ނަޞޭޙަތާއި އިރުޝާދު
މުޞީބާތްތައް ލުއިވާނީ ކިހިނެތް 1

އިބްނުލް ޖައުޒީ ވިދާޅުވިއެވެ. [1] “އިންސާނާއަށް ހަވާލުކުރެވިފައިވާ ތަކުލީފުތަކުގެ ތެރޭގައި، އޭނާއަށް އެންމެ އުނދަގޫކަމަކީ ﷲ ގެ ނިޔާކުރެއްވުމަށް ކެތްތެރިވުމެވެ. އަދި އެކަމުގައި އެންމެ މޮޅުއިތުރީ އެކަމާމެދު ރުހެމެވެ.”

ދުނިޔޭގެ ކަނޑު ދައުރުވާ ގޮތާ މެދު ވިސްނާ، އެތަނުގައި ރާޅު ނަގާގޮތް ދެނެގަނެ، ދިމާވާ ކަންކަމަށް ކެތްކުރާނެ ގޮތް އެނގިއްޖެމީހަކު މުސީބާތެއް ޖެހިގެން އެކަމާ ފަސްނުޖެހޭނެއެވެ. އަދި ދުނިޔޭގައި ލިބޭ ފަސޭޙަކަމާމެދު މާބޮޑަށް އުފާނުކުރާނެއެވެ. ފަހެ ދުނިޔަވީ ކަންކަން ފާއިތުވުމުން އެކަންކަމާ ހިތާމަ ނުކުރާ ހުށިކަމެވެ…

އިބްނުލް ޤައްޔިމް ވިދާޅުވިއެވެ. [2] “ޝައިޚުލް އިސްލާމް (އިބްނު ތައިމިއްޔާ) އެއްފަހަރަކު، ތިމަން ގާތުގައި ވިދާޅުވިއެވެ. ދިމާވާ އެކި ކަންތައްތަކާއި އިމްތިޙާނުތަކަކީ އެއީ ފިންޏާއި ހޫނުފަދަ ކަންކަމެވެ. އެކަންކަމާ ކޮންމެހެންވެސް ދިމާވާނެކަން އަޅާއަށް ވިސްނިއްޖެނަމަ، އެކަންކަން މެދުވެރިވުމުން އޭނާ އެކަމާ ރުޅިއިސްނުކުރާނެއެވެ. އަދި އެކަމާ ކަންބޮޑުވެ ހިތާމަވެސް ނުކުރާނެއެވެ.”

ޙަޔާތުގައި ދިމާވާ އެކި ކަންކަމާމެދު ކަންބޮޑުވެދާނެއެވެ. މީސްތަކުންނަށް މިޙަޔާތުގައި އުޤޫބާތް ދެއްވެނީ އެމީހަކު ދުނިޔަވީ ކަންކަމާ އުޅުނު މިންވަރަކަށެވެ. އެތަނުގައިވާ ކަމަކާމެދު އުފާކުރާނަމަ އެވެގެންދަނީ ހަމަ އެއާމެދު ހިތާމަވެސް ކުރަންޖެހޭކަމަށެވެ. ދުނިޔޭގެ ދަތިއުނދަގޫތައް ނުކުމެގެން އަންނަނީ ހަމަ ދުނިޔަވީ ލައްޒަތުތަކުންނެވެ. އަދި ހިތާމަތަށް ނުކުންނަނީ އުފާތަކުންނެވެ.

އަބުއްދަރްދާ ވިދާޅުވިއެވެ. “ﷲ ގެ ޙަޟްރަތުގައި މިދުނިޔޭގެ އެއްވެސް އަގެއް ނެތްކަން އަންގައިދޭ އެއްކަމަކީ، އެއިލާހަށް އުރެދެވޭ ހަމައެކަނި ތަނަކީ މިދުނިޔެކަމުގައި ލެއްވުމެވެ. ދުނިޔެ ދޫކޮށްލައިގެން މެނުވީ އެއިލާހުގެ ޙަޟްރަތުގައިވާ އެއްޗެއް ނުހޯދޭނެއެވެ.”

___________________________

[1] صيد الخاطر ص: 91

[2] مدارج السالكين 3/389

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މަސްދަރު: ދިސަލަފިއްޔާ

0