ނަޞޭޙަތާއި އިރުޝާދު
ކޮންމެ ކަމަކީ ﷲ ތަޢާލާގެ އިމްތިޙާނެއް، އަހަރެމެން ޖެހޭނީ މި އިމްތިޙާނުތަކުން ފާސްވާން

ދުނިޔަވީ ޙަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. ބައެއް ފަހަރު ޞިއްޙަތު ސަލާމަތުން ހުންނަ އިރެވެ. އަނެއްބައި ފަހަރު ބަލިމަޑުކަމާ ކުރިމަތިވެއެވެ. ބައެއް ފަހަރު އަތްމަތި ތަނަވަސްކޮށް އުޅޭ އިރު، އަނެއްބައި ފަހަރު ދަތިޙާލުގައި އުޅެން ޖެހެއެވެ. އަދި ބައެއް ފަހަރު އަހަރެމެން ލޯބިކުރާ ދަރިންނާއި، މުދަލާއި، ގެދޮރާއި އަހަރެމެންގެ ލޯމަތީގައި ސަލާމަތުން ހުރެއެވެ. ނަމަވެސް ދިމާވާ ޙާދިޘާ އެއްގައި މި ހުރިހައި އެއްޗެއް ނެތި ފަނާވެދެއެވެ. ބައެއް ފަހަރު ނުހަނު އަމާންކަމުގައި އުޅޭ އިރު އަނެއްބައި ފަހަރު ބިރުވެރިކަމާއި ނާމާންކަން ވެރިވެއެވެ. މިއިން ކޮންމެ ކަމަކީތަޢާލާގެ އިމްތިޙާނެކެވެ. އަހަރެމެން ޖެހޭނީ މި އިމްތިޙާނުތަކުން ފާސްވާށެވެ. އެއީ އެކަންކަމަށް ކެތްތެރިވުމެވެ. މި ފަދަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެއީ ކޮންމެވެސް އިންސާނެއްގެ ފަރާތުން އައި ބަދުނަޞީބެއް ކަމުގައި ހީކޮށް، އެ ފަރާތަކާ ދޭތެރޭގައި ކުށްހީކޮށް، ހިތް ނުބައި ކުރުމަކީ، ރަނގަޅު ގޮތެއް ނޫނެވެ.

ދުނިޔޭ ގައި ދަތިތަކާ ކުރިމަތި ކުރައްވައި އިމްތިޙާނު ކުރެއްވޭނެ ބައެކެވެ. އެފަދަ ކޮންމެ ޙާލެއްގައި ވެސް އެ މީހުންގެ ރިވެތި އަޚްލާޤުގެ ސިފަތައް އިސްކުރަން ޖެހޭ ބައެކެވެ. ކެތްތެރިކަމާ އެކީ ޢިއްފަތްތެރިވާން ވެސް ޖެހޭނެއެވެ. އަތްމަތި ދަތިކަމެއް ނުވަތަ ބަނޑުހައިހޫނުކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެހެން މީހުން ނުހަނު ބުރަ މަސައްކަތުން ހޯދާފައި ހުންނަ މުދައު ފޭރި، ވަގަށް ނަގައި، ނުޙައްޤުން އަތުލުމަކީ ހުއްދަވާނެ ކަމެއް ނޫނެވެ. އިސްލާމް ދީނަކީ އެންމެ މާތް ދީންކަމުގައި ވީއިރު އިސްލާމީ ބައެއް މުޖުތަމަޢުތަކުން މިއަދު މި ފެންނަ އަޚްލާޤީ މިންގަނޑުން ދަށް، ނޭދެވޭ ސިފަތަކަކީ އެ މާތް ދީނާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހިކުރުވަފާނެ ކަމެކެވެ.

14