ދިރާސާ
ޤުރުއާނުގެ ބަގީޗާ: ފަތުޙު ސޫރަތް

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު
މާތް ﷲ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށާއި އެކަލޭގެފާނުގެ އުއްމަތަށް ދެއްވާފައިވާ މަތިވެރި ފަތަޙަތަކާއި ކާމިޔާބީތައް
މި ސޫރަތުގެ މުހިއްމު ނުކުތާތައް
ރަސޫލާ(ޞައްލަﷲ ޢަލައިހި ވަސައްލަމްގެ) ފާފަތައް ފުއްސަވައިދެއްވާފައިވާކަމާއި،
މާތްﷲ ރަސޫލާ(ޞައްލަﷲ ޢަލައިހި ވަސައްލަމް)އަށް ނަޞްރުދެއްވާފައިވާކަން މި ސޫރަތުގައި އަންގަވާފައިވެއެވެ.
• މުއުމިނުންނަށް ދެއްވާފައިވާ އުފާވެރިކަމުގެ ޚަބަރުތައް މިސާލަކަށް މައްކާ ފަތަޙަވާނެކަމުގެ އުފާވެރި ޚަބަރު މި ސޫރަތުގައި އަންގަވާފައިވެއެވެ.
• ގަސްދޮށުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ބައިޢަތު ހިއްޕެވި ޞަޙާބީންނާމެދު މާތްﷲ ރުހިވޮޑިގެންފިކަން މި ސޫރަތުގައި އަންގަވާފައިވެއެވެ.
لَقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا سورة الفتح : 18
މާނައީ: “ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بَيْعَةُ ހިފާހިނދު، އެ مُؤْمِن ތަކުންނާމެދު الله ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فَتَحْ އެއް އެއުރެންނަށް ދެއްވިއެވެ.”
މުއުމިނުންނަށް ދުނިޔެމަތީގައި ދެއްވާނެ ނަޞްރާއި ކާމިޔާބީ މި ސޫރަތުގައި އަންގަވާފައިވެއެވެ.
• އިސްލާމްދީން މަތިވެރިވެގެންދާނެކަމުގެ އުފާވެރި ޚަބަރާއި މައްކާ ފަތަޙަވާނޭކަމުގެ ޚަބަރު މިސޫރަތުގައި ދެވިފައިވެއެވެ. (27 ވަނަ އާޔަތް)
“ހަމަކަށަވަރުން ﷲ އެކަލާނގެ ރަސޫލާއަށް ހުވަފެންފުޅު ސީދާކުރައްވާ، ޙައްޤުގޮތުގައި ތެދުކޮށްދެއްވިއެވެ. ހަމަކަށަވަރުން ﷲ އިރާދަކުރެއްވިނަމަ، ތިޔަބައިމީހުން އަމާންކަމާއެކު، ޙުރުމަތްތެރިވެގެންވާ މިސްކިތަށް ވަންނާނެކަން ކަށަވަރެވެ. ތިޔަބައިމީހުން ބޯތައް ބާލާ ޙާލުގައި އަދި ކުރުކޮށް ކޮށާ ޙާލުގައެވެ. ތިޔަބައިމީހުން ބިރުގަތުމަކާވެސް ނުލައެވެ.”
މި ސޫރަތުން ލިބިދޭ ބައެއް ފައިދާތައް
هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ وَلِلَّهِ جُنُودُ السَّمَاوَاتِ وَالأَرْضِ وَكَانَ اللَّهُ عَلِيمًا حَكِيمًا سورة الفتح : 4
މާނައީ: “އެކަލާނގެއީ، مؤمن ންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمان ކަމުގެ މައްޗަށް، އެއުރެންނަށް إيمان ކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ لشكر މިލްކުވެގެންވަނީ، الله އަށެވެ. މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.”
السَّكِيْنَة ގެ މާނައަކީ ހިތްހަމަޖެހުމާއި މަޑުމައިތިރި ކަމެވެالسَّكِيْنَة އަކީ] އުނދަގުލާއި ދަތިކަން އަދި ބިރުވެރި ކަމުގެ ވަގުތުގައި الله ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅާގެ ހިތަށް ވައްދަވައިދެއްވާ ހިތްހަމަޖެހުމާއި މަޑުމައިތިރި ކަމެވެ. އިބުނުލްޤައްޔިމު – ރަޙިމަހު الله – ވިދާޅުވާ ގޮތުގައި، السَّكِيْنَة އަކީ الله ތަޢާލާގެ ޙަޟުރަތުން ދެއްވާ އެއްޗެކެވެ. އެއީ އަމިއްލަ މަސައްކަތުން ލިބިގަންނަ އެއްޗެއްނޫނެވެ.
الله ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅު [ކީރިތި ޤުރުއާން] ކިޔެވުމާއި އަޑުއެހުމާއި އޭގައިވާ އެއްޗަކާމެދު ވިސްނައި ތަދައްބުރު ކުރުމަކީ ހިތަށް ހަމަޖެހުން ގެނެސްދީ ހާސްކަމާއި ނުތަނަވަސްކަން ފިލުވައިލައިދޭ އަދި ބަލިތަކަށް ޝިފާ ލިއްބައިދޭ ކަމެއް ކަމާމެދަކު ދެބަސްވުމެއް ނެތެވެ. މިކަން ހިމެނެނީ ކީރިތި ޤުރުއާނުގެ މުޢުޖިޒާތްތަކުގެ ތެރެއިންނެވެ. އަދި މިކަމުގެ ޚަބަރު الله ތަޢާލާ ވަނީ އެ ކަލާނގެ ވަޙީ ބަސްފުޅުގައި އަންގަވައިދެއްވައި ފައެވެ.
• ތައުރާތާއި އިންޖީލުގައި ޞަޙާބީންގެ ޒިކުރު އައިސްފައިވާކަން މި ސޫރަތުން އެނގެއެވެ. މިކަމުންވެސް ޞަޙާބީންގެ މާތްކަން ހާމަވެގެންދެއެވެ.
ބައެއްފަހަރު ކާމިޔާބީ ލިބުން ލަސްވެދާނެއެވެ. މިގޮތަށް ކާމިޔާބީ ލިބުން ލަސްވެއްޖެނަމަ، އެ ލަސްވުމުގެ ފަހަތުގައި ހެވެއް ވާނެއެވެ. މިކަން މި ސޫރަތުގެ މި އާޔަތުން އެނގެއެވެ.
هُمُ الَّذِينَ كَفَرُوا وَصَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ وَالْهَدْيَ مَعْكُوفًا أَن يَبْلُغَ مَحِلَّهُ ۚ وَلَوْلَا رِجَالٌ مُّؤْمِنُونَ وَنِسَاءٌ مُّؤْمِنَاتٌ لَّمْ تَعْلَمُوهُمْ أَن تَطَئُوهُمْ فَتُصِيبَكُم مِّنْهُم مَّعَرَّةٌ بِغَيْرِ عِلْمٍ ۖ لِّيُدْخِلَ اللَّـهُ فِي رَحْمَتِهِ مَن يَشَاءُ ۚ لَوْ تَزَيَّلُوا لَعَذَّبْنَا الَّذِينَ كَفَرُوا مِنْهُمْ عَذَابًا أَلِيمًا ﴿٢٥﴾
އެއުރެންނީ، كافر ވެ، އަދި حرمة ތެރިވެގެންވާ މިސްކިތުން ތިޔަބައިމީހުން އެއްކިބާކުރި މީހުންނެވެ. އަދި ގެފުޅަށް ހަދިޔާކުރެވޭ ތަކެތި، އެތަކެތި ކަތިލަންވާ ހިސާބަށް ދިޔަނުދީ ހިފެހެއްޓި މީހުންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގި އެއުރެން قتل ކުރެވިދާފަދަ، (ގޮތެއްގައިތިބި) مؤمن ފިރިހެނުންނާއި، مؤمن އަންހެނުންތަކެއް ނެތްނަމަ (އެ ދަނޑިވަޅުގައި مكة فتح ކުރެއްވުމުގެ إذن ދެއްވީހެވެ.) ފަހެ، އެފަދަގޮތެއް މެދުވެރިވެއްޖެނަމަ، ތިޔަބައިމީހުންނަށް އެނގުމަކާނުލައި، އެއުރެންގެ ސަބަބުން، (އެބަހީ: قتل ކުރެވިދާފަދަ ގޮތެއްގައިތިބި مؤمن ންގެ ސަބަބުން) ތިޔަބައިމީހުންނަށް މަލާމާތް ލިބިދާނެތެވެ. އެއީ اللَّه އިރާދަކުރައްވާ މީހަކު އެކަލާނގެ رحمة ގެތެރެޔަށް ވެއްދެވުމަށްޓަކައެވެ. އެއުރެންނަށް ވަކިވެގެންވާނަމަ، ވޭންދެނިވި عذاب އަކުން އެއުރެންގެ ތެރެއިން كافر ވި މީހުންނަށް ތިމަންރަސްކަލާނގެ عذاب ދެއްވީމުހެވެ.

0