ޚަބަރު
މިއަދު އިސްލާމް ދީނުގެ ނަމުގައި ފަތުރާ ދީނާ ޚިލާފު ފިކުރުތަކާއި، މަޢުލޫމާތުގެ ނުރައްކާތެރިކަން ވަކި ކުޑައެއް ނޫން – ޚުތުބާ

މިއަދު އިސްލާމް ދީނުގެ ނަމުގައި ފަތުރާ ދީނާ ޚިލާފު ފިކުރުތަކާއި، މަޢުލޫމާތުގެ ނުރައްކާތެރިކަން ވަކި ކުޑައެއް ނޫންކަމަށް މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ވިދާޅުވީ ” މިއަދު އިސްލާމް ދީނަށް ނިސްބަތްވާ ބަޔަކު އެ ދީނުގެ ނަމުގައި ފަތުރާ ދީނާ ޚިލާފު ފިކުރުތަކާއި، މަޢުލޫމާތުގެ ނުރައްކާތެރިކަން ވަކި ކުޑައެއް ނޫނެވެ. މިބައި މީހުން ޤަބޫލުކުރާ ގޮތްތަކާއި ފިކުރުތަކަށް ތަބަޢަނުވާ ކޮންމެ މީހަކީ ކާފިރެއް ކަމުގައި ކަނޑައަޅައި، މަރު ހުއްދަ ކުރެއެވެ. އެ ފިކުރުތަކަށް ޢަމަލު ނުކުރާ ސަރުކާރަކީ، ޠާޣޫތު ކަމުގައި ނިންމައެވެ. އަދި އެ ސަރުކާރުގެ މުވައްޒަފުންނަކީ ކާފިރުން ކަމުގައި ނިންމައި، އެ މީހުންގެ ފަހަތުގައި ނަމާދު ކުރުން ހުއްޓާލަ އެވެ. އެމީހުން ދިރިއުޅޭ ބިމަކީ ދާރުލް ކުފުރު ކަމުގައި ނިންމައެވެ. މި ނުބައި ނިންމުންތަކުގެ ސަބަބުން އެ ޤައުމުގެ މީހުންގެ މުދާ ފޭރުމާއި، މެރުން ހުއްދަ ކުރެ އެވެ. މި ވަރުން ނިމުނީ އަކީ އެއް ނޫނެވެ. މިފަދަ މީހުން އެހެން މީހުންނާ މުޅިން ވަކިވެގަނެ އެވެ. އެހެން މީހެއްގެ ސަލާމަށް ޖަވާބެއް ނުދެ އެވެ. ވަރިކާވަނީގެ މުޢާމަލާތްތައް ގިނައިން ކޮށް އުޅެނީ އެ މީހުންގެ މީހުންނާ އެކަންޏެވެ. އެމީހުން ކައިވެނި ކުރާކަށް ޝަރުޢީ ކޯޓުތައް ކަމަކު ނުދެއެވެ. ނަމާދު ކުރުމަށް މިސްކިތްތައް ކަމަކު ނުދެއެވެ. ސަރުކާރުގެ އެއްވެސް ވަޒީފާއެއް ހުއްދައެއް ނުކުރެއެވެ.”

ދިވެހި ރާއްޖެ އިސްލާމްދީނުގެ މަތިވެރި އަޤީދާ ރަސްމީކޮށް ބަލައިގަތްތާ 900ވަރަކަށް އަހަރުވިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ” އިސްލާމް ދީނަކީ އަހަރެމެންގެ މުޅި ޙަޔާތް އެ ދީނުގެ އުޞޫލުތަކާ އެއްގޮތަށް ބައްޓަންކުރަން ޖެހޭ ދީނެވެ. މިއަދު ދުނިޔެ ހޯދާފައިވާ ޢިލްމީ ކުރިއެރުންތަކާއި ރަށްވެހިކަމުގެ ސަބަބުން އިންސާނާގެ ޙަޔާތަށް މާއްދީ ގިނަގުނަ ފާގަތިކަމާއި، ފަސޭހަތައް ލިބެމުން ދިޔަނަމަވެސް އިސްލާމް ދީނާ ދުރުވެއްޖެ ނަމަ، އޭނާ އަށް ބޭނުންވާ ރޫޙާނީ ކާނާ ދާނީ މަދުވަމުންނެވެ. އެހެންކަމުން އިސްލާމް ދީނުގެއަގުތައް މުސްލިމުންގެ ހިތްތަކުގައި އަބަދު ވެސް ދިރުވަން ޖެހޭނެ އެވެ. އިންސާނާއަށް ބާއްޖަވެރިކަން ގެނެސްދިނުމާއި އެކުވެރިކަމާއި، އޯގާތެރިކަމާއި، އެއްބަނޑު އެއްބަފާކަމުގެ ޝުޢޫރުތައް އާލާކުރުމަށްޓަކައި މިއަދު މިވަނީ އިސްލާމް ދީނުގެ ހަމަތަކުގައި ހިފުމަށް ނުހަނު ބޮޑަށް ބޭނުންވެފަ އެވެ. ”

އިސްލާމްދީނުގެ ސައްޙަ އަޤީދާގެ މުހިއްމުކަން ފާހަގަކޮށް ޚުތުބާގައި ވިދާޅުވީ “އިސްލާމް ދީނަކީ މުސްލިމަކު ދުނިޔެއަށް އުފަންވީއްސުރެ އުޚްރަވީ ޙަޔާތަށް ވާޞިލު ވެއްޖައުމަށް ދާންދެން އޭނާގެ ހުރިހާ ކަމެއް ރާވައިދޭ މަންހަޖެވެ. މި މަންހަޖުގެ އަސާސަކީ އިސްލާމީ ޢަޤީދާ އެވެ. ނުވަތަ ތަޤްޙީދެވެ. ކީރިތި ރަސޫލާ ޕަ މައްކާގައި ބާރުއެޅުއްވީ މި ޢަޤީދާ ދަސްކޮށްދެއްވައި، މީސްތަކުން އޭގެ މަތީގައި ސާބިތު ކުރެއްވުމަށެވެ. އަޅުގަނޑުމެންގެ ދުޝްމަނުން އަބަދުވެސް މަސައްކަތް ކުރަނީ މި ޢަޤީދާ ބަލި ކުރުމަށެވެ. މުސްލިމުން އިސްލާމް ދީނާ ބީރަށްޓެހިކޮށް، އިސްލާމް ދީނާ މެދު ޝައްކު އުފައްދައި، އެ ދީނާ މެދު ނަފްރަތު އުފެއްދުމަށެވެ.”

0