ޚަބަރު
ދަރިން ތަރުބިއްޔަތު ކުރުމުގައި ދެނެގަންނަން ޖެހޭ ކަންތައްތައް-3: ދަރިންނަކީ ބޮޑު މަސްއޫލިއްޔަތެއް

ދަރިންނަކީ އަހަރެމެންނާ ﷲ ޞުބުޙާނަހޫ ވަތަޢާލާ ޙަވާލު ކުރައްވާފައިވާ ވަރަށްބޮޑު އަމާނާތެކެވެ. ކައިވެންޏެއް ކޮށް ދަރިން ހޯދުމަކީ ޙަޤީޤަތުގައި ވަރަށް ބޮޑު ކަމެކެވެ. ސަބަބަކީ އެއާއެކު ވަރަށް ބައިވަރު މަސްއޫލިއްޔަތުތައް ތިމާގެ ބޮލުގައި އެޅޭތީއެވެ. އަދި ޤިޔާމަތް ދުވަހުން ތިމާގެ މަސްއޫލިއްޔަތުތައް އަދާކުރި ގޮތާމެދު ﷲގެ ދަރުބާރުގައި ޖަވާބުދާރީ ވާން ޖެހޭނެއެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ: كُلُّكُمْ رَاعٍ، وَكُلُّكُمْ مَسْؤولٌ عَنْ رَعِيَّتِهِ، فَالأَمِيرُ رَاعٍ وَهُوَ مَسْؤُولٌ، وَالرَّجُلُ رَاعٍ عَلَى أَهْلِهِ وَهُوَ مَسْؤُولٌ، وَالْمَرْأَةُ رَاعِيَةٌ عَلَى بَيْتِ زَوْجِهَا وَهِيَ مَسْؤُولَةٌ. (1)

މާނަ: “ތިޔަބައިމީހުންކުރެ ކޮންމެ މީހަކީ ބެލެހެއްޓުން ތެރިއެކެވެ. އަދި ކޮންމެ މީހަކުމެ އޭނާ ބަލަހައްޓަން ޖެހިފައިފާ ފަރާތްތަކާމެދު ސުވާލުކުރެވޭނެއެވެ. އަމީރަކީ ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާއާ،( އޭނާ ބަލަހައްޓަން ޖެހިފައިވާ ކަންތަކާ މެދު) ސުވާލު ކުރެވޭނެއެވެ.  އަދި ފިރިމީހާ އަކީ އޭނާގެ އަނބިދަރިންގެ މައްޗަށް ވާ ބެލެހެއްޓުން ތެރިއެކެވެ. އަދި އޭނާއާ،( އޭނާ ބަލަހައްޓަން ޖެހިފައިވާ ކަންތަކާ މެދު) ސުވާލު ކުރެވޭނެއެވެ. އަދި އަނބިމީހާ އަކީ އޭނާގެ ފިރިމީހާގެ ގޭގެމައްޗަށްވާ ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާއާ،( އޭނާ ބަލަހައްޓަން ޖެހިފައިވާ ކަންތަކާ މެދު) ސުވާލު ކުރެވޭނެއެވެ.”

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ: مَا مِنْ عَبْدِ يَسْتَرْعِيهِ اَللَّهُ رَعِيَّةً, يَمُوتُ يَوْمَ يَمُوتُ, وَهُوَ غَاشٌّ لِرَعِيَّتِهِ, إِلَّا حَرَّمَ اَللَّهُ عَلَيْهِ اَلْجَنَّةَ (2‏)

މާނަ: “އަޅަކު، އޭނާބެލެހެއްޓުމުގެ ދަށުގައިވާ ފަރާތްތަކާމެދު މަކަރުވެރިކޮށް(ނުބައިކޮށް) ކަންތައްކުރާޙާލު މަރުވެއްޖެނަމަ، ﷲ އޭނާއަށް ސުވަރުގެ ޙަރާމް ކުރައްވަތެވެ.”

އަދިވެސް ޙަދީޘްފުޅެއްގައި ވެއެވެ. إِنَّ اللَّهَ سَائِلٌ كُلَّ رَاعٍ عَمَّا اسْتَرْعَاهُ (3)

މާނަ: “ހަމަކަށަވަރުން މާތް ﷲ ކޮންމެ ބެލެހެއްޓުންތެރިޔަކާމެ، އޭނާ ބަލަހައްޓަން ޖެހިފައިވާ ކަންތަކާމެދު ސުވާލުކުރައްވާނެތެވެ.”

އަދި ކޮންމެ މީހަކުމެ އޭނާގެ އަނބިދަރިން ނަރަކައިން ސަލާމަތްކުރުމަށްވެސް ގަދައަޅައި މަސައްކަތް ކުރަން ވާނެއެވެ. އެއީ އޭނާގެ މައްޗަށް ވާ ވާޖިބެކެވެ. ފަހެ ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ) [سورة التحريم 6]

މާނަ: “އޭއީމާންވި މީހުންނޭވެ! ތިޔަބައިމީހުންގެ ނަފުސުތަކާއި ތިޔަބައިމީހުންގެ އަހުލުން ނަރަކައިން ސަލާމަތް ކުރާށެވެ. އެތާނގައި އަނދާނެ ދަރަކީ މީސްތަކުންނާއި އެމީހުން އަޅުކަން ކުރަން ގެންގުޅުނު ހިލަތަކެވެ.”

ކޮންމެ މީހަކުވެސް، ދަރިންގެ ޙައްޤުގައި ﷲ އަށް ތަޤުވާވެރި ވާން ވާނެއެވެ. އެއީ ދަރިންނަށް ހެޔޮ ކަންތަކަށް އަމުރުކޮށް އެކަންތަކަށް އެކުދިން އަހުލުވެރި ކުރުވައި މުންކަރާތްތަކުން އެކުދިން ދުރުކޮށް އެމުންކަރާތްތަކަށް ވާޞިލުކޮށްދޭ ކަންކަމުންވެސް އެކުދިން ސަލާމަތްކޮށްގެންނެވެ. މިއަދަކީ ބަލާލި ކޮންމެ ދިމާލަކުންމެ، މުންކަރާތްތަކާއި ފާފަތަކަށް މަގުފަހިވާ ކަންކަން ފެންނަ ޒަމާނެކެވެ. ފާފަތަކަށް މަގުފަހި ކުރެވޭ ކަންތައްތައް މަނާނުކޮށް، އެކުދިން ގާތު ފާފަތަކަށް އަރައި ނުގަންނާށޭ ބުނުމަކީ އޭގެ ނަތީޖާ ރަނގަޅަށް ނުނުކުމެދާނެ ކަމެކެވެ. އެހެންކަމުން އެފަދަކަންކަމުން އެކުދިން ރައްކާތެރި ކުރަން ވާނެއެވެ. އަދި އެކުދިންނަށް ހެޔޮކަންތަކަށް ނަމޫނާ ދައްކާ މީހެއްކަމުގައި އެކުދިންގެ މައިންބަފައި ވާންވާނެއެވެ.

ރިފަރެންސް:

  1. أدب المفرد للبخاري 212و صححه الألباني و أصله في البخاري و مسلم
  2. صحيح.‏ رواه البخاري (13 / 126‏- 127 / فتح)‏، ومسلم (142)‏ واللفظ لمسلم.
  3. سنن التروذي 1705

މިލިޔުމަކީ އައްޝައިޚް މުޙައްމަދު ޞާލިހް އަލްމުނައްޖިދު ލިޔުއްވާފައިވާ “48 فائدة في تربية الأولاد” އަސްލަކަށްބަލައިގެން ލިޔާ ލިޔުމެކެވެ.

0