ނަޞޭޙަތާއި އިރުޝާދު
ދުޢާ އިޖާބަ ކުރެއްވުމުގެ ސަބަބުތައް

އަބޫހުރައިރާ -ރަޟިޔަﷲ ޢަންހު- ގެ އަރިހުން އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.

((إنَّ اللَّهَ طَيِّبٌ لَا يَقْبَلُ إلَّا طَيِّبًا، وَإِنَّ اللَّهَ تعالى أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ، فَقَالَ تَعَالَى: ﴿يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا﴾، وَقَالَ تَعَالَى: ﴿يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ﴾

ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ، أَشْعَثَ، أَغْبَر،َ يَمُدُّ يَدَيْهِ إلَى السَّمَاءِ: يَا رَبِّ! يَا رَبِّ! وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لِذَلِكَ؟!)) [رَوَاهُ مُسْلِمٌ]

މާނައީ: “ހަމަކަށަވަރުން ﷲ އީ އެންމެ ރަނގަޅު ފަރާތެވެ. (އެބަހީ: އެންމެހާ އުނި ސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ.) ރަނގަޅު އެއްޗެއް މެނުވީ، އެއިލާހު ޤަބޫލެއް ނުކުރައްވައެވެ. އަދި އެއިލާހު މުއުމިނުންނަށް އަމުރު ކުރައްވާފައިވަނީ، ރަސޫލުންނަށް އަމުރުކުރެއްވި ފަދައިންނެވެ. ފަހެ، ﷲ تعالى ވަޙީކުރެއްވިއެވެ. “އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބައިމީހުން ފަރިއްކުޅުއްވާށެވެ. އަދި ޞާލިހު ޢަމަލުކުރައްވާށެވެ.” އަދިވެސް ﷲ تعالى ވަޙީކުރެއްވިއެވެ. “އޭ އިމާންވި މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި (ޙަލާލު) ރަނގަޅު ތަކެތިން ކައި އުޅޭށެވެ.”

ދެން އެއަށްފަހު، ދަތުރު ދިގުވެ، ބޯހިރަފުސްވެ، ގައި ކިލާވެފައިވާ މީހެއްގެ ވާހަކަ އެކަލޭގެފާނު ޒިކުރުކުރެއްވިއެވެ. އެމީހާ ދެއަތް މައްޗަށް ނަގައި ދުޢާކުރެއެވެ. “އޭ ތިމަންގެ ރައްބެވެ! އޭ ތިމަންގެ ރައްބެވެ!” އެހެނަސް އޭނާ ކަނީ ޙަރާމްތަކެއްޗެވެ. އަދި ބޮނީ ޙަރާމްތަކެއްޗެވެ. އަދި ލަނީ ޙަރާމް ފޭރާމެވެ. އަދި ހެދިބޮޑުވެފައިވަނީ ޙަރާމް ތަކެތިންނެވެ. ފަހެ އެފަދަ މީހެއްގެ ދުޢާ އިޖާބަވާނީ ކިހިނަކުން ހެއްޔެވެ؟!”

މިޙަދީޘް އިން ދޭހަވާ ގޮތުގައި ދުޢާ އިޖާބަ ކުރެއްވުމުގެ ސަބަބުތަކުގެ ތެރޭގައި ދަތުރުވެރިއަކަށްވުން، ގިނަގިނައިން ދެންނެވުން، ދެއަތްމައްޗަށްނަގާ ދެންނެވުން، އަދި ﷲ ގެ ރުބޫބިއްޔަތުގެ ޞިފަ (ﷲ އީ އިންސާނުން ހައްދަވާ ގެންގުޅުއްވާ އިލާހުކަން) ބޭނުންކުރުން، އަދި ޙަލާލުތަކެތިކެއުން ބުއިމުގައި އަދި ލިބާސްއެޅުމުގައި ބޭނުންކުރުން ހިމެނެއެވެ. އެހެންކަމުން ރިޝްވަތުގެ ޙަރާމް ލާރިކައިބޮއި، އަދި އެފައިސާއިން ހޯދާފައިވާ ހެދުމެއްލައިގެން ހުރެ މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވާ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެއެވެ.

0