ނަޞޭޙަތާއި އިރުޝާދު
އަހަންނަކީ ބާއްޖަވެރިއެއްކަން ދެނެގަންނާނީ ކިހިނެތް؟

ޙައްޤުގޮތުގައި ބާއްޖަވެރިވެއްޖެމީހެއްގެ ކިބައިގައި ތިން ކަމެއް ހުންނާނެއެވެ. އެއީ: ނިޢުމަތެއް ލިބުމުން ޝުކުރުކުރުމާއި މުޞީބާތެއް ޖެހުމުން ކެތްތެރިވުމާ އަދި ފާފައެއްކުރެވުމުން ފާފަފުއްސެވުމަށް އެދިދެންނެވުމެވެ.

އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.

“އޭނާއަށް ނިޢުމަތެއް ދެއްވުމުން ޝުކުރުވެރިވެއެވެ. އަދި މުޞީބާތެއް ޖެހުމުން ކެތްތެރިވެއެވެ. އަދި ފާފައެއްކުރެވުމުން ފާފަފުއްސެވުމަށް އެދިދަންނަވައެވެ. ފަހެ މިތިން ކަމަކީ އަޅާ ބާއްޖަވެރިވުމުގެ ތިން އަސާސެވެ. އަދި ދުނިޔެއާއި އާޚިރަތުގައިވެސް ކާމިޔާބުވާނެކަމުގެ ޢަލާމާތެވެ. އަދި އެކަމުން އަޅާ ދުވަހަކުވެސް ވަކިވެ ނުދާނެއެވެ.” [ الوابل الصيب / ص: 6 ]

އަދި ކޮންމެ ރެއަކުވެސް ތިބާއަށް ފަރުވާ ކުޑަކުރެވިފައިވާ ކަންކަމާމެދު ނަފްސު ޙިސާބުކުރާށެވެ. އަދި ތިބާއަށް ކުރެވިފައިވާ ގޯސްތަކަކީ ބޮޑުކަމެއްކަމުގައި ދެކޭށެވެ. އަދި އޭގެ ނަތީޖާއަށް ބިރުވެތިވާށެވެ. އެކަންކަމުގެ ވެރިއިލާހު ދެކެ ބިރުވެތިވާށެވެ. އަދި އެއަށްފަހު ކުރެވިފައިވާ ހެޔޮކަންކަމާމެދު މާބޮޑަށް ފިކުރުނުކުރާށެވެ. އެކަންކަމުގެ ވެރިއިލާހުގެ ޘާބަށް އުންމީދުކުރާށެވެ. މިކަންކަމަކީ ބާއްޖަވެރި ޙަޔާތެއް ހޯދުމަށް މަސައްކަތްކުރާ ނަފްސެއްގެ ޢަލާމާތެކެވެ.

އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.

“ބާއްޖަވެރިކަމުގެ ޢަލާމާތަކީ އަޅާކުރާ ހެޔޮކަންތައްތައް އޭނާގެ ފަހަތުގައި ބެހެއްޓުމެވެ. އަދި އޭނާއަށް ކުރެވިފައިވާ ނުބައިކަންތައްތައް ލޯކުރިމަތީގައި ބެހެއްޓުމެވެ. އަދި އަބާއްޖަވެރިކަމުގެ ޢަލާމާތަކީ އޭނާގެ ހެޔޮކަންތައް ލޯކުރިމަތީގައި ބެހެއްޓުމެވެ. އަދި ނުބައިކަންތައްތައް ފަހަތުގައި ބެހެއްޓުމެވެ.” [ مفتاح دار السعادة / (2/ 310)]

ބާއްޖަވެރިއަކީ އޭނާގެ ޚާލިޤުވަންތަ އިލާހަށް ތަޤްވާވެރިވާމީހާއެވެ. އަދި މީހުންނާކުރާ މުޢާމަލާތް ހެޔޮ މީހާއެވެ. އަދި ނިޢުމަތްތަކަށް ޝުކުރުވެރިވެ އެއިލާހަށް ކިޔަމަންގަތުމުގައި އެކަންކަން ބޭނުންކުރާމީހާއެވެ. އަދި މުޞީބާތެއްކުރިމަތިވުމުން އެކަމަށް ކެތްތެރިވެ އެކަމުގެ އަޖުރަށް އުންމީދުކުރާމީހާއެވެ. އަދި އޭނާގެ ހިތްތަނަވަސްކޮށް، ހަމަ ޔަޤީނުންވެސް އޭގެ ސަބަބުން ﷲ ތަޢާލާ އޭނާ ޠާހިރުކޮށްދެއްވައި ދަރަޖައުފުއްލަވައިދެއްވާނެކަމަށް ދެކޭ މީހާއެވެ. އަދި ކުރެވިފައިވާ ކުށްތަކަށް ފާފަފުއްސަވާދެއްވުމަށް އެދި ދަންނަވައި އަދި ފާފަތަކާމެދު ދެރަވާ މީހާއެވެ.

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މަސްދަރު: ދިސަލަފިއްޔާ

0