ޚަބަރު
ދަރިންތަރުބިއްޔަތު ކުރުމަކީ ޤުރުބާނީއެއް އަދި ދަރުމަ ހުރި ޖިހާދެއް – ޚުތުބާ

ދަރިންތަރުބިއްޔަތު ކުރުމަކީ ޤުރުބާނީއެއް އަދި ދަރުމަ ހުރި ޖިހާދެއްކަމުގައި މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ވިދާޅުވީ “ ލޮބުވެތި މައިންބަފައިންނޭވެ! ދަރިން ތަރުބިޔަތު ކުރުމުގައި ތިޔަ ވަނީ ވަރަށް ބޮޑު ޤުރުބާނީއެކެވެ. ދަރުމަ ހުރި ޖިހާދެކެވެ. މަދަރުސާތަކުގެ ޗުއްޓީ ދުވަސްވަރުގައި ވެސް އެކަމަށް ފުރިހަމައަށް ސަމާލުކަން ދޭށެވެ! ޗުއްޓީ ހެޔޮ ގޮތުގައި ހޭދަކުރުމުގެ ގޮތުން ތަފާތު ހެއު ޢަމަލުތައް އެ ކުދިން ލައްވައި ކުރުވުމަށް ބާރު އަޅާށެވެ! ފަސްވަގުތުގެ ނަމާދަށް އެކުދިން ސަމާލު ކުރުވައި، އެކަމުގެ މައްޗަށް އެ ކުދިން ހާނުވާށެވެ! ޗުއްޓީގެ އުފާ ޙާޞިލު ކުރުމުގެ އިތުރުން މިދުވަސްވަރު ވެސް ކީރިތި ޤުރްއާން ކިޔެވުމާއި، ރިވެތި އަޚްލާޤުގެ މަތީގައި ދަރިން ތަރުބިޔަތު ކުރާށެވެ! ތިޔަ ލޮބުވެތި ބެލެނިވެރިންނަކީ އަބަދުވެސް އެކުދިންނަށް ހެޔޮމަގު ދައްކާ ނަމޫނާ ބަޔަކަށް ވާށެވެ!”

ޗުއްޓީ ހޭދަކުރުމުގައި ސަމާލުކަންދޭންވީ ކަންކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ” ދަރިންނަކީ، އެކުދިން އުޅޭ ނޫޅޭ ގޮތާއި، ކުރާކަންތަކާ މެދު ކޮންމެ މަޔަކާއި ބަފަޔަކު، އާޚިރަތް ދުވަހު މަސްއޫލުވާން ޖެހޭނެ މީހަކު ކަން ދަންނާށެވެ! ވުމާއެކު މަދަރުސާތައް ބަންދުވި ނަމަވެސް އެ ބަންދުގައި އެކުދިން ޗުއްޓީ ހޭދަކުރުމުގައި ކަންކަން ކުރަންވާ ރިވެތިގޮތް ބުނެދޭށެވެ! ކުދިން އުޅެނީ ކޮންކަހަލަ އެކުވެރިންނާ އެކުގައިކަން ތިޔަ ބެލެނިވެރިން ބަލާށެވެ! އެ ކުދިންނަށް ދުނިޔެވީ ގޮތުން ދޭންޖެހޭ ތަމްރީނުތަކަށް ސަމާލުކަންދީ، އެފަދަ ކަންކަން ދަސްކޮށްދީ، އޮޅުން ފިލުވައިދޭށެވެ!”

ޒުވާން ކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ގޮވާލައްވާ ޚުތުބާގައި ވިދާޅުވީ ” ލޮބުވެތި ޒުވާނުންނޭވެ! ޒުވާން ކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! ނުރަނގަޅު އެކުވެރިން އިޚްތިޔާރު ނުކުރާށެވެ! އެހެނީ އެފަދަ އެކުވެރިން މަސައްކަތް ކުރާނީ މުންކަރާތްތަކަކީ، ރަނގަޅު ކަންތައް ކަމުގައި ދައްކައިގެން ތިޔަ ކުދިންގެ ސިކުޑިތަކާއި ކުޅެލުމެވެ. ލޮބުވެތި ޒުވާނުންނޭވެ! ތިޔައީ އުއްމަތުގެ އެންމެ އަގުބޮޑު ރައުސުލްމާލެވެ. މި އުއްމަތް ކުރިއަރައި ދިއުމަށް ބޭނުންވާ އެންމެ ބޭނުންތެރި އެއް ބަހާއެވެ. އުއްމަތް ހެޔޮގޮތުގައި ދެމިއޮތުމަށް އެންމެ ބޮޑު ޒިއްމާއެއް އެބަޔެއްގެ ކޮނޑުގައި އެޅުވިފައިވާ ބަޔަކީ ތިޔައީއެވެ. ތިޔަ ޒުވާނުންގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުން ހިފާށެވެ! ބޭކާރު ގޮތުގައި ވަގުތުތައް ނަގައިނުލާށެވެ! ޒިއްމާތައް ފުރިހަމައަށް އަދާކުރާށެވެ!”

0