ނަޞޭޙަތާއި އިރުޝާދު
ޤުރުއާންގެ ބަގީޗާ: ސޫރަތު މުޙައްމަދު

(ޙައްޤަށް ނަޞްރު ދިނުމަށް) ހަނގުރާމަކުރުމަށް މުއުމިނުންނަށް ހިތްވަރުދެއްވުން. އެއީ މުއުމިނުންނަށް ގަދަކަންދެއްވާ، ކާފިރުން ނިކަމެތިކުރެއްވުމަށެވެ.
ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ރަސޫލާ صلى الله عليه وسلم ގެ ދަޢުވަތަށް ހުރަސްއަޅާ މީހުންނަށް ހުރި އުޤޫބާތް
ރަސޫލާ صلى الله عليه وسلم އަށް ތަބަޢަވުމަކީ ޢަމަލުތައް ޤަބޫލުވުމުގެ ޝަރުތެއްކަން
މި ސޫރަތުގައި އައިސްފައިވާ މުހިއްމު ނުކުތާތައް
ކާފަރުންނަށް ހުރި ވޭންދެނިވި ޢަޒާބުގެ ވާހަކަ
ޢިއްޒަތާއި ކާމިޔާބު ލިބިގެންވަނީ މުއުމިނުންނަށްކަން
ކާފަރުން ބަލިވެ ނިކަމެތިވެއްޖައުމަށްދާންދެން ޖިހާދުކުރުން ދޫކޮށްނުލުމަށް މުއުމިނުންނަށް ބާރު އެޅިފައިވޭ
ޢަމަލުތައް ބާތިލްވާކަންތައްތައް އެތައް އާޔަތެއްގައި ބަޔާންވެފައިވޭ

އާޔަތް ނަންބަރު ޢަމަލުތައް ބާތިލްވާކަންތައްތައް
1 ކުފުރު
3 ބާޠިލަށް ތަބަޢަވުން
9 މާތްﷲ ބާއްވައިލެއްވި ތަކެއްޗަށް ނުރުހުންތެރިވުން
25 މުރުތައްދުވުން
30 ދެއްކުންތެރިކަން އަދި ނިފާޤްކަން
32 ނަބިއްޔާއާއި ދެކޮޅުވެރިވެގަތުން
34 ކުފުރުގެ މަތީގައި މަރުވުން

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
ގާތްތިމާގެކަމުގެ ގުޅުން ކަނޑާލުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ.
މި ސޫރަތުގައި ﷲ ވަޙީކުރެއްވިއެވެ. (فهل عسيتم إن توليتم أن تفسـدوا في الأرض وتقطِّعوا أرحـامكـم، أولئك الذين لعنهم الله فأصمهم وأعمى أبصارهم).
މާނައަކީ: “ފަހެ އެހިނދު، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ، ކުރިޔެކޭވެސް އެއްގޮތަށް ތިޔަބައިމީހުން ބިމުގައި ފާސިދުކޮށް، އަދި ތިޔަބައިމީހުންގެ މެދުގައިވާ ތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ގާތްކޮށްފީމުއެވެ. އެބައިމީހުންނަށް މާތް ﷲ ލަޢުނަތްލައްވައި، އަދި އެބައިމީހުންގެ ކަންފަތްތައް ބީރުކުރައްވައި، އަދި ލޯތައް ކަނުކުރައްވައިފައިވާ މީހުންނަކީ، އެބައިމީހުންނެވެ”.
ސުވަރުގޭގެ ކޯރުތައް ދެމިގެންވެއެވެ. ސުވަރުގޭގައި ހަތަރު ވައްތަރެއްގެ ކޯރުތައްވެއެވެ. އެއީ، ރަހައަށް ބަދަލެއް ނާންނަ ފެންކޯރުތަކާއި، ރަހައަށް ބަދަލެއް ނާންނަ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް ލައްޛަތު ލިއްބައިދޭ މަސްތުވުމެއްނެތް ރަލުގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތަކެވެ.
މި ސޫރަތުގެ ހަ ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.
“އަދި ސުވަރުގެއަށް އެކަލާނގެ އެއުރެން ވައްދަވާނެއެވެ. އެ ސުވަރުގެ ވަނީ، އެއުރެންނަށް އަންގަވައި ބަޔާންކޮށްދީފައެވެ.”
މި އާޔަތުން އެނގޭ ގޮތުގައި ދުނިޔެމަތީގައި އެމީހެއްގެ ގެ އެމީހަކަށް އެނގޭ ފަދައިން، ސުވަރުގޭގެ އަހުލުވެރިންނަށްވެސް، އެމީހެއްގެ ގެ އެމީހަކަށް އެނގޭނެއެވެ.
ރަސޫލާ صلى الله عليه وسلم ތޭރަ އަހަރު ތައުޙީދަށް ގޮވާލެއްވުމުގައި މައްކާގައި ހޭދަކުރެއްވިއެވެ. މިއީ މަދީނާގައި ބާއްވައިލެއްވި ސޫރަތެއްކަމުގައި ވީހިނދު، މި ސޫރަތުގައިވެސް ތައުޙީދަށް ދަޢުވަތުދެއްވުމަށް ބާރުއަޅުއްވައިފައިވުމުން، އިސްލާމީ ދަޢުވަތުގެ އެންމެ މުހިއްމު ބަހާއަކީ ތައުޙީދުކަން އެނގިގެން ދެއެވެ. (މި ސޫރަތުގެ 19 ވަނަ އާޔަތް)

0