ޚަބަރު
ސަލަފު ޖަމިއްޔާއަށް ފިޔަވަޅު އެޅުން ކުށްވެރިކޮށް ޢިލްމް ޖަމިއްޔާއިން ބަޔާނެއް ނެރެފި

ޢިލްމް ޖަމިއްޔާއިން ނެރެފައިވާ ބަޔާންގައިވަނީ ” ޖަމްޢިއްޔަތުއްސަލަފަކީ އިސްލާމީ ޞައްޙަ އަޤީދާ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އާލާކުރުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ނަމޫނާ ޖަމްޢިއްޔާއެކެވެ. ހަމައެހެންމެ ޖަމްޢިއްޔަތުއްސަލަފަކީ އިސްލާމުދީނުގެ މެދުމިނާއި ދީނުގެ ރިވެރި އަޚްލާޤާއި ރިވެތި އުސޫލުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުން އަންނަ ޖަމްޢިއްޔާއެއްކެވެ.”

ސަލަފު ޖަމިއްޔާގެ އެހީތެރިކަމާއެކު ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލާ ބަޔާންކޮށްފައިވަނީ ” އަޅުގަނޑުމެންނަކީވެސް ޖަމްޢިއްޔަތުއްސަލަފާ ގުޅިގެންގެ އެކިއެކި ދީނީ ދަރުސް ޕްރޮގުރާމުތައް އެކިއަހަރުމަތީން ރާވާ ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. މިފަދަ އެއްވެސް ޕްރޮގުރާމެއްގައި ހަރުކަށި ފިކުރަށް ހިތްވަރުދީ، ދީނުގައި ހައްދުފަހަނަ އަޅާދިޔުމަށް ނުވަތަ މީހުން މެރުމަށް ބަރާރުއަޅައި އެކަމަށް ހިތްވަރުލިބޭ އެއްވެސް ވާހަކައެއް ޖަމްޢިއްޔަތުއްސަލަފުން ދައްކާފައި ނުވާކަމަށް އަޅުގަނޑުމެން ހެކިވަމެވެ. ކަންމިހެން ހުރިއިރު، ދީނީ މައްސަލަތަކުގައި ދީނީގޮތުން ކަންކަން އޮންނަގޮތް އޮޅުން ފިލުވައިދީ އަދި ދީނީ ކަންކަމުގައި ހައްޤުބަސް ބުނުމަށްޓަކައި ހެދިފައިވާ މިފަދަ ޖަމްޢިއްޔާތަކަށް ފިޔަވަޅުއަޅައި އުވާލުން ވެގެންދާނީ، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތައް ފެތުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށެވެ.”

ފިޔަވަޅުއެޅުން ކުށްވެރިކޮށް ބަޔާންކޮށްފައިވަނީ ” އެއްވެސް ހެއްކެއް ޤަރީނާ އެއްނެތި ފްރޭމްކޮށްގެން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ޖަމްޢިއްޔާތައް ހިންގުމަށް ބަޔާންކޮށްފައިވާ ގޮތުގެމަތީން ހިންގަމުން އަންނަ ޖަމްޢިއްޔާއަކަށް ފިޔަވަޅުއެޅުމަކީ ބޭއިންސާފުން ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ވީމާ މިފަދަ އަނިޔާތައް ހުއްޓުވުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް މި ޖަމްޢިއްޔާގެ ފަރާތުން ގޮވާލަމެވެ. އަދި މިފަދަ ނާތަހުޒީބީ ޢަމަލުތައް ހިންގާ ފަރާތްތަކުން، ﷲ އަށް ބިރުވެތިވުމަށް ގޮވާލަމެވެ. އަދި އެފަދަ ފަރާތްތަކަށް ހެޔޮވިސްނުން ދެއްވާ، ޙައްޤުގެ މަގަށް ރުޖޫއަވުމުގެ ތަޢުފީޤު މިންވަރު ކުރައްވާށިއެވެ. އާމީން “

0