ނަޞޭޙަތާއި އިރުޝާދު
އެންމެ ހެޔޮމީހުންގެ ތެރޭގައި ވާން ބޭނުންތަ؟

އެންމެ ހެޔޮމީހުންގެ ތެރޭގައި ވާން ބޭނުން ހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިރީގައިވާ ޙަދީޘްތައް ކިޔައިލާށެވެ!

1.ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

«خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ» (صحيح البخاري [5027]).

“ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، ޤުރުއާން އުނގެނި އެ ޤުރުއާން އުނގަންނައިދޭ މީހާއެވެ.”

2. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

«إِنَّ خِيَارَكُمْ أَحَاسِنُكُمْ أَخْلَاقًا» (صحيح البخاري [6035]).

“ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤް ރަނގަޅު މީހާއެވެ.”

3. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

«فَإِنَّ مِنْ خَيْرِكُمْ أَحْسَنَكُمْ قَضَاءً» (صحيح البخاري [2606])

“ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހުންގެ ތެރޭގައި، (ދަރަނި)ދެއްކުމުގައި އެންމެ ހެޔޮގޮތުގައި އެދައްކާމީހާއެވެ.”

4. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

«خَيْرُكُمْ خَيْرُكُمْ لِأهْلِهِ» (صحيح الجامع [3314]).

“ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އޭނާގެ އަނބިމީހާއަށް އެންމެ ހެޔޮމީހާއެވެ.”

5. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

«خيرُكُمْ مَنْ أَطْعَمَ الطَعَامَ، وَرَدَّ السَّلاَمَ» (صحيح الجامع [3318])

“ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، މީސްތަކުންނަށް ކާންދީ ސަލާމަށް ރައްދުދޭ މީހާއެވެ.”

6. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

«خيرُكُم مَن يُرجَى خيرُهُ ويُؤمَنُ شرُّهُ» (صحيح الترمذي [2263]).

“ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އެމީހާގެ ކިބައިން އަންނަ ހެވަށް އުއްމީދު ކުރެވޭ އަދި އޭނާގެ ނުބައިކަމުން މީހުން ރައްކާތެރިވެގެންވާ މީހާއެވެ.”

7. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

«خَيْرُ النَاسَ أَنْفَعُهُمْ لِلنَاسِ» (صحيح الجامع [3289]).

“މީސްތަކުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އެމީހުންގެ ތެރެއިން އެންމެ މީސްތަކުންނަށް ފައިދާބޮޑު މީހާއެވެ.”

8.ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

«خَيْرُ النَّاسِ مَنْ طَالَ عُمرُهُ وحَسُنَ عَمَلُهُ» (صحيح الترغيب [3364]).

“މީސްތަކުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އެމީހެއްގެ ޢުމުރު ދިގުވުމާއެކު، އެމީހެއްގެ ޢަމަލުތައް ހެޔޮވެއްޖެ މީހާއެވެ.”

މިއީ ރަސޫލުﷲ ﷺ ގެ އަގުހުރި އިރުޝާދު ތަކެކެވެ. މިފަދަ ހެޔޮ ޢަމަލުތައް ކޮށްގެން ﷲ ގެ ރަޙްމަތުން އެންމެ ހެޔޮމީހުންގެ ތެރޭގައި ވުމުގެ ފުރުޞަތު ތިބާއަށްވެސް އެބައޮތެވެ. އެންމެ ހެޔޮ މީހުންގެ ތެރޭގައި ވެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ!

0