ނަޞޭޙަތާއި އިރުޝާދު
އެސްފީނާ އަށް ތަފްޞީލީ ނަޡަރެއް – 2
  • ކުރީ ލިޔުމުގައި: އެސްފީނާ އަކީ ކޮބާކަން، އެސްފީނާ އާ ޙަސަދައާ ހުރި ގުޅުން، ޞަޙާބީއަކަށް އެސްފީނާ ޖެހި ހިނގި ޙާދިޘާ ޙަދީޘާއެކު ކިޔައިދެވިފައިވާނެއެވެ.
  • މިލިޔުމުގައި: އެސްފީނާ ޖެހުނަނުދޭން ހަދަންވީގޮތް، މީހެއްގެ ކިބައިގައިވާ ރަނގަޅުކަމެއްގެ ވާހަކަ ދައްކާއިރު “مَا شَاءَ اللَّهُ” ކިޔުމަކީ ކޮންކަހަލަ ކަމެއްކަން.

އެސްފީނާ އަކީ ޙަޤީޤަތުގައި މިއަދު އަހަރެމެންނަށް ވަރަށް ބޮޑަށް ފަސޭހަކޮށް ނަފައިގަނެވިފައިވާ އެއްޗެކެވެ. އެސްފީނާ ވާކަން ޤަބޫލު ކުރާ ފަރާތްތަކަށްވެސް އޭގެ ޙަޤީޤީ މާނާގައި އެސްފީނާ ގެ ނުރައްކާތެރިކަން ދެނެގަނެވިފައެއް ނުވެއެވެ. މީހަކަށް އެސްފީނާއެއް ޖެހުމުން އިސްވެދިޔަ ޙަދީޘުގައި ވާ ފަދައިން ކުއްލިއަކަށް އޭނާގެ ކިބައިން އޭގެ އަޘަރުތައް ފެނިގެން ހިނގައިދާނެތެވެ. ނުވަތަ މަޑުމަޑުން ބަލި ބޮޑުވަމުންގޮސް ވަރަށް ބޮޑަށް ބަލިވުންވެސް އެކަށީގެންވެއެވެ. ފަޟީލަތުއް ޝައިޚް އައްދުކްތޫރް ޢަބްދުލް ކަރީމް އިބްނު ޢަބްދުﷲ އަލްޚުޟައިރް އެކަލޭގެފާނުގެ ރަސްމީ ވެބްސައިޓުގައި މި ޙަދީޘް ޝަރަޙަ ކުރަށްވައި ލިޔުއްވާފައިވާ ލިޔުމުގައި ވެއެވެ. أكثر الأمراض المستعصية الآن لا سيما ما يعرف بالسرطان كثير منه بسبب العين، تجد الإنسان سليم معافى ما في أدنى إشكال، ثم يقال: والله فيه سرطان منتشر، أكثر ما يكون بسبب العين. މާނަ: “މިހާރަކަށް އައިސް، މީސްތަކުންނަށް ޖެހޭ ގިނަ ބަލި ތައް ޖެހޭ ސަބަބެއްކަމުގައި ވެފައި ވަނީ އެސްފީނާއެވެ. ޚާއްސަކޮށް ކެންސަރު ޖެހުމުގެ ސަބަބެއް ކަމުގައި ވަރަށް ގިނައިން އެސްފީނާ ވެއެވެ. އޭނާގެ ކިބައިގައި އެއްވެސް ބަލިމަޑުކަމެއްގެ އަޘަރެއް ނުވާ، މީހަކަށްވެސް ކުއްލިއަކަށް އޭނާގެ ގައިގައި ކެންސަރު ފެތުރިފައި ވާ ކަމުގެ ޚަބަރު ލިބިދާނެއެވެ. މިފަދަކަންކަން އެންމެ ގިނައިން ދިމާވާ ސަބަބެއް ކަމުގައި އެސްފީނާ ޖެހުން ވެއެވެ.”(1)

ޙަދީޘުގައި ޢާމިރު އިބްނު ރަބީޢާ އަށް، ސަހްލު އިބްނު ޙުނައިފް ފެނުނު ހިނދު އެކަލޭގެފާނުގެ ހަންގަނޑުގެ ރީތިކަމާ މެދު ވާހަކަދެއްކެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަބަވީ އިރުޝާދު ތަކުން އެނގެނީ މިފަދަ ވާހަކައެއް ދައްކާނަމަ އެމީހަކަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމަށެވެ. ޢާމިރު އިބުނު ރަބީޢާ، އެފަދަ އިން ކަންތަކެއް ނުކުރެއެވެ. އެއާއެކު ސަހްލު އިބްނު ޙުނައިފަށް ޢާމިރުގެ އެސްފީނާ ޖެހުނީއެވެ. މީހެއްގެ ކިބައިން ނިޢުމަތެއް ފެންނަ ހިނދު، ނުވަތަ ތިމާ ޤަބޫލު ވެވޭ ކަމެއް، ނުވަތަ ތިމާ ޢަޖައިބުވާ ކަމެއް ފެންނަނަމަ، ނުވަތަ އެފަދަ ވާހަކައެއް ދައްކާ ނަމަ، އެމީހަކަށް ބަރަކާތް ލެއްވުން އެދި ﷲ އަށް ދުޢާ ކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އެތައް ޙަދީޘެއްގައި ބަޔާން ކުރަށްވާފައެވެ. މަތީގައި ލިޔެވިފައި ވާ ޙަދީޘުގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢާމިރު އިބްނު ރަބީޢާ އަށް ގޮވާލައްވައި، ކޯފާގެ ރާގެއްގައި ޙަދީޘްކުރެއްވީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާ ޤަތުލުކުރަނީ ކީއްވެހެއްޔެވެ؟ އޭނާއަށްޓަކައި ﷲ ބަރަކާތްލެއްވުން އެދި ދުޢާ ނުކުރަނީ ކީއްވެހެއްޔެވެ؟” މިފަދައިންނެވެ. އަދި އެހެން ޙަދީޘެއްގައި ވެއެވެ. عَنْ عَامِرِ بْنِ رَبِيعَةَ رَضِيَ اللَّهُ عَنْهُ قَالَ: ((إِذَا رَأَى أَحَدُكُمْ مِنْ أَخِيهِ، أَوْ مِنْ نَفْسِهِ، أَوْ مِنْ مَالِهِ مَا يُعْجِبُهُ، فَلْيُبَرِّكْهُ فَإِنَّ الْعَيْنَ حَقٌّ))(2)

މާނަ: ޢާމިރު އިބްނު ރަބީޢާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާގެ ފަރާތުން، ނުވަތަ އޭނާގެ ނަފްސުގެ ފަރާތުން، ނުވަތަ އޭނާގެ މުދަލުގެ ފަރާތުން އޭނާ ޢަޖާއިބުވާފަދަ ކަމެއް ފެނިއްޖެނަމަ ފަހެ ބަރަކާތް ލެއްވުން އެދި ދުޢާކުރާ ހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެސްފީނާއަކީ ޙަޤީޤަތެކެވެ.

  • ބަރަކާތް ލެއްވުމަށް އެދި ދުޢާކުރާނީ ކިހިނެއް؟

ބަރަކާތް ލެއްވުން އެދި ތަފާތު އިބާރާތްތަކުން ދުޢާކުރެވިދާނެއެވެ. ދިވެހި ބަހުންވެސް ދުޢާކުރެވިދާނެއެވެ. މިޘާލަކަށް ހާދަ މޮޅު ކުއްޖެކެވެ. ﷲ ތިބާއަށް ބަރަކާތް ލައްވާށި! މިފަދަ ޢިބާރާތަކުން ނުވަތަ އެފަދަ މާނައެއް ދޭހަވާ ޢިބާރާތަކުން ބަރަކާތް ލެއްވުން އެދި ދުޢާކުރެވިދާނެއެވެ. ތިރީގައި އެވަނީ ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމުގައި ބޭނުންކުރެވިދާނެ ބައެއް ޢަރަބި ޢިބާރާތްތަކެވެ.

  1. بَارَكَ ﷲ عَلَيْكَ – ތިބާއަށް ﷲ ބަރަކާތް ލައްވާށި

بَارَكَ ﷲ عَلَيْكَ/عَلَيْكِ/عَلَيْكُمَا/عَلَيْكُمْ/عَلَيْكُنَّ – މުޚާޠަބުކުރެވޭ ޢަދަދު އަދި ޖިންސާގުޅޭގޮތުން ޢަރަބިބަހުގެ ޤަވާޢިދުގައިވާ ފަދައިން ދުޢާ ކުރެވޭ ގޮތް ތަފާތު ވެގެންދާނެއެވެ.

  1. بَارَكَ ﷲ لَكَ – ތިބާއަށް ﷲ ބަރަކާތް ލައްވާށި

بَارَكَ ﷲ لَكَ/لَكِ/لَكُمَا/لَكُمْ/لَكُنَّ – މުޚާޠަބުކުރެވޭ ޢަދަދު އަދި ޖިންސާގުޅޭގޮތުން ޢަރަބިބަހުގެ ޤަވާޢިދުގައިވާ ފަދައިން ދުޢާ ކުރެވޭ ގޮތް ތަފާތު ވެގެންދާނެއެވެ.

  1. اللَّهُمَّ بَارِكْ – ޔާ ﷲ ބަރަކާތް ލައްވާށި
  2. اللَّهُمَّ بَارِكْ لَهُ– ޔާ ﷲ އޭނާއަށް ބަރަކާތް ލައްވާށި (ފިރިހެނަކަށް)

اللَّهُمَّ بَارِكْ لَهُ /لَهَا/لَهُمَا/لَهُمْ/لَهُنَّ – ޢަދަދު އަދި ޖިންސާގުޅޭގޮތުން ޢަރަބިބަހުގެ ޤަވާޢީދުގައިވާ ފަދައިން ދުޢާ ކުރެވޭ ގޮތް ތަފާތު ވެގެންދާނެއެވެ.

  1. بَارَكَ الله فِيْكَ– ﷲ ތިބާއަށް ބަރަކާތް ލައްވާށި (ފިރިހެނަކަށް)

بَارَكَ الله فِيْكَ/فِيْكِ/فِيهِ/فِيهَا/فِيكُمَا/فِيكُمْ/فِيكُنَّ -ޢަދަދު އަދި ޖިންސާގުޅޭގޮތުން ޢަރަބިބަހުގެ ޤަވާޢީދުގައިވާ ފަދައިން ދުޢާ ކުރެވޭ ގޮތް ތަފާތު ވެގެންދާނެއެވެ.

ސުވާލު: މީހެއްގެ ކިބައިގައިވާ ރަނގަޅުކަމެއްގެ ވާހަކަ ދައްކާއިރު “مَا شَاءَ اللَّهُ” ކިޔުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޖަވާބު: ޝަރުޢީ ދަލީލުތަކަށް ބަލާނަމަ، ގިނަ ދަލީލުތަކުން ބާރުދެނީ މިފަދަ ޙާލަތްތަކުގައި ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމަށެވެ. ނަމަވެސް އަހަރެމެންގެ ތެރޭގައި އާންމުކޮށް ކިޔައި އުޅެނީ مَا شَاءَ اللَّهُ އެވެ. ބަރަކާތް ލެއްވުން އެދި ދުޢާކުރުން އަހަރެމެންގެ ތެރޭގައި އެހާ އާންމެއް ނޫނެވެ. އެކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމރުކުރައްވާފައިވާ ޙަދީޘްތައް އެނގިފައި ނުވުމަކީ އޭގެ ސަބަބަކަށް ވެދާނެއެވެ. އެހެންނަމަވެސް، ބަރަކާތް ލެއްވުމަށް ދުޢާ ކުރެއްވުމާއެކު، مَا شَاءَ اللَّهُ އޭ ބުނުމަށްވެސް އިބްނު ޢުޘައިމީން ފަދަ ބައެއް ޢިލްމުވެރިން ފަތުވާ ދެއްވާފައި ވެއެވެ. އެއީ ޤުރްއާނުގެ އަންނަނިވި އާޔަތުން ދަލީލު ނަންގަވައިގެންނެވެ. ﷲ ވަޙީ ކުރަށްވާފައި ވެއެވެ.

﴿وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّهُ لَا قُوَّةَ إِلَّا بِاللَّهِ﴾ [سورة الكهف : 39]

މާނަ: “އަދި ތިބާގެ ބަގީޗާއަށް، ތިބާ ވަންހިނދު، “مَا شَاءَ اللَّهُ” (ﷲ އިރާދަކުރެއްވިކަމެއް ވާނެއޭ) ބުނިނަމަ، ކޮންފަދަހެއްޔެވެ. އެއްވެސް ބާރެއް ﷲގެ ޙަޟްރަތުން މެނުވީ ނުވެއެވެ.”

ނަމަވެސް مَا شَاءَ اللَّهُ އޭ ބުނި ކަމުގައި ވީ ނަމަވެސް އެމީހަކަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރަން ޖެހޭނެއެވެ. ސަބަބަކީ ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމަށް ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރު ކުރަށްވާފައި ވީތީއެވެ. އަދި އުޞޫލުލް ފިޤުހުގައި އެނގި ހާމަވެފައި ވާ ފަދައިން، އެކަމަކީ ސުންނަތެއް ކަން ނުވަތަ އެކަމުގެ ޙުކުމް އެހެންގޮތަކަށް ވާ ކަން އެނގޭ ވަރުގެ ދަލީލެއް ނުވާ ހާ ހިނދަކު،  އަމްރު ކުރައްވާފައިވާ ކަމެއްގެ އަސްލަކީ އެކަން ވާޖިބު ވުމެވެ.

ހަމައެއާއެކު، އަނެއްބައި ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މިއާޔަތުގެ މުރާދަކީ މީހެއްގެ މިލްކުގައި ބައިވަރު ތަކެތި ހުރުމުގެ ސަބަބުން އެކަމާ ޢަޖައިބުވާނަމަ مَا شَاءَ اللَّهُ ކިޔުމެވެ. އެހެންކަމުން މިފަދައިން ވިދާޅުވާ ޢިލްމުވެރިންގެ އަރިހުގައި، މީހެއްގެ ކިބައިން ކުރިންވެސް ދެންނެވިފަދައިން ހިތަހަމަޖެހޭ، ރަނގަޅު ސިފައެއް ނުވަތަ ކަމެއް ފެންނަ ހިނދު، مَا شَاءَ اللَّهُ ކިޔުމުގެ ބަދަލުގައި، އެމީހަކަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރާނީއެވެ. مَا شَاءَ اللَّهُ ކިޔުމެއް ނުވެއެވެ. އަދި ބައެއް މީހުން مَا شَاءَ اللَّهُ،  تَبَارَكَ اللَّهُ ވެސް ކިޔައެވެ. تَبَارَكَ اللَّهُ މި ލަފުޒު ބުނުމުން އެ ބުނެވެނީ “ﷲ މަތިވެރިވެވޮޑިގެންފިއެވެ.” ނުވަތަ “ﷲގެ މަތިވެރިކަމާއެވެ.” މިހެންނެވެ. އެހެން ބުނުމަކުން ބަރަކާތް ލެއްވުން އެދި ދުޢާއެއް ނުކުރެވެއެވެ. ނަމަވެސް މިލަފުޡުން ﷲ ގެ މަތިވެރިކަން ހާމަ ކޮށްދެއެވެ. އަދި މިފަދައިންވެސް ކީދާނެ ކަމަށް މިއުންމަތް ފަހަކަށްއައިސް ދުށް އެންމެ ވަރުގަދަ އެއް ޢިލްމުވެރިއެއް ކަމަށްވާ ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވަނީ ވިދާޅުވެފައެވެ.

މިމައްސަލާގެ ޚުލާޞާ ޖަވާބު:

ކޮންމެއަކަސް މިމައްސަލާގައި مَا شَاءَ اللَّهُ އަދި  تَبَارَكَ اللَّهُ މިފަދައިން ކިޔުމާމެދު، ޢިލްމުވެރިންގެ މެދުގައި ވަނީ އިޚްތިލާފު އުފެދިފައެވެ. ނަމަވެސް ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ. އެހެންކަމުން މިމައްސަލާގައި އެންމެ ރަނގަޅު ގޮތަކީ، مَا شَاءَ اللَّهُ އަދި  تَبَارَكَ اللَّهُ ކީ ކަމުގައި ވީ ނަމަވެސް ނުވަތަ މީގެން ކަލިމައެއް ނުކީ ކަމުގައި ވީ ނަމަވެސް، އެމީހަކަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމެވެ. واللَّهُ أعلم.

 

ރިފަރެންސް:

  1. 1https://shkhudheir.com/scientific-lesson/1429853383
  2. رواه أحمد (15700) والحاكم (7500)وصححه الألباني في “الصحيحة” (2572)
0