ނަޞޭޙަތާއި އިރުޝާދު
ޞަލަވާތްކިޔުމަކީ ހިތާމަތައް ފިލުވައިދޭ ކަމެއް

ކީރިތި ރަސޫލާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ އާދައަކަށް ހަދަމާތޯއެވެ. އިބްނުލްޖައުޒީ (رحمه الله) ވިދާޅުވެފައި ވެއެވެ.” ދަންނާށެވެ! މުސްލިމަކު ނަބިއްޔާ ﷺ ގެ މައްޗަށް ގިނަގިނައިން ޞަލަވާތްކިޔަވާ ނަމަ، ﷲ ތަޢާލާ އޭނާގެ ހިތުގައި ނޫރެއް ލައްވައެވެ. އަދި އޭނާގެ ފާފަ ފުއްސަވައިދެއްވައެވެ. އަދި އޭނާގެ ހިތް ހުޅުވައިދެއްވައި ތަނަވަސްކޮށް ދެއްވައެވެ. އަދި އޭނާގެ ކަންކަން ފަސޭހަކޮށް ދެއްވައެވެ. ފަހެ ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރާށެވެ.

ކޮޅަށްހުރެގެންނާއި، އިށީނދެ އިނދެގެންނާއި، އޮށޯވެއޮވެގެން ޞަލަވާތްކިޔާށެވެ. ގޭތެރެގަޔާއި ގެއިން ބޭރުގައި އުޅޭއިރު ގިނަގިނައިން ޞަލަވާތްކިޔާށެވެ. އެއްގަމު އުޅަނދުފަހަރުތަކުގަޔާއި އޮޑިދޯނިފަހަރުގައި ދަތުރުކުރާއިރު ގިނަގިނައިން ޞަލަވާތްކިޔާށެވެ. އޮފީސްތަކާއި،މަދަރުސާތަކާއި، ހަސްފަތާލްތަކުގައި ތިބޭއިރު ގިނަގިނައިން ޞަލަވާތްކިޔަވާށެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ، فَأَكْثِرُوا عَلَيَّ مِنَ الصَّلَاةِ فِيهِ) (1) (ރިވާކުރެއްވީ އަބޫ ދާވޫދު ސުނަނުގައި: 1531 ވަނަ ޙަދީޘް، ޝެއިޚު އަލްބާނީ ޞައްޙަކުރައްވާފައިވޭ)

މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށްވާ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. ފަހެ އެދުވަހުގައި(ހުކުރު ވިލޭރެއާއި ދުވަހުގައި) ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން ނުހަނު މަތިވެރިވެގެންވެއެވެ. އެކަމުގެ ޘަވާބު ނުހަނު ބޮޑުވެގެންވެއެވެ.

އެކަމާއި ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ صَلَّى عَلَيَّ صَلَاةً وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرَ صَلَوَاتٍ وَحُطَّتْ عَنْهُ عَشْرُ خَطِيئَاتٍ وَرُفِعَتْ لَهُ عَشْرُ دَرَجَاتٍ)

މާނައީ: (ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތް ކިޔަވައިފިމީހާގެ މައްޗަށް ދިހަފަހަރު ﷲ ޞަލަވާތް ލައްވާނެއެވެ. އަދި އެމީހެއްގެ ދިހަ ފާފަ ފުއްސަވާނެއެވެ. އަދި އެމީހަކު ދިހަ ދަރަޖަ މަތިކުރެވޭ ހުއްޓެވެ)

(ރިވާކުރެއްވީ އިމާމު ނަސާއީ ސުނަނުގައި، 1297، ޝެއިޚު އަލްބާނީ ޞައްޙަކުރައްވާފައި)

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ صَلَّى عَلَيَّ حِينَ يُصْبِحُ عَشْرًا وَحِينَ يُمْسِي عَشْرًا أَدْرَكَتْهُ شَفَاعَتِي يَوْمَ الْقِيَامَةِ)

މާނައީ: “ތިމަންކަލޭގެފާނުގެ މައްޗަށް ހެނދުނުވާއިރުގައްޔާއި އަދި ހަވީރު ވާއިރު ދިހަފަހަރު ޞަލަވާތް ކިޔައިފިމީހާ ދަންނާށެވެ. ފަހެ އެމީހަކަށް ޤިޔާމަތް ދުވަހުން ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭ ހުއްޓެވެ “

(ރިވާކުރެއްވީ ޠަބަރާނީ މުއުޖަމުލް ކަބީރުގައި، ޖާމިޢުލް ޞަޣީރު: 6357ވަނަ ޙަދީޘް: ޞައްޙަކުރެއްވީ އަލްބާނީ.)

އެހެންކަމުން ހުރިހާ ދުވަހެއްގައިވެސް އަދި ޚާއްޞަކޮށް ހުކުރު ދުވަހު ނަބިއްޔާއަށް ސަލަވާތް ކިޔެވުން ގިނަކުރުމަކީ ނުހަނު މޮޅު އިތުރުވެގެންވާ ހެޔޮކަމެއްކަން އަޅުގަނޑުމެންނަށް މަތީގައިވާ އާޔަތުންނާއި އަދި ޙަދީޘްތަކުން އެއްވެ ހިނގައްޖެއެވެ. އެންމެ މޮޅު އިތުރުވެގެންވާ ޞަލަވާތަކީ ނަމާދުގެ އައްތަހިއްޔާތުގައި ކިޔާ އިބުރާހިމީ ޞަލަވާތުގެ ނަމުން ނަންކިޔޭ ޞަލަވާތެވެ.

0