ނަޞޭޙަތާއި އިރުޝާދު
އެސްފީނާ އަށް ތަފްޞީލީ ނަޡަރެއް – 3
  • ކުރީ ލިޔުމުގައި: އެސްފީނާ ޖެހުނަނުދޭން ހަދަންވީގޮތް، މީހެއްގެ ކިބައިގައިވާ ރަނގަޅުކަމެއްގެ ވާހަކަ ދައްކާއިރު ”مَا شَاءَ اللَّهُ“ ކިޔުމަކީ ކޮންކަހަލަ ކަމެއްކަން.
  • މިލިޔުމުގައި: އެސްފީނާ ޖެއްސި މީހާ ގާތުން އޭނާގެ ހަށިގަނޑު ދޮންނަން އެދިއްޖެ ނަމަ އެކަމަށް އިންކާރު ނުކުރެވޭނެކަން، ރުޤްޔާ ކުރުމުގައި ޚާއްސަ އާޔަތްތައް ކިޔައި ރުޤްޔާ ކުރުމަކީ ކޮންކަހަލަ ކަމެއްކަން.

އެސްފީނާއެއް ޖެއްސީ ނުވަތަ ޖެހުނީ މިވެނި މީހެއްގެ ފަރާތުން ކަން އެގޭނަމަ، އެމީހަކު ލައްވާ، މިސީރީސްގެ ފުރަތަމަ ލިޔުމުގައި ޛިކުރުވުރެވިފައިވާ ޙަދީޘުގައި ވާ ފަދައިން ހަށިގަނޑުގެ ގުނަވަންތައް ދޮވެ، ދޮވުމުގައި އޮހޮރިގެން އަންނަ ފެން ނަގައިގެން އެސްފީނާ ޖެހިފައިވާ މީހާގެ ގަޔަށް ޖަހާނީއެވެ. ޙަދީޘުގައި އިޒާރުގެ އެތެރެ ދޮވުނުކަމަށް އޮތް ބައިގެ މުރާދަކީ، ފަގުޑި ނުވަތަ ތާކިހާ ނުވަތަ، ލައިގެން ހުރި ހެދުމުގެ އެތެރެ ދޮވެލުން ކަމަށް ޝައިޚް މުނައްޖިދުގެ ވެބްސައިޓެއް ކަމަށްވާ (https://islamqa.info) ގެ ފަތުވާއެއްގައި ވެއެވެ.(1)

އަދި މީހަކު ތިމާ ގާތަށް އައިސް، ތިބާގެ ކިބައިން އަހަންނަށް ނުވަތަ މިވެނި މީހަކަށް އެސްފީނާ ޖެހިއްޖެޔޭ، ނުވަތަ ޖެހިއްޖެ ކަމަށް ބެލެވެޔޭ، އެހެންވީމާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރަށްވާފައި ވާ ފަދައިން، ތިބާ ކައިރިން ގުނަވަންތައް ދޮވުމަށް ތިމަންނަ އެދެމޭ ބުނެވިއްޖެ ނަމަ، އެއެދުން ފުއްދައި ދޭން ޖެހޭނެއެވެ. ސަބަބަކީ އެކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރު ކުރަށްވާފައި ވީތީއެވެ. އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ޛިކުރުކުރަށްވާފައިވާ ޙަދީޘެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރަށްވާފައި ވެއެވެ. عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ الْعَيْنُ حَقٌّ وَلَوْ كَانَ شَىْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ وَإِذَا اسْتُغْسِلْتُمْ فَاغْسِلُوا ‏”‏‏.‏(2)

މާނަ: އިބްނު ޢައްބާސްގެ އަރިހުން ރިވާވެފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “އެސްފީނާއަކީ ޙަޤީޤަތެކެވެ. އެއްވެސް އެއްޗަކީ ﷲ ގެ ޤަދްރު ފަހަނައަޅައި ދާ އެއްޗެއްކަމުގައި ވީނަމަ، ފަހެ، އެސްފީނާ އެފަދައިން ވީހެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ކިބައިން ދޮވުމަށް އެދެވިއްޖެނަމަ، ފަހެ، އެކަންކުރާހުށިކަމެވެ.”

އެހެންކަމުން މީހަކު މިކަމަށްޓަކައި ގުނަވަންތަށް ދޮވުމަށް ތިބާ ގާތުން އެދިއްޖެ ނަމަ އެއްވެސް ޙާލެއްގައި ރުޅި އިސްކޮށްގެން ނުވާނެއެވެ. އަދި އެކަމަށް އިންކާރުކޮށްގެންވެސް ނުވާނެއެވެ. އެހެނީ އެފަދައިން ކަންތައް ކޮށްގެން އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެއެވެ. އަދި އެއެދުމަށް ޢިޖާބަ ދިނުމަކީ އޭނާގެ މައްޗަށް ވާ ޒިންމާއެކެވެ. ސަބަބަކީ މިފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރަށްވާފައި ވާތީއެވެ: “ދޮވުމަށް އެދެވިއްޖެނަމަ، ފަހެ، އެކަންކުރާހުށިކަމެވެ.” އަދި އެފަދައިން އެދޭ މީހާވެސް އެމީހަކު ފަޟީޙަތް ވާހެން ނުވަތަ ދެރަވެ، ލަދުގަންނާނޭހެން ކަންތައް ކޮށްގެން ނުވާނެއެވެ. އެއީ އޭގެ ސަބަބުން އިތުރު ފިތުނަ ތަކަކަށް ދޮރު ހުޅުވިޔަ ނުދިނުމަށްޓަކައެވެ. ދެން އެސްފީނާ ޖެއްސީ ކާކު ކަން ނޭނގޭ ނަމަ، ޝަރުޢީ ރުޤްޔާގެ އާޔަތްތަށް ކިޔަވައި އެކަމުން ސަލާމަތް ވުމަށް އެދި ދުޢާކޮށް ރުޤްޔާ ކުރާށެވެ. ރުޤްޔާ ކުރުމުގައި، ފެން އެއްޗަކަށް ކިޔެވުމަށް ފަހު، ގަޔަށް އަޅާލެވިދާނެއެވެ. އަދި ޒައިތޫނި ތެލަށް ކިޔެވުމަށް ފަހު ގައިގަ ހާކައިވެސް ލެވިދާނެއެވެ.

ޝަރުޢީ ރުޤްޔާ އޭ ބުނުމުން، އަނެއްކާވެސް އިތުރު ކަމެއް ފާހަގަ ކޮށްލަން ޖެހެއެވެ. އެއީ ރާއްޖޭގައިވެސް މިހާރަކަށް އައިސް ބައެއް ބޭފުޅުން ރުޤްޔާ ކުރުމުގެ ނަމުގައި އެކި ކަންކަމަށް ވަކި އާޔަތްތަކެއް ޚާއްސަކޮށް، އެއާޔަތްތައް ކިޔަންވީ މިންވަރު އަންގައި، އެކިކަންކަމަށް ރުޤްޔާ ކުރުމުގައި ޚާއްސަ އާޔަތްތައް ކިޔައި ރުޤްޔާ ކުރުމަށް އަންގާފައި ވެއެވެ. މިޘާލަކަށް ގައިން ދިލަނަގާނަމަ ވަކި އާޔަތްޔަކެއް، އަދި ކިޑްނީ ބަލި ޖެހިފައި ވާނަމަ ވަކި އާޔަތް ތަކެއް، އަދި ދަރިން ނުލިބޭނަމަ ވަކި އާޔަތްތަކެއް ކިޔުމަށް އަނގައި މިވެނިވަރަކަށް ކިޔަން އަނގައިފައި ވެއެވެ. މިއީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. މިފަދައިން އާޔަތްތައް ޚާއްސަ ކުރުމާ ބެހޭގޮތުން ސުޢޫދީ ޢަރަބިއްޔާގެ ޢިލްމީ ދިރާސާތައްކޮށް ފަތުވާދޭ ދާއިމީ ކޮމިޓީގެ ފަތުވާއެއް ހިއްސާ ކޮށްލާނަމެވެ. މި ކޮމިޓީގައި ތިއްބެވި ޢިލްމުވެރިންނަކީ: بكر أبو زيد ، صالح الفوزان ، عبد الله بن غديان ، عبد العزيز آل الشيخ ، عبد العزيز بن عبد الله بن باز.

ކޮމިޓީ އާ ކުރެވުނު ސުވާލު: އަދިވެސް ޝަރުޢީ ރުޤްޔާބެހޭގޮތުން އަޅުގަނޑު ތިޔަބޭފުޅުންނާ ސުވާލެއްކުރާނަމެވެ. ކޮންމެ ވައްތަރެއްގެ ޙާލަތަކަށް، ބައެއް އާޔަތްތެއް ވަކި ޢަދަދަކަށް ކިޔުމަށް ޚާއްޞަކުރެވިދާނެހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟ މިޘާލަކަށް މިވެނި ނަންބަރު އާޔަތެއް (2001) ފަހަރު އަދި އެނޫންވެސްއެވެ.

ޖަވާބު: ޝަރުޢީ ރުޤްޔާވަނީ ޤުރުއާނުންނާއި އަދި ޝަރުޢީ ދުޢާތަކުންނެވެ. އާޔަތެއް ނުވަތަ ދުޢާއެއްވިޔަސް ވަކި ޢަދަދަކަށް ކިޔުމަށް ކަނޑައެޅުމަށް ދަލީލެއް ބޭނުންވާނެއެވެ. އެކަމުގައި އަޅުގަނޑުމެންނަށް ދަލީލެއް އެނގިފައެއް ނުވެއެވެ. ނަމަވެސް ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ދުޢާއެއްކުރައްވާނަމަ ބައެއްފަހަރު ތިންފަހަރު ތަކުރާރުކުރައްވައެވެ.

ފަހެ ޢާއިޝަ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ  صلى الله عليه وسلم ކޮންމެ ރެއަކުވެސް ތަންމަތީގައި އޮށޯވެ ދެއަތްޕުޅު ޖަމާކުރެއްވުމަށްފަހު އެއަށް  އަނގައިންފުމުލައްވައެވެ. ފަހެ ( قل هو الله أحد ) ( قل أعوذ برب الفلق ) ( قل أعوذ برب الناس ) އެއަށް ކިޔުއްވައެވެ. އެއަށްފަހު ވީވަރަކުން ހަށިގަނޑުގައި ދެއަތް ހިންގަވާލައްވައެވެ. ފައްޓަވަނީ ބޮލާއި މޫނުފުޅުންނެވެ. އަދި ހަށިގަނޑުގެ ކުރިމަތީގައިވާ ގުނަވަންތަކުންނެވެ. (އެބަހީ: މޭފުޅާއި ބަނޑުފަދަ ގުނަވަންތަކުންނެވެ.)  އެފަދައިން ތިންފަހަރު ކުރައްވައެވެ.(3)

މިގޮތުން ރުޤްޔާ ހެދުމުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ބައެއް ސޫރަތްތަކާއި އާޔަތްތައް ޚާއްޞަކުރައްވާފައެވެ. އޭގެތެރޭގައި ފާތިޙާ ސޫރަތާއި، ސޫރަތުލް ފަލަޤި އާއި ސޫރަތުއް ނާސި ރުޤްޔާ ކުރުމަށް ޚާއްޞަވެފައިވާކަން ސުންނަތުގައި ޘާބިތުވާން އެބައޮތެވެ.(10) އަދި އާޔަތުލް ކުރުސިއަކީ އެހެން ހުރިހާ އާޔަތްތަކަށްވުރެ މަތިވެރިވެގެންވާ އާޔަތެއްކަމުގައިވެސް ޘާބިތުވާން އެބައޮތެވެ.(11) ހަމައެއާއެކު ސޫރަތުލް ބަޤަރާއާއި ސޫރަތުލް އާލްޢިމްރާން ކިޔެވޭ ގެއަކުން ޝައިޠާނާ ދުރުވާނެކަންވެސް ޘާބިތުވާން އެބައޮތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ މުޅި ޤުރުއާނަކީ ޝިފާއެއްކަމުގައި ބަޔާންކުރައްވާފައެވެ.(12) އެހެންކަމުން، ޤުރުއާނުގެ ކޮންމެ ސޫރަތަކާއި ކޮންމެ އާޔަތަކީ ބަލިތަކަށްވާ ޝިފާއެކެވެ. ކޮންމެ ސޫރަތަކާއި އާޔަތެއް ރުޤްޔާގެ ގޮތުގައި ކިޔެވޭނެއެވެ. އެކަމުގައި މައްސަލައެއް ނެތެވެ މައްސަލަ ޖެހެނީ ވަކި އާޔަތްތަކެއް ޚާއްސަ ކުރާ ހިސާބުންނެވެ. އަހަރެމެންނަށް ހަމައެކަނި ޚާއްޞަކުރެވޭނީ ޝަރުޢުގައި ޘާބިތުވާ ސޫރަތްތަކާއި އާޔަތްތަކެވެ. އެފަދައިން ބުނާ ބޭކަލުން، އެއީ ތަޖުރިބާއަށް ބިނާކޮށް ބުނާ ޚާއްސަ ކުރާ އާޔަތްތަކެއް ކަމުގައި ބުނެއެވެ. ނަމަވެސް އެގޮތަށް ތަޖުރިބާ އަށް ބިނާކޮށް، އާޔަތްތަކެއް ޚާއްސަ ކުރުމަކީވެސް ހުއްދަކަމެއް ނޫން ކަމަށް ބޮޑެތި އެތައް ޢިލްމުވެރިންނެއް ވަނި ވިދާޅުވެފައެވެ.

ރުޤްޔާކުރުމުގައި އާޔަތްތައް ޚާއްޞަކުރުމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯދާލުމަށް މި ދެ ލިޔުން ކިޔާލާށެވެ. ފުރަތަމަ ލިޔުން / ދެވަނަ ލިޔުން

އަދި ރުޤްޔާ ކިޔެވުމުގައި ތަޖުރިބާއަށް ބަރޯސާވުމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯދާލުމަށް މިލިޔުން ކިޔާލާށެވެ.

 

ރިފަރެންސް:

  1. https://bit.ly/2KbNQ61
  2. رواه مسلم (2188)
  3. ސުޢޫދީ ޢަރަބިއްޔާގެ ޢިލްމީ ދިރާސާތައްކޮށް ފަތުވާދޭ ދާއިމީ ކޮމިޓީ ( الجزء رقم : 1، الصفحة رقم: 210)
  4. ބައްލަވާ: ޞަޙީޙުލް ބުޚާރީ: (2115، 5310) މުސްލިމް: (4065)
  5. ބައްލަވާ: މުސްލިމް: (1343)
  6. ބައްލަވާ: ސޫރަތުލް އިސްރާ: 82 އަދި ސޫރަތު ޔޫނުސް: 57
0