ޚަބަރު
ﷲތަޢާލާ އަދި ނަބިއްޔާއަށް ލޯބިކުރުމާއި އަދަބު އިޙްތިރާމްއަދާކޮށް އިސްލާމީ ޝަރީއަތަށް ބޯލަނބައި ކިޔަމަންގަތުމަކީ ވާޖިބެއް – ޚުތުބާ

ﷲތަޢާލާ އަދި ނަބިއްޔާއަށް ލޯބިކުރުމާއި އަދަބު އިޙްތިރާމްއަދާކޮށް އިސްލާމީ ޝަރީއަތަށް ބޯލަނބައި ކިޔަމަންގަތުމަކީ ވާޖިބެއްކަމުގައި މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި މިކަން ބަޔާންކޮށް ވިދާޅުވީ ” ﷲ ތަޢާލާ ގެ އެއްކައުވަންތަކަން ޤަބޫލުކުރުމާއި، ކީރިތިރަސޫލާ صلى الله عليه وسلم އަށް ލޯބިކޮށް އެކަލޭގެފާނަށް އަދަބު އިޙްތިރާމް އަދާކުރުމާއި، އިސްލާމީ ޝަރީޢަތަށް ބޯލަނބައި ކިޔަމަންގަތުމަކީ، މުސްލިމުންގެ މައްޗަށް ވާޖިބެކެވެ. އަދި އެއީ ﷲ އާއި ރަސޫލާ އަށް އަދާކުރަން ޖެހޭ ޙައްޤެކެވެ. ﷲ އާއި، ރަސޫލާ އަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ އިތުރުން އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކެއްވެއެވެ.”

މިއަދުގެ ހުކުރު ޚުުތުބާގައި މައިގަޑުގޮތެއް ބިނާކޮށްފައިވާ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކަކީ:

  1. ސަލާމްކުރުން
  2. އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއި، ހިތާމަތަކާއި، އުފާތަކުގައި ބައިވެރިވުން
  3. ދަޢުވަތަށް އިޖާބަދިނުން
  4. އެއްބަޔަކު އަނެއް ބަޔަކަށް ނަޞޭޙަތް ދިނުމާއި، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުން
  5. ބަލިމީހުންނަށް ޒިޔާރަތް ކުރުން
  6. ދިރިހުރިއިރު އޮތް ގުޅުންތަކާއި ޙައްޤުތައް، މަރުވުމަށްފަހުގައި ވެސް ދަމަހައްޓަން ޖެހެއެވެ. އެޙައްޤުތަކުގެ ތެރޭގައި ޖަނާޒާގައި ބައިވެރިވުމާއި، ކަށުނަމާދުގައި ބައިވެރިވުމާއި މައްޔިތާ ވަޅުލުމުގެ ކަންތައްތަކުގައި ބައިވެރިވުމާއި، މައްޔިތާއަށް ހެޔޮ ދުޢާ ކުރުން ހިމެނެއެވެ.

ސަލާމްކުރުމުގެ ހައްޤުތަށް ތަފްސީލްކޮށް ދެއްވާ ޚުތުބާގައި ވިދާޅުވީ ” މިގޮތުން އެންމެ ފުރަތަމަ ބަޔާން ކުރައްވާފައި ވަނީ، ސަލާމް ކުރުމުގެ ޙައްޤެވެ. ސަލާމުގެ ބަދަލުގައި ދެވޭ ޖަވާބަކީ މުޖުތަމަޢަށް އަދި އެމީހަކަށް އަމާންކަން ލިބިގެންވާ ކަމުގެ މެސެޖެވެ. ސަލާމަކީ، ތިމާގެ ފަރާތުން އަނެކާއަށް އެއްވެސް އުނދަގުލެއް ތުރާލެއް ލިބިގެން ނުދާނެކަމުގެ މައްޗަށް ވެވޭ އަޙުދެކެވެ. ކީރިތި ރަސޫލާ ބަޔާންކޮށް ދެއްވާފައިވަނީ މީސްތަކުންނާ ސަލާމް ކުރުމަކީ އެންމެ ހެޔޮޢަމަލުތަކުގެ ތެރެއިންވާ ޢަމަލެއްކަމުގައެވެ. އެއީ އެކަމުގެ ސަބަބުން  ީސްތަކުންގެ މެދުގައި ލޯތްބާއި، އޯގާތެރިކަމާއި، އެކުވެރިކަމާއި، އެއްބައެއްވަންތަ ކަމުގެ ސިފަ އާލާވެގެން ދާނެތީއެވެ.”

އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއި، ހިތާމަތަކާއި، އުފާތަކުގައި ބައިވެރިވުމާއި ދަޢުވަތަށް އިޖާބަދިނުމުގެ މުހިއްމުކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ” މުޖުތަމަޢުގެ ގުޅުންތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަންތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއި، ހިތާމަތަކާއި، އުފާތަކުގައި ބައިވެރިވުން ވެއެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. ރަސޫލާ ހަދީޘެއް ކުރެއްވިއެވެ.  “އަދި ތިބާއަށް ދައުވަތު ދެވިއްޖެނަމަ، އެކަމަށް އިޖާބަދޭށެވެ!” ކީރިތި ރަސޫލު ޑޭ އެކަލޭގެފާނަށް ދައުވަތު ދޭ މީހަކީ ކޮންމެ ފެންވަރެއްގެ މީހެއްކަމުގައި ވިނަމަވެސް އެމީހެއްގެ ދައުވަތަށް އިޖާބަ ދެއްވައެވެ. އެ ދައުވަތު ދެވުނީ ކިތަންމެ ކުޑަ ކުޑަ ކާއެތިކޮޅެއް ކަމުގައި ވިނަމަވެސް އެ ދަޢުވަތަކަށް ވެސް އިޖާބަ ދެއްވައެވެ. މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވަނީ މީހާގެ މަޤާމަށް ބެލުމެއްނެތި އެމީހާ ދޭ ދަޢުވަތަށް އިޖާބަ ދިނުމަށެވެ. ”

އެއްބަޔަކު އަނެއް ބަޔަކަށް ނަޞޭޙަތް ދިނުމާއި، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ މުހިއްމުކަން ބަޔާންކޮށް ޚުތުބާގައި ވިދާލުވީ ” މުޖުތަމަޢުގެ އަފްރާދުން، އެއްބަޔަކު އަނެއް ބަޔަކަށް ނަޞޭޙަތް ދިނުމާއި، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ
ކުރުމުގައި ފަސް ޖެހިގެން ނުވާނެއެވެ. އަދި އެފަދަ ފަރާތްތަކުން ދޭ ހެޔޮ ނަސޭޙަތް ޤަބޫލު ކުރުމުގައި ފަސްޖެހި ލަދުގަނެގެން ނުވާނެއެވެ. އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ދީނީ ޙައްޤެއްގެ ގޮތުގައި ނަޞޭޙަތްދިނުން ކަނޑައަޅުއްވާފައި ވެއެވެ. ”

ބަލިމީހުންނަށް ޒިޔާރަތް ކުރުމުން ލިބޭ ސަވާބައި ދަރުމަ ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ” އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހެޔޮކަންތަކުގެ ތެރޭގައި ބަލިމީހުންނަށް ޒިޔާރަތް ކުރުން ހިމެނެއެވެ. ބަލިމީހާ އޮތީ ހޮސްޕިޓަލުގައި، ނުވަތަ ގޭގައި، ކަމުގައި ވިނަމަވެސް މިކަމުގައި ތަފާތެއް ނެތެވެ. ބަލިމީހުންނަށް ޒިޔާރަތް ކުރުމުގެ ސަބަބުން ބަލިމީހާގެ މަޢުނަވީ ރޫޙު އިތުރުވެގެން ދާނެއެވެ. ބަލިމީހުންނަށް އަދާކޮށްދޭން ޖެހޭ ޙައްޤުތައް އަދާކުރުމަށް ފަރުވާ ކުޑަ ކުރާ މީހުންނަށް މާތް ﷲ ވަނީ އެކަލާނގެ ރުހިވޮޑިނުގަންނަވާކަން އަންގަވާފައެވެ. ”

މަރުވުމަށްފަހު ޙައްޤުތަށް ދަމަހައްޓަން ޖެހޭކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ” އިސްލާމްދީނަކީ މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި ގުޅުންތައް ބަދަހިކަންމަތީ ދެމެހެއްޓުމަށް ބާރުއަޅާ ދީނެވެ. އެ ލޯތްބާއި ގުޅުންތައް އޮންނަންވާއީ ހަމައެކަނި ދިރިއުޅުމުގެ ޙަޔާތުގައި އެކަންޏެއް ނޫނެވެ. ދިރިހުރިއިރު އޮތް ގުޅުންތަކާއި ޙައްޤުތައް، މަރުވުމަށްފަހުގައި ވެސް ދަމަހައްޓަން ޖެހެއެވެ. އެޙައްޤުތަކުގެ ތެރޭގައި ޖަނާޒާގައި ބައިވެރިވުމާއި، ކަށުނަމާދުގައި ބައިވެރިވުމާއި މައްޔިތާ ވަޅުލުމުގެ ކަންތައްތަކުގައި ބައިވެރިވުމާއި، މައްޔިތާއަށް ހެޔޮ ދުޢާ ކުރުން ހިމެނެއެވެ.”

0