ނަޞޭޙަތާއި އިރުޝާދު
އަހަރެންގެ ގާތްތިމާގެ މީހުން އަހަންނާމެދު ނުބައިކޮށް ހިތަނީ ކީއްވެ؟

ގާތްކަން ބެހެއްޓުމުގައްޔާއި އަޅާލުމުގައްޔާއި ރަޙުމުކުރުމުގައި ގާތްތިމާގެ މީހުން އެއްހަމައެއް ނޫނެވެ. ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ މަތިވެރި އަޅުކަމެކެވެ. އެއީ ތިބާއާމެދު ބަޔަކު ޢަމަލުކުރާގޮތަށް ކުރާކަމެއް ނޫނެވެ. އަދި ބަޔަކު ރަޙިމުގެ ގުޅުން ދޫކޮށްލުމުން އެކަން ދޫކޮށްލާކަށްވެސް ނުޖެހެއެވެ. އަދި ކިއެއް ހެއްޔެވެ. މުސްލިމުންނަކީ އެމީހުންގެ ގާތްތިމާގެ މީހުން އެގުޅުން ކެނޑިޔަސް ގުޅުން ބަދަހިކުރާ ބައެކެވެ. އެހެނީ އެއީ އަޅުކަމެކެވެ. އެބައިމީހުންނާ ގުޅުން ބަދަހިކުރަނީ އެމީހުން ޢަމަލުކުރާ ގޮތަށް ބަލާފައެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތަށް އަދާކުރެވޭ އަޅުކަމަކަށް ވާތީއެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

«لَيْسَ الوَاصِلُ بِالْمُكَافِئِ، وَلَكِنِ الوَاصِلُ الَّذِي إِذَا قُطِعَتْ رَحِمُهُ وَصَلَهَا» [رواه البخاري]

މާނައީ: “(ހަމައެކަނި) ރަޙިމުގެ ގުޅުން ބާއްވާ މީހުންނާ ގުޅުން ބާއްވާ މީހަކީ ރަޙިމުގެ ގުޅުން ޤާއިމުކުރާމީހެއް ނޫނެވެ. އެހެނެއްކަމަކު ރަޙިމުގެ ގުޅުން ޤާއިމުކުރާމީހަކީ އޭނާއާ ރަޙިމުގެ ގުޅުން ކަނޑާލުމުން އެ ޤާއިމުކުރާމީހާއެވެ.”

އަދި ނަބިއްޔާ ﷺ ގެ ގާތްތިމާގެ ބޭކަލުންކުރެ މުޝްރިކުން އެކަލޭގެފާނާ ނުހަނު ގޯނާކުރިއެވެ. ނަމަވެސް އެކަލޭގެފާނު އެބައިމީހުންނާ ރަޙިމުގެ ގުޅުން ޤާއިމުކުރެއްވިއެވެ.

 

_______________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މަސްދަރު: ދިސަލަފިއްޔާ

0