ނަޞޭޙަތާއި އިރުޝާދު
އެހެން މީހުން ކުޑައިމީސް ނުކުރޭ 2

މީސްތަކުންނަށް ތަވާޟުޢުވެރިވުމަކީ އީމާންކަމުގެ ޞައްޙަކަމުގެ ހެއްކެކެވެ. (ތަވާޟުޢުވެރިވުމަކީ ބޮޑާވެރިކަމުގެ އިދިކޮޅޮ ސިފައެވެ.) އަދި ބުއްދި ފުރިހަމަކަމުގެ ދަލީލެކެވެ. އަދި ހިތުގައިވާ އޯގާތެރިކަމުގެ ދަލީލެއްވެސް މެއެވެ.

އިބްނު ރަޖަބު ވިދާޅުވިއެވެ.[1]

“ދުނިޔޭގައި އުޅޭ މީސްތަކުންގެ ތެރެއިން، ރީތި ޞޫރައަކާއި މުދަލާއި ޖާހާއި ރިޔާސަތު ލިބިފައިވާ ވަރަށް ގިނަ މީހުންގެ ހިތް ވަނީ ޚަރާބުވެ ތަޤްވާއިން އެއްކިބާވެފައެވެ. އަދި އެއިން އެއްވެސް ކަމެއް ނެތް މީހެއްގެ ހިތް ފުރާ ތަޤްވާވެރިކަން ހުރެދާނެއެވެ. ފަހެ އޭގެ ސަބަބުން ﷲ ގެ ޙަޟްރަތުގައި އޭނާގެ މާތްކަން މާބޮޑުވާނެއެވެ. އަދި ކިއެއް ހެއްޔެވެ. ޢާންމުކޮށް ކަން ހިނގާ އުޞޫލަކީވެސް މިއީއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«أَلاَ أُخْبِرُكُمْ بِأَهْلِ الجَنَّةِ، كُلُّ ضَعِيفٍ مُتَضَعِّفٍ، لَوْ أَقْسَمَ عَلَى اللَّهِ لَأَبَرَّهُ، أَلاَ أُخْبِرُكُمْ بِأَهْلِ النَّارِ، كُلُّ عُتُلٍّ جَوَّاظٍ مُسْتَكْبِرٍ» [متفق عليه]

މާނައީ: “ސުވަރުގޭގެ އަހުލުވެރިންނާމެދު ތިޔަބޭކަލުންނަށް ޚަބަރު ނުދެއްވަންތޯއެވެ؟ އެއީ ނިކަމެތިންނެވެ. އަދި ނިކަމެތިކަމަށް މީސްތަކުން ދެކޭ ކޮންމެ މީހެކެވެ. އެހެނަސް އެއިން މީހަކު ﷲގަންދީ ހުވައެއްކޮށް (އެކަމެއް ވާނެކަމަށް ބުނެފިނަމަ، އެމީހަކަށް ހުރި ކަރާމަތެއްގެ ގޮތުން) އެބުނި ގޮތަށް ﷲ ތަޢާލާ އެކަން ފުއްދަވާ ދެއްވާ ހުއްޓެވެ. ނަރަކައިގެ އަހުލުވެރިންނާމެދު ތިޔަބޭކަލުންނަށް ޚަބަރު ނުދެއްވަންތޯއެވެ؟ އެއީ ހިތްހަރު ދޫނުބައި، މީސްތަކުންނަށް ހެޔޮ ނުފޯރުވާ، ބޮޑާވެރި ކޮންމެ މީހެކެވެ.”

ތަވާޟުޢުވެރިކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައިވެސް މަތިވެރިވެގެންދާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلَّا رَفَعَهُ اللهُ)) [رواه مسلم]

މާނައީ: “ﷲ އަށްޓަކައި ތަވާޟުޢުވެރިވި މީހަކު (ދަންނައެވެ.) ﷲ ނުއުފުއްލަވާ އެފަދަ އެކަކުވެސް ނުވެއެވެ.”

މުޙައްދިޘުންގެ ޝައިޚުކަމުގައިވާ އަބޫ މޫސާ އަލްމަދަނީގެ ޤަދަރުގެ މަތިވެރިކަމާއި މަޤާމުގެ މަތިކަމާއެކުވެސް، އެކަލޭގެފާނު ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދެއްވުމަށްޓަކައި ފިލާގައި ލިޔުއްވައިދީ އުޅުއްވިއެވެ.

ތަވާޟުޢުވެރި މީހުންނަކީ ކޮންމެ މީހަކު ފެނުނަސް އޭނާ ތިމަންނާއަށް ވުރެ މާ މޮޅޭ (ހިތާހިތާ) ބުނާ މީހާއެވެ.

އިމާމުއްޝާފިޢީ ވިދާޅުވިއެވެ.

“އެންމެ ޤަދަރު އުފުލިފައިވާ މީހަކީ އޭނާގެ ޤަދަރު އޭނާ އަމިއްލައަށް ނުފެންނަ މީހާއެވެ. އަދި އެންމެ މާތްކަން ބޮޑު މީހަކީ އޭނާގެ މާތްކަން އޭނާ އަމިއްލައަށް ނުފެންނަ މީހާއެވެ.”

 

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މަސްދަރު: ދިސަލަފިއްޔާ

0