކައި އުޅުމުގެ ނުބައިކަން ހާމަކޮށް ޚުތުބާގައި ވިދާޅުވީ ” މުސްލިމުން ދިރިއުޅޭ މުޖްތަމައެއް ވާންވާނީ، އެކަކު އަނެކަށް ރަޙުމުކުރާ، އޯގާވެރި މުޖްތަމަޢަކަށެވެ. ރަސޫލާ صلى الله عليه وسلم ހަދީޘެއްގެ މާނައެއްގެ ވެއެވެ. “ހަމަކަށަވަރުން ތިޔަބައި މީހުންގެ ތެރެއިން ޤިޔާމަތް ދުވަހު، ތިމަންކަލޭގެފާނުގެ އަރިހުގައި އެންމެ ލޮބުވެތިކަން ބޮޑުވެފައި، ތިމަންކަލޭގެފާނާ އެންމެ އަރިސް މީހަކީ، ތިޔަބައިމީހުން ކުރެ އެންމެ އަޚްލާޤު ރަނގަޅުމީހާ އެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން އެދުވަހު ތިމަންކަލޭގެފާނު އެންމެ ރުހިވަޑައިނުގަންނަވާ، ތިމަންކަލޭގެފާނާ އެންމެ ދުރުގައިވާނެ މީހަކީ، ތިޔަބައިމީހުން ކުރެ، ބޭކާރު ވާހަކަ ދައްކައި، މީހުން ދެރަކޮށްލުމުގެ ގޮތުން މަލާމަތްކޮށް އުޅޭ، ބޮޑުމީހާ އެވެ.”

 

ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ވަޞިއްޔަތްތަކަށް އަލި އަޅުވާލާ ޚުތުބާގައި ވިދާޅުވީ ” މި ދަންނަވައިލީ ރަޙުމަތުގެ ލޮބުވެތި ނަބިއްޔާ صلى الله عليه وسلم އެންމެހައި މުސްލިމުންނަށް ދޫކުރައްވާފައި ވަޑައިގެންނެވި، މަތިވެރި ބައެއް ވަޞިއްޔަތްތަކެވެ! މި ވަޞިއްޔަތްތަކަށް އަޅުގަނޑުމެން ފުރަގަސްދީފި ނަމަ، ޤިޔާމަތް ދުވަހުން އަޅުގަނޑުމެންނަށް އެކަލޭގެފާނުގެ އަރިހުގައި ސުވަރުގެއަށް ވަނުމުގެ ނަޞީބު ލިބޭނީ ފަހެ ކޮން ފަދައަކުންތޯއެވެ؟ ނޫސް މަޖައްލާތަކުގައްޔާއި ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ތިމާގެ މުސްލިމު އަޚާގެ ޢިއްޒަތާއި އަބުރަށް އަރައިގަންނަ މީހުން މިފަދަ ވަޞިއްޔަތްތައް ހަނދުމަކުރުން ހުއްޓެވެ. ތިމާގެ އަޚާގެ ޙުރުމަތް ކަނޑާލައި، އަނިޔާވެރިވެ އުޅޭ މީހުން، މިފަދަ ވަޞިއްޔަތްތަކާ މެދު ވިސްނުންހުއްޓެވެ. އެއްވެސް ޙައްޤަކާ ނުލައި ތިމާގެ އަޚާގެ ލޭ އޮހޮރުވާލުމަށް އަތް އުފުލާ މީހާ މިފަދަ ވަޞިއްޔަތްތައް ހަނދުމަކުރުން ހުއްޓެވެ! ތިމާގެ އަޚާއަށް ލިބިފައިވާ ނިޢުމަތްތަކާ މެދު ޙަސަދަވެރިވާ މީހާ މިފަދަ ވަޞިއްޔަތްތައް ހަނދުމަކުރުން ހުއްޓެވެ! ހަމަކަށަވަރުން ވަޞިއްޔަތްތައް ހަނދުމަކޮށް، ﷲ ގެ ޙަޟްރަތުގައިވާ ދަރުމަ އާއި ޘަވާބު އެދިގެން، ނުބައި ޢަމަލުތައް ދޫކޮށްފި މީހާ ޤިޔާމަތް ދުވަހުން ވާހުށީ ކީރިތި ރަސޫލާ صلى الله عليه وسلم އަޑު ގެ އަރިހުގައި ޖައްނަތުލް ފިރުދައުސްގަ އެވެ.”

0