ޚަބަރު
ދެއްވާފައިވާ ޢުމުރުގެ އަގުބޮޑު ވަގުތު، ފައިދާއެއް ނެތް ކަންކަމުގައި ބޭކާރުކޮށްލަނީ

އާޚިރަތް ދުވަހާ މެދު ޣާފިލުވެ، އެ ދުވަހުގެ ބިރުވެރިކަން ހަނދާން ނައްތާލައި، މި ކެހިވެރި ދުނިޔޭގެ އަރާމާއި އުފަލުގެ ފަހަތުން ދަނީ، ﷲގެ އަޅުތަކުންގެ ތެރެއިން ކިތައް ކިތައް މީހުންތޯއެވެ؟ ދެއްވާފައިވާ ޢުމުރުގެ އަގުބޮޑު ވަގުތު، ފައިދާއެއް ނެތް ކަންކަމުގައި ބޭކާރުކޮށްލަނީ ކިހާގިނަ ބަޔަކުތޯއެވެ؟ ލައްނަތް ލެއްވިގެންވާ ޝައިޠާނާ ވަނީ އޭނާގެ ދަންތުރައިގައި އެބައިމީހުން ޖައްސައި، ދުންޔަވީ ލައްދަތާއި ޝަހުވަތުގެ އަޅުވެތިކަމުގެ ކަސްތަޅުން ކަސްތަޅު އަޅުވާފައެވެ. ޝައިޠާނާގެ މި ދަންތުރައިން އަޅުތަކުންނަށް ސަލާމަތްވެވެން އޮތް ހަމައެކަނި މަގަކީ، ޝައިތާނީ ވަސްވާސްތަކުން ކިލަނބުވެފައިވާ ހިތްތައް، އީމާންކަމުގެ ނޫރުން އަލިކުރުމެވެ. ފަނާވެދަނިވި ދުނިޔޭގެ މި ކުރު ދަތުރުގެ މަޤްޞަދާ މެދު ފުންކޮށް ވިސްނައި، މި ދަތުރު ނިންމައިލަންޖެހޭ މަންޒިލު ކަމުގައިވާ އާޚިރަތުގެ މަތީން ތާއަބަދު ހަނދުމަކުރުމުގައި ސާބިތުވެ ތިބުމެވެ.

އިންސާނާ މަރުވެ، ކަށްވަޅަށް ދިއުމާ ހަމައިން ޤިޔާމަތުގެ މަރުޙަލާ ފެށުނީއެވެ. ކަށްވަޅު ވެގެންދަނީ އާޚިރަތުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލަށެވެ. މި މަންޒިލަށް އިންސާނާ ދާން މި ޖެހެނީ، އެތަނުގައި އެކަނިވެރިކަން ފިލުވައިދޭނެ އެއްވެސް މީހަކާ ނުލައެވެ. އެކަނިވެރިކަން ފިލުވައިދޭނެހައި ވެސް އެއްޗަކީ ދުނިޔޭގައި ހުރިއިރު، އޭނާ ކޮށްފައިވާ ހެޔޮ ޢަމަލުތަކެވެ. ނަމަވެސް ދުނިޔޭގައި ނުބައި ޢަމަލުކޮށްފައިވާ މީހުންނާ ކަށްވަޅުން ބައްދަލުކުރާނީ އެ ނުބައި ޢަމަލުތަކެވެ. އެ ޢަމަލުތައް، ކަށްވަޅުގައި ބައްދަލުކުރާނީ ބިރުވެރި ސިފައެއްގައެވެ. ޤިޔާމަތްވުމާ ހަމައަށް އެ މީހަކު އޮންނަން ޖެހޭނީ އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައެވެ. އަދި ހަމަ އެހެންމެ ނުބައި ޢަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ ނަރަކައިގެ ވަޅުގަނޑަކަށެވެ. އެއާ ޚިލާފަށް ހެޔޮ ޢަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ، ސުވަރުގޭގެ ބަގީޗާއަކަށެވެ.

ޤިޔާމަތްދުވަހު، ކޮންމެ މީހަކު ވެސް ﷲގެ ދަރުބާރަށް ޙާޟިރުވާނީ އެ މީހަކު މި ބިންމަތީގައި އުޅުނު އިރު، ކުޅަ ޢަމަލަކާއިގެންނެވެ. ދުންޔަވީ ޙަޔާތުގެ އަރާމާއި ލައްޛަތަށް ހެއްލި، އުޚްރަވީ ޙަޔާތާމެދު ޣާފިލުވެފައިވާ މީހާގެ ގާތަށް މަރު އަންނަ ހިނދު، ތިމާގެ ބޮޑާކަމާއި ކިބުރުވެރިކަމާއި އަނިޔާވެރިކަމުގެ ނިމުން އަތުވެއްޖެކަން އެނގި ކަށަވަރުވެދެއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް މިދުނިޔޭގެ ދަންފަޅި ހަމަކޮށް ﷲގެ ޙަޟްރަތަށް ދަތުރުކުރަން ޖެހޭނެ މީހެކެވެ. ޤިޔާމަތް ދުވަހު ﷲ ގެ ދަރުބާރުގައި ޖަވާބުދާރީ ވާން ޖެހޭނެ މީހެކެވެ. އެ ދުވަހުން ހެޔޮކަމެއް ލިބިއްޖެ މީހާ ﷲ އަށް ޙަމްދުކުރާހުށިކަމެވެ! އަދި އެ ނޫން ކަމަކާ ކުރިމަތިވެއްޖެ މީހާ، އޭނާގެ އަމިއްލަ ނަފްސަށް މެނުވީ މަލާމާތް ނުކުރާހުށިކަމެވެ!

ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައިނުލާށެވެ! ވަގުތު ފާއިތުވުމުގެ ކުރިން، ކުރެވިފައިވާ ފާފަތަކަށް ތައުބާވެ، ﷲ ތަޢާލާގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދެންނެވުމަށް އަވަސްވެގަންނާށެވެ! އިސްވެ ބުނެވުނު ފަދަ ނަޞީބުވެރިންގެ ތެރޭގައި ހިމެނޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ! ކަނޑުގެ ފޮނުގަނޑުހައި ގިނައިން ފާފަ ކުރެވިފައި ވިޔަސް އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ ފާފަތަކުން އެނބުރި ރުޖޫޢަ ވެއްޖެނަމަ އެ ހުރިހައި ފާފަތަކެއް ﷲ ތަޢާލާ ހެޔޮކަންތަކަށް ބަދަލުކޮށްދެއްވަ އެވެ.

3