ނަޞޭޙަތާއި އިރުޝާދު
މާތް ﷲ އަށް ބިރުވެތިވާނަމަ ކޮންމެ ފާފައެއް ފެންނާނީ ބޮޑު ފަރުބަދައެއްގެ ގޮތުގައި

މާތް ﷲ އަށް ބިރުވެތިވާ މުސްލިމުންނަށް ކޮންމެ ފާފައެއްވެސް ފެންނާނީ ފަރުބަދައެއްހައި ބޮޑުކޮށެވެ. އެފަރުބަދަ ތިމާ ޗިސްޗިސް ކޮށްލައިފާނެތީ ބިރުގަންނާނެއެވެ. ނަމަވެސް މާތް ﷲ އަށް ބިރުވެތި ނުވާ މީހުންނަށް ފާފަތައް ފެންނާނީ ކުނަ މެއްސެއްގެ ގޮތުގައި ޤަބޫލުކުރާނީ ކުނަމެހި ފައިސައިލެވޭހައި ފަސޭހައިން ފާފައިން ވެސް ސަލާމަތްވެވޭނެ ކަމަށެވެ. މާތް ﷲ މީސްތަކުންނަށް ތަފާތު މުޞިބާތްތައް ކުރިމަތިކުރައްވަވައެވެ. ބުއްދިވެރިންނަކީ މުޞިބާތްތައް ކުރިމަތިވުމުގެ ކުރިން އެކަންކަމުން ސަލާމަތްވުމަށް މަސައްކަތްކުރާމީހާއެވެ.

ކޮންމެ އިންސާނަކީ ވެސް ކުށެއް ކުރެވިދާނެ މީހެކެވެ. އެ ހާލަތުގައި އޮތީ ތައުބާވުމެވެ. ފާފަ ފުއްސެވުމަށް އެދި މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވައި އާދޭސްކުރުމެވެ. ހަމައެއާއިއެކު ކުރެވިދާނެ އިތުރު ކަމެއްވެސް އެބައޮތެވެ. ތައުބާވުމަށްފަހު ހެޔޮ އަމަލުތައް ކުރުން ގިނަ ކުރާށެވެ. އެހެނީ ހެޔޮ އަމަލުތަކަކީ ފާފަތައް ފޮހެލައިދޭ ކަމެކެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް މިކަންކަން ރަނގަޅަކަށް ނުއެނގެއެވެ. ނަތީޖާއަކަށްވެގެންދަނީ ތައުބާ ވުމަށް ފަސްޖެހުމެވެ. ހެޔޮ އަމަލުތައް ކުރަން ދޭންޖެހޭ ސަމާލުކަން ނުދިނުމެވެ. ބައެއް މީހުންނަށް ހީވަނީ ތައުބާވުމާއި ހެޔޮ އަމަލުތައް އިތުރުކުރުމަކީ ވަކި އުމުރެއްގައި ކުރަންޖެހޭ ކަމެއް ކަމަށެވެ.  އެ އުމުރު އައުމުގެ ކުރިން ތިމާ މަރުވެދާނެ ކަމާއިމެދަކު ނުވިސްނައެވެ. ދުނިޔޭގައި ހުރި ނަމަވެސް ބަލިކަށިވެދާނެ ކަމާއިމެދަކު ނުވިސްނައެވެ. ތިމާގެ ހަޔާތުގެ ދުވަސްތައް ހޭދަކުރަންޖެހޭނީ ކޮންފަދަ ގޮތަކަށްކަން އެނގެނީ ކާކަށް ހެއްޔެވެ؟

 

މަސްދަރު: މިއަދު

0