އިބުރަތްތެރި ވާހަކަ
ފީލުބާގައިގެ މީހުންގެ ވާހަކަ

އެއްދުވަސްވަރެއްގައި ޔަމަނު ކަރައިގައި އަބްރަހަތު ނަމަކަށް ކިޔުނު މީހަކު އުޅުނެވެ. މީނާ އަކީ އިސްކޮޅުން ދިގު، ހަށިގަނޑު ބިޔަ، ގައިގެ ކުލަ ކަޅު، އިސްތަށިގަނޑު ބުޅި މީހެއްކަމަށް ބުނެވެއެވެ. މީނާގެ އަޞްލު ނަމަކީ އަބްރަހަތުލް އަޝްރަމް އެވެ.

އަބްރަހަތަކީ ނުރަނގަޅު އާދަތަކެއް އަށަގަނެފައިވާ ހަރުކަށި މީހެކެވެ. މީނާ އަކީ މަކަރުވެރިކަމާ ބޮޑާ ކަމުގައި ވެސް ހައްދުފަހަނަ އަޅާފައިވާ މީހެކެވެ. އެދުވަސްވަރު ޔަމަނުކަރައިގެ ގަވަރުނަރަކަށް ހުރީ މި އަބްރަހަތެވެ. އެދުވަސްވަރު ޔަމަނުކަރަ އޮންނަނީ އިތިއޮޕިޔާ (ހަބްޝްކަރަ) އިގެ ރަސްގެފާނު ނަޖާޝީގެ ރަސްކަމުގެ ދަށުގައެވެ.

ނަޖާޝީގެ އަރިހުގައި އަބްރަހަތުގެ މަޤާމާމެދު އޭނާގެ ހިތުގައި ގިލަންވެރިކަމެއް އުފެދެމުން ދިޔައެވެ. ކޮންމެ ގޮތަކުންވެސް ނަޖާޝީއާ އަރިސްވުމަށް އަބްރަހަތު ބޭނުންވިއެވެ. އެހެންކަމުން މިކަން ކުރާނެ ގޮތަކާމެދު އަބްރަހަތު ދިޔައީ ވިސްނަމުންނެވެ.

މި ފިކުރުގައި އުޅެމުން ދަނިކޮށް އެއްދުވަހަކު މޮޅު ޚިޔާލެއް އަތުވެއްޖެއެވެ.

އެދުވަސްވަރު ނަޖާޝީ ހުންނެވީ ނަޞާރާއިންގެ ވެރިޔާގެ ގޮތުގައެވެ. އެހެންކަމުން އަބްރަހަތު ގަސްތުކުރީ ޔަމަނުގެ ރަށެއް ކަމުގައިވާ ޞަންޢާ ގައި ބޮޑު ފައްޅިއެއް ބިނާ ކުރުމަށެވެ. އަދި އެފައްޅި ނަޖާޝީއަށް ވެދުމަށް
އެރުވުމަށެވެ.
ފައްޅި ބިނާ ކުރެވިއްޖެއެވެ. ފައްޅީގައި ޖެހުމަށްޓަކައި ޖަވާހިރު ގެނެވުނީ ސަބާ ގައިވާ ބަލްޤީސް ރަނިންގެ ގަނޑުވަރުންނެވެ. ފައްޅި ބިނާކޮށް ނިމުނުއިރު އެތަން ވަނީ ރަނާއި ރިއްސާ، ޖަވާހިރުތަކުން ޖަރީ ކުރެވިފައެވެ. މިހާ ފުރިހަމަކޮށް މިފައްޅި ޖަރީ ކުރުމުގެ މަޤްޞަދަކީ، މައްކާގައިވާ ގެފުޅަށް ޙައްޖުވާން ދާ މީހުންގެ ސަމާލުކަން މި ފައްޅިއާ ދިމާލަށް އަބުރާލުމެވެ. އަބްރަހަތު އުންމީދު ކުރަމުން ދިޔައީ ޙައްޖުވެރިން މައްކާގައިވާ ގެފުޅަށް ޙައްޖުވާން ދިއުން ހުއްޓާލައި މިފައްޅިއަށް ޙައްޖުވާން އަންނާނެ ކަމަށެވެ.

އަބްރަހަތު މި އުންމީދުގައި ހުރެ ދުވަސްތައް ފާއިތުވަމުން ދެއެވެ. ޙައްޖުވެރިން، މިރީތި ފުރިހަމަ ފައްޅިއަށް އަންނަ ގޮތެއް ނުވެއެވެ. އަދި ގެފުޅަށް ދިއުން ހުއްޓައެއްވެސް ނުލައެވެ.

އަބުރަހަތު މިކަމާ ވަރަށް ބޮޑަށް ރުޅި އަތުވެއްޖެއެވެ. އެންމެފަހުން މިރުޅިވެރިކަން ހައްދުފަހަނަ އަޅައިގެން ގޮސް، މައްކާގައިވާ ފުޅު ތަޅާލާނެކަން އިޢްލާން ކުރިއެވެ. މި މަޤުޞަދުގައި މި އަބްރަހަތު ބޮޑު ލަޝްކަރެއް އެއްކުރިއެވެ. ބޮޑެތި ބިޔަ އެތްތަކަކާ އެކު އެކުލެވިފައިވާ މިލަޝްކަރު ގެފުޅު މުގުރަން ދިއުމަށްޓަކައި ނުކުތެވެ. އަބްރަހަތު އޭނާގެ މަޤްޞަދު ޙާސިލުވަމުން ދާތީ ވަނީ އުފަލުން ފޮޅިފައެވެ. އަދި އޭނާގެ ބޮޑު ލަޝްކަރާ ބިޔަ އެތްތަކާ މެދުވަނީ ފަޚުރުވެރިވެ ބޮޑާވެފައެވެ.

އަބްރަހަތު އޭނާގެ ލަޝްކަރާއިގެން މައްކާގެ ވަށައިގެން ދައުރު ކުރަމުން ދިޔައެވެ. މައްކާގެ އަހުލުވެރީންނަށް ބިރުދައްކާ އިންޒާރުގެ ބަސްތައް ބުނަމުން ގެންދިޔައެވެ. މީހުންގެ ގާފިލާތަކަށް ޙަމަލާދީ ޖަމަލުފަދަ ތަކެތި ވަގަށް ނަގަމުން ދިޔައެވެ. މިހެން އުޅުމުގެ ތެރޭގައި އެއްފަހަރަކު ޢަބުދުލް މުއްތަލިބްގެފާނުގެ ޖަމަލަތަކެއް އަބްރަހަތު ވަގަށް ނެގިއެވެ. ޢަބްދުލް މުއްޠަލިބުގެފާނަކީ ކީރިތި ރަސޫލާގެ ކާފާފުޅެވެ. ޢަބްދުލް މުއްޠަލިބުގެފާނު އަބްރަހަތުގެ ގާތަށް ވަޑައިގެން އެކަލޭގެފާނުގެ ޖަމަލުތައް ދެއްވުމަށް އެދުނެވެ. އަދި އެ ޖަމަލުތަކަކީ އެކަލޭގެފާނުގެ ޖަމަލުތަކެއް ކަމަށް، އަބްރަހަތުގެ ޖަމަލުތަކެއް ނޫންކަމަށް ވިދާޅުވިއެވެ. އަބްރަހަތު އުސް ތަހުތެއްގައި ބޮޑުކަމާއެކު އިނެވެ. އޭނާގެ ވަށައިގެން އަޅުންނާއި ގާޑުން ވިއެވެ. ޢަބްދުލް މުއްޠަލިބުގެފާނު އެ ވަރުގަދަ ލަޝްކަރުގެ ތެރެއަށް ގިނިކަންޏާ ވަދެވަޑައިގެން، އެކަލޭގެފާނުގެ ޖަމަލުތައް ދެއްވުމަށް ދެންނެވިއެވެ. އަބްރަހަތު ޙައިރާންކަމާއެކު ބުންޏެވެ. “ކަލޭގެފާނު ތިޔަ ވަޑައިގަތީ ތިކަމައިގެންތޯ؟ އަހަރެންނަކީ ތިޔަބޭފުޅުންގެ މުޤައްދަސް ގެފުޅު މުގުރާލަން އައި މީހެއްކަން ހަނދުމަފުޅު ނެތުނީތޯ؟ ގެފުޅުގެ ވެރިޔާ އަދި މައްކާގެވެސް ވެރިޔާގެ މަޤާމުގައި ހުންނަވައިގެން ކަލޭގެފާނު ތިޔަވަޑައިގަތީ އެ ގެފުޅު ޙިމާޔަތް ކުރެއްވުމުގެ ބަދަލުގައި ކަލޭގެފާނުގެ ޖަމަލުތައް ހޯއްދަވަންތޯ؟ ޢަބްދުލް މުއްޠަލިބުގެފާނު ޖަވާބު ދެއްވިއެވެ.

“އޭ ލަޝްކަރުގެ ވެރިޔާއެވެ. އެ ޖަމަލުތަކުގެ ވެރިޔަކީ އަޅުގަނޑެވެ. އެކަމަކު ގެފުޅު ރައްކާތެރިކޮށް ދެއްވާނޭ ފަރާތެއް އެ ގެފުޅަށް ލިބިގެން ވެއެވެ.”

ޢަބުދުލް މުއްތަލިބްގެފާނުގެ މިޖަވާބު އިވުމުން އަބްރަހަތުގެ ހިތުގައި ނުރުހުމެއް އުފެދުނެވެ. އެހެންނަމަވެސް ޖަމަލުތައް އަބުރާ އެކަލޭގެފާނަށް ރައްދު ކުރިއެވެ.

އަބްރަހަތު ގެފުޅަށް ޙަމަލާ ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދެއެވެ. ލަޝްކަރު އެންމެ ފުރިހަމައަށް ތައްޔާރު ވެއްޖެއެވެ. މައްކާއާ ދިމާއަށް ކުރިޔަށް ދިއުމަށް އަބްރަހަތު އޭނާގެ އެތަށް އަމުރު ކުރިއެވެ. އެކަމަކު އެ އެތް އޮތްތަނުން ގުޑާވެސް ނުލިއެވެ.

މާ ގިނައިރުތަކެއް ނުވެ އިރު ވިލާތަކާ ނިވާވެއްޖެއެވެ. އޭގެ އަލިކަން ފަނޑުވާން ފަށައިފިއެވެ. ކަޅު ވިލާތަކުން މުޅި އުދަރެސްމަތި ބައްދާލައިފިއެވެ. ކަޅު ބޯ ވިލާތައް އަބްރަހަތުގެ ލަޝްކަރާ ގާތްވަމުން އާދެއެވެ. ލަޝްކަރުގެ އެންމެންގެ ހިތްތަކަށް ބިރުވެރިކަން ވަންނަމުން ދިޔައެވެ. އަބްރަހަތުގެ އެތަށް ބިރުވެރިކަމާ ނާމާންކަމާ މުޞީބާތެއް ގާތްވަމުން އަންނަކަން އެނގުނު ކަހަލައެވެ. ލަޝްކަރުގެ އެންމެން އެ ކަޅު ވިލާގަނޑާ ދިމާއަށް، ޙައިރާންކަމާ ބިރުވެރިކަމުން ފުރިގެންވި ނަޒަރަކުން ބަލަހައްޓައިގެން ތިއްބެވެ. ވިލާގަނޑު ވަރަށް ބޮޑަށް ގާތްވުމުން އެއީ ވިލާގަނޑެއް ނޫންކަން އަބްރަހަތާއި އޭނާގެ ލަޝްކަރަށް އެނގުނެވެ. އެކަމަކު އެއީ ބޮޑު ދޫނި ބައިގަނޑެކެވެ. އެއީ ވަރަށް ވަރުގަދަކަމަށް ދައްކާ، ކަޅު ކުލައިގެ ދޫނިބައިގަނޑެކެވެ. އެ ދޫނި ބައިގަނޑު އަބްރަހަތުގެ ލަޝްކަރާ ދިމާއަށް ތިރިވަމުން އައެވެ. ބިރުވެރި އަޑުފަށްގަނޑަކާއެކު ދޫނި ބައިގަނޑު އަބްރަހަތުގެ ލަޝްކަރާ ދިމާއަށް ތިރިވަމުން އައިސް ލަޝްކަރުގެ ކޮންމެ މީހެއްގެ ބޮލަށް ހިލަކޮޅެއް ވައްޓާލިއެވެ.

އަބްރަހަތަށް ކުއްލި ޙައިރާންކަމަކާއި ބިރުވެރިކަމެއް ލިބުނެވެ. އެ ބޮޑު ދޫނިބައިގަނޑުގެ ތެރެއިން ދޫންޏެއް ތިރިވެލާފައި އަބްރަހަތުގެ ބޮލަށް ހިލަކޮޅެއް ވައްޓާލުމުން އަބްރަހަތު ރޮއި ހޭރިގަތެވެ. އަދި ގޮވަން ފެށިއެވެ. “އަހަރެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ކުޑަކުޑަ ދޫންޏެއް އައިސް އަހަރެންނަށް ޙަމަލާ ދީފިއެވެ. އަހަރެންނަށް އެހީވެދޭށެވެ! އެހީވެދޭށެވެ! އެކަމަކު އަބްރަހަތަށް އެހީވެދޭނެ އެއްވެސް މީހަކު ނެތެވެ. އެއީ އޭނާގެ ލަޝްކަރުގެ އެންމެންނަށްވެސް އެ ދޫނިބައިގަނޑު ދިޔައީ ޙަމަލާ ދެމުންނެވެ. ހިނދުކޮޅެއްގެ ތެރޭގައި މުޅި ލަޝްކަރުގެ އެންމެން މަރުވެ ފަނާވެ ނެތި ހިނގައްޖެއެވެ.

ގެފުޅު މުގުރަން އައި އަބްރަހަތުގެ ލަޝްކަރަށް ވީގޮތުގެ ޚަބަރުތައް މައްކާގެ ތެރޭގައި ފެތުރިގެން ދިޔައެވެ. މި ޚަބަރު އިވުމާއެކު ޤުރައިޝް ވަންހައިގެ އެންމެން އެތަނަށް އެއްވެއްޖެއެވެ. އަދި ބޮޑެ ބަސްތަކުން މައްކާގެ އަހުލުވެރީންނަށް އިންޒާރުތައް ދީ، ގެފުޅު މުގުރަން އައި އަބްރަހަތް އޭނާގެ ލަޝްކަރަށް ވެފައިވާ ގޮތް ފެނުމުން އެމީހުން އުފާކުރިއެވެ. އަދި އެ ލަޝްކަރަށް ޖެހިފައިވާ ނިކަމެތި ޙާލު ފެނި، ފީލުބާގައިގެ މީހުންގެ ވާހަކަ މައްކާގެ ތެރޭގައި ފެތުރިގެން ދިޔައެވެ. މިކަމުގެ އުފާ ފާޅު ކުރުމުގައި ޢަބްދުލް މުއްޠަލިބުގެފާނާއި މައްކާގެ އަހުލުވެރީން އުޅެމުން ދަނިކޮށް އެއަށްވުރެ އުފާވެރި ޙަބަރެއް ޢަބްދުލް މުއްޠަލިބުގެފާނަށް ލިބިވަޑައިގަތެވެ. އެއީ އެކަލޭގެފާނަށް ކާފަ ވިދާޅުވާ ފިރިހެން ބޭފުޅަކު ލިބިވަޑައިގެން ޚަބަރެވެ. މި ޚަބަރު ޢަބްދުލް މުއްޠަލިބުގެފާނަށް ލިބިވަޑައިގަތީ، އަބްރަހަތާއި އޭނާގެ ލަޝްކަރު ބަލިވެގެން ދިޔުމާ އަދި މައްކާއާއި ގެފުޅު އެ ނުބައި އަނިޔާވެރިޔާގެ ކިބައިން ސަލާމަތްވިކަމުގެ އުފާ ފާޅު ކުރައްވަން އެކަލޭގެފާނުގެ ގަނޑުވަރުގައި އިންނަވަނިކޮށެވެ.

މި ޚަބަރު ލިބިވަޑައިގަތުމާއެކު އެކަލޭގެފާނުގެ ޅީ ދަރިކަނބަލުން އައިމިނަތުގެފާނުގެ ގަނޑުވަރަށް ވަޑައިގަތެވެ. އައިމިނަތުގެފާނަކީ ޢަބްދުލް މުއްޠަލިބުގެފާނުގެ ދަރިކަލުން ޢަބްދުﷲ ގެފާނުގެ އަނބިކަނބަލުންނެވެ. ޢަބްދުލް މުއްޠަލިބުގެފާނު އެކަލޭގެފާނުގެ ކާފަ ދަރިކަލުން އުރުވަޑުވައިލައްވައިގެން އައިމިނަތުގެފާނުގެ ގަނޑުވަރުން ނުކުމެވަޑައިގަތެވެ. އަދި އެ ތުއްޕުޅު ދަރިކަލުންނާއިގެން ވަޑައިގެން ގެފުޅުގެ ވަށައިގެން ޠަވާފު ކުރެއްވިއެވެ. އެވަގުތު އެތަނަށް އައި މީހަކު ޢަބުދުލް މުއްޠަލިބުގެފާނު އަރިހުން އެއްސެވިއެވެ. “ތިޔަ ދަރިކަލުންނަށް ދެއްވާނީ ކޮންނަމެއް ތޯއެވެ؟” އެހިނދު ޢަބްދުލް މުއްޠަލިބުގެފާނު ވިދާޅުވިއެވެ. “މުޙައްމަދު އެވެ. އާނ! މިއީ މުޙައްމަދުއެވެ.”

މިދަރިކަލުންނަކީ އަހަރުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ “ޢާންމުލްފީލު” ގެނަމުން ޢަރަބިންގެ ތެރޭގައި މަޝްހޫރުވެފައިވާ އަހަރުއެވެ. ދިވެހިންގެ ތެރޭގައި މިވާހަކަ މަޝްހޫރުވެފައިވަނީ “ފީލުބާގައިގެ މީހުން ގެފުގު މުގުރަން ދިޔަ ވާހަކަ” އިގެ ގޮތުގައެވެ. ޢާންމުލް ފީލްގެ ނަން އެއަހަރަށް ދެވުނީ މި ވާހަކައިގައި މިވާ ޙާދިޘާ ހިނގީ އެ އަހަރުގައި ކަމަށް ވާތީއެވެ. މިވާހަކަ ކީރިތި ޤުރުއާނުގެ ޢަންމާ ފޮތުގެ ސޫރަތެއް ކަމުގައިވާ “ފީލް” ސޫރަތުގައި މާތް ﷲ ބަޔާން ކުރައްވާފައި ވެއެވެ.

 

މިއީ ލަޠީފާ ޤާޞިމް ތަރުޖަމާކޮށް ދަރުމަ މަޖައްލާގައި ޝާޢިއުކޮށްފައިވާ ލިޔުމެކެވެ.

0