ނަޞޭޙަތާއި އިރުޝާދު
އަހަރެން އިޚްތިޔާރުކުރާ އަންހެނާގެ ކިބައިގައި ހުންނަންޖެހޭނީ ކޮން ސިފަތަކެއް

އަންހެނާގެ އެތެރެފުށުގެ ކަންކަމާއި އުޅުމުގެ ރިވެތިކަމަކީ، ކައިވެނިކުރުމުގެ ކުރިން އެކަމުގެ ޙަޤީޤީ ސޫރާގައި ފެންނާނެ އެއްޗެއް ނޫނެވެ. ޘަނާކިޔޭފަދަ ސިފަތަކެއް ހުރިކަމަށް ބުނެވުނެ އެތައް އަންހެނުންނެއްވަނީ، އެއާ ޚިލާފު ސިފަތަކެއް ހުރި ބައެއްކަމުގައި ފަހުން އެނގިބަޔާންވެފައެވެ.

އިސްލާމްދީން ބާރުއަޅާފައިވަނީ ކައިވެނިކުރާ ފިރިހެނާ، ދީންވެރި އަންހެނަކު އިޚްތިޔާރުކުރުމަށެވެ. ޝަރުޢީ ކައިވެންޏެއްގެ މަޤްޞަދު ޙާޞިލުވާނީ އެފަދަ މީހެއްގެ ފުށުންނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((تُنْكَحُ الْمَرْأَةُ لِأَرْبَعٍ: لِمَالِهَا، وَلِحَسَبِهَا، وَجَمَالِهَا، وَلِدِيْنِهَا، فَاظْفَرْ بِذَاتِ الدِّيْنِ تَرِبَتْ يَدَاكَ)) [متفق عليه]

މާނައީ: “ހަތަރުކަމަކަށްޓަކާ އަންހެނުންނާ ކައިވެނިކޮށް އުޅެއެވެ. އެއީ އެކަނބުލޭގެ މުދާވެރިކަމަށާއި، ޙަސަބަށާއި، ރީތިކަމަށާއި، ދީންވެރިކަމަށެވެ. ފަހެ، ދީންވެރި އަންހެނާ ޚިޔާރުކުރާށެވެ.  (ނޫނީ) ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ. [އެބަހީ: ތިބާ ފަޤީރުވެ، ޙަޔާތް ބަރުބާދުވެދާނެއެވެ.]”

ދީންވެރިކަމަކީ ކައިވެނި ކުރެވޭ އަންހެނާގެ ކިބައިގައި ހުންނަންޖެހޭ އެންމެ އަސާސީ ސިފަކަމުގައި ހަދާށެވެ. ހަމައެއާއެކު އޭނާގެ ޚުލުޤުގެ މަތިވެރިކަމާއި މުޢާމަލާތުގެ ރަނގަޅުކަމާ އަދި މީހުންނާ ބައްދަލުކުރާއިރު މޫނުމަތީގައި ހުންނަ އުޖާލާކަމަށްވެސް ބަލާށެވެ. ފަހެ އޭނާގެ ދީންވެރިކަމާއި ޚުލުޤުވެރިކަމާއެކު ރިވެތި މީހަކަށްވުމަކީވެސް އޭނާގެ ސިފަތަކަށް ލިބޭ އިތުރުފުރިހަމަކަމެކެވެ.

އަދި ދީންވެރިކަމާއި މުދާވެރިކަމާއި ޙަސަބުވެރިކަމާއި ރީތިކަން އަންހެނެއްގެ ކިބައިގައި ޖަމާވެއްޖެނަމަ ދަންނައެވެ. އެމީހަކު އިޚްތިޔާރުކުރާށެވެ. އަދި ދީންވެރިކަމުގެ މައްޗަށް ރީތިކަން ޚިޔާރުނުކުރާށެވެ. ނަބިއްޔާ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ.

((الدُّنْيَا مَتَاعٌ وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ)) [رواه مسلم]

މާނައީ: “މިދުނިޔެއަކީ ވަގުތީ އުފަލެކެވެ. އަދި މިދުނިޔޭގެ އެންމެ ހެޔޮ އުފަލަކީ ޞާލިޙު އަންހެނެކެވެ.”

އަދި ކައިވެންޏަށް އެދުމުގެ ކުރިން މަޑުމައިތިރިކަމާއެކު ކަންކަން ނިންމުމަށް އާދަކުރާށެވެ. އަދި އެ އަންހެންކުއްޖާގެ މައިންބަފައިންގެ އަޚްލާޤާ ބެހޭގޮތުން މީހުންކައިރިން އަހައިގެން އޮޅުން ފިލުވާށެވެ. އެއީ އެކުއްޖާގެ ޚުލުޤުމަތިވެރިވުމުގެ އަޞްލެވެ. ފަހެ އެދެމީހުންކުރެ އެކަކުގެ ކިބައިގައިވެސް މައްސަލަތަކެއް އުޅޭނަމަ އޭގެ ސަބަބުން އެކުއްޖާއަށްވެސް އެކަމުގެ އަޘަރުކޮށްފައި ހުރުމަކީ އެކަށީގެންވާކަމެކެވެ.

 

މަސްދަރު: ދިސަފިއްޔާ

1