ޚަބަރު
ދަރިން ތަރުބިއްޔަތު ކުރުމުގައި ދެނެގަންނަން ޖެހޭ ކަންތައްތައް-4: ދަރިން ތަރުބިއްޔަތު ކުރުމުގައި ސިކުނޑީގައި ބަހައްޓަންޖެހޭ މައިގަނޑު ނުކުތާތައް

ދަރިންނަށްޓަކައި މައިންބަފައިންގެ މައްޗަށްވާ އެންމެ ބޮޑެތި ޙައްޤުތަކުގެ ތެރޭގައި، އިސްލާމީ ރިވެތި ތަރުބިއްޔަތެއް އެކުދިންނަށް ދިނުން ވެއެވެ. މިކަން ޙާޞިލުކުރުމަށްޓަކައި ވިސްނަންޖެހޭ ކަންތައްތަކެއް ވެއެވެ. މި ފިތުނަވެރި ޒަމާނުގައި، އެއްވެސް އުސޫލެއްނެތި ހިތައް އެރިގޮތަކަށް ދަރިން ތަރުބިއްޔަތު ކުރަން އުޅެފި ނަމަ، އެކުދިންނަށާއި މައިންބަފައިންނަށްވެސް ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލިގެން ހިނގައިދާނެއެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި ސިކުނޑީގައި ބަހައްޓަންޖެހޭ މައިގަނޑު ނުކުތާތައް:

  1. އެދަރިފުޅުގެ ތަރުބިއްޔަތު، ޤުރްއާނާއި ސުންނަތުގެ މައްޗަށް ބިނާކުރުން
  2. އެންމެ ކުޑައިރުއްސުރެ އެކުދިންގެ ކިބައިގައި ރިވެތި އަޚްލާޤީ ސިފަތަކާއި އަދަބުތައް އަށަގަންނުވަން ގަދައަޅައި މަސައްކަތް ކުރުން.
  3. އެންމެ ކުޑައިރުއްސުރެ އެކުދިންގެ އީމާންތެރިކަން ވަރުގަދަ ކުރަން މަސައްކަތްކުރުން
  4. އެންމެ ކުޑައިރުއްސުރެ އެކުދިންނަކީ ﷲ އަށް އަޅުކަން ކުރަން ޝަޢުޤުވެރިވާ ބައެއް ކަމުގައި ހެދުމާއި،  އިންސާނާ ހައްދަވާފައިވަނީ އެއިލާހަށް އަޅުކަން ކުރުމަށްޓަކައިކަން މަޑުމަޑުން އެކުދިންނަށް ވިސްނައިދިނުން.
  5. ތޫނުފިލިކަމާއި ވިސްނުންތޫނު ބައެއްކަމުގައި އެކުދިން ހެދުމަށް މަސައްކަތް ކުރުން.
  6. ޞިއްޙަތަށް ފަރުވާ ބަހައްޓައިގެން އުޅެން އެކުދިންނަށް ދަސްކޮށްދިނުން. 
  7. ނަފްސާއި ވެށީގެ ސާފު ތާހިރުކަމަށް ލޯބިކުރާ ބައެއް ކަމުގައި  އެކުދިން ހެދުމަށް މަސައްކަތް ކުރުން.
  8. ޙުދޫދު ތަކުގެ ތެރޭގައި، މީހުންނާ ގުޅޭ، އިޖްތިމާޢީ ބައެއްކަމުގައި އެކުދިން ހެދުމަށް މަސައްކަތް ކުރުން.
  9. މުޖުތަމަޢުގައިވާ ނުރަނގަޅު، ނޭދެވޭ އަޘަރުތަކުން އެކުދިން ސަލާމަތް ވެގަންނާނެ ގޮތްތައް އެކުދިންނަށް ދަސްކޮށްދިނުން.

ދަރިން ތަރުބިއްޔަތު ކުރުމުގައި މިކަންތަކަށް ސަމާލުވުން ވަރަށް މުހިންމެވެ. އަދި މައިންބަފައިވެސް ވާންވާނީ އެކުދިން ހެޔޮކަންތައް ކުރުމަށް، ޢަމަލުން ނަމޫނާ ދައްކާ ބަޔަކަށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަނެ އާޚިރުގައި ސުވަރުގެވެރިން ކަމުގައިވެ، ނަރަކައިން މިންޖުވެފައިވާ ބަޔަކަށް ވުމަށްޓާކައި ޞިރާޠުލް މުސްތަޤީމުގެ ތެދުމަގުގައި އެކުދިންގެ އަތުގަ ހިފައިގެން ކުރިއަށް ހިނގާ ބަޔަކަށެވެ. ފަހެ ﷲ ވަޙީ ކުރައްވާފައިވެއެވެ:

(يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ) [سورة التحريم 6]

މާނަ: “އޭއީމާންވި މީހުންނޭވެ! ތިޔަބައިމީހުންގެ ނަފުސުތަކާއި ތިޔަބައިމީހުންގެ އަހުލުން ނަރަކައިން ސަލާމަތް ކުރާށެވެ. އެތާނގައި އަނދާނެ ދަރަކީ މީސްތަކުންނާއި އެމީހުން އަޅުކަން ކުރަން ގެންގުޅުނު ހިލަތަކެވެ.”

0