ދިރާސާ
ގުރުއާން ގެ ބަގީޗާ ސޫރަތުލް މުމްތަޙަނާ

މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫ
އިސްލާމްދިނުގައި އަލްވަލާއު ވަލް ބަރާއު އަށް ދެވިފައިވާ އަހައްމިއްޔަތު
މި ސޫރަތުގެ މުހިއްމު ނުކުތާތައް
ކާފަރުންގެ ކިބައިން ބަރީއަވާންޖެހޭ ސަބަބުތައް މި ސުރަތުގެ ފުރަތަމަ އާޔަތުން ތިންވަނަ އާޔަތަށް ބަޔާންވެފައިވެއެވެ.
ކާފަރުންގެ ކިބައިން ބަރީއަވާންޖެހޭގޮތުގެ މިސާލެއް މި ސޫރަތުގެ ހަތަރުވަނަ އާޔަތުން ހަވަނަ އާޔަތަށް އައިސްފައިވެއެވެ.

ޢަދާވާތްތެރިކަމެއްނެތް ޣައިރު މުސްލިމުންނާއި ހެޔޮ ގޮތުގައި މުޢާމަލާތްކުރުމާއި އެބައިމީހުންދެކެ ލޯބިވުމާއި އެއީ ދެ ކަމެކެވެ. އެފަދަ ޣައިރު މުސްލިމުންނާއި ހެޔޮ ގޮތުގައި މުޢާމަލާތްކުރަނީ ދިނުގައި އެ ގޮތަށް އަނގަވާފައިވާތީއެވެ. އެބައިމީހުންނަށް ހިދާޔަތްލިބުމަށް އުއްމީދުކުރެވޭތީއެވެ. މުއުމިނުންދެކެ ލޯބިވާފަދައިން އެބައިމީހުންދެކެ ލޯބިވާތީއެއް ނޫނެވެ. މިކަން މި ސޫރަތުގެ 8 ވަނަ އާޔަތާއި ނުވަ ވަނަ އާޔަތުން އެނގެއެވެ.

އީމާންވެ ހިޖުރަކުރާ މުސްލިމު އަންހެނުން އިމްތިޙާންކުރުމާއި ގުޅޭ އާޔަތަކީ މި ސޫރަތުގެ 10ވަނަ އާޔަތެވެ.

މުއުމިނު އަންހެނުންތަކެއް ރަސޫލާصلى الله عليه وسلم އާ އެކީގައި ހިފި ބައިޢަތުގެ ވާހަކަ އޮތީ މި ސޫރަތުގެ 12 ވަނަ އާޔަތުގައެވެ.

މި ސޫރަތުން ލިބިދޭ ބައެއް ފައިދާތައް

1. “އިސްލާމްކަމަކީ ތައުޙީދާއެކު ﷲއަށް ކިޔަމަންގަތުމެވެ. އަދި އެއިލާހަށް ކިޔަމަންތެރިވުމުގައި ގަދައަޅައި މަސައްކަތްކުރުމެވެ. އަދި ޝިރުކާއި ޝިރުކުގެ އަހުލުވެރިންގެ ކިބައިން ބަރީއަވުމެވެ.” އެހެންކަމުން، އިސްލާމްކަމުގެ ތެރޭގައި ޝިރުކާއި ޝިރުކުގެ އަހުލުވެރިންގެ ކިބައިން ބަރީއަވުންވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކާފަރުންނާ ދެކޮޅުވެރިވުމާއި، އެބައިމީހުންދެކެ ރުޅިއައުމާއި، އެބައިމީހުންގެ ކިބައިން ބަރީއަވުން މުސްލިމުންގެ މައްޗަށް ވާޖިބުކުރައްވާފައެވެ. މިކަމަށް އިސްލާމްދީނުގައި ކިޔައި އުޅެނީ “އަލްވަލާއު ވަލް ބަރާއު” އެވެ. އެބަހީ؛ އެކުވެރިވެއުޅުމާއި ބަރީއަވުމެވެ.
2. މުމްތަޙަނާ ސޫރަތުގައި: { لَّا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ } ” ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.
މި އާޔަތުން ދޭހަވާ ގޮތުގައި އިސްލާމްދީނަކީ ޞުލްޙައާއި ސަލާމުގެ ދީންކަމާއި، އެއީ ސަލާމްވާ ބަޔަކާ ސަލާމްވާ އަދި ޢަދާވާތްތެރިވާ ބަޔަކާ ޢަދާވާތްތެރިވާ ދީން ކަމަށާއި، އިސްލާމުންނާ ހަނގުރާމަ ނުކުރާ އަދި ދަޢްވަތަށް ހުރަސް ނާޅާ އަދި ދީނާހެދި މުއުމިނުން ފިތުނަވެރިނުކުރާ ބަޔަކާ، ހަނގުރާމަކުރުމެއް މިދީނުގައި ނެތްކަމެވެ.

3. أم كلثوم بنت عقبة رضي الله عنها ހިޖުރައަށް ވަޑައިގެންނެވީ ޞުލްޙުލް ޙުދައިބިއްޔާއަށްފަހުގައެވެ
މިދެންނެވުނު ޞުލްހައިގެ އެއްބަސް ވުމުގެ ޝަރުޠު ތަކުގެ ތެރެއިން ޝަރުޠެއްގައި ވެއެވެ.“ މައްކާގެ އަހުލުވެރީން ގެތެރެއިން މީހަކު އިސްލާމްދީން ޤަބޫލު ކޮށް މަދީނާއަށް ހިޖުރަކުރި ކަމުގައި ވިޔަސް އެމީހަކު އަބުރާ މައްކާއަށް ފޮނުއްވަން ވާނެއެވެ. މަދީނާގެ އަހުލު ވެރީންގެތެރެއިން މީހަކު ނުވަތަ ހިޖުރަ ކޮށްފައިވާ މައްކާގެ އަހުލުވެރީންގެ ތެރެއިން މީހަކު މުރުތައްދުވެ މައްކާއަށް އެބުރި އައި ކަމުގައި ވިޔަސް އެމީހަކު އަނބުރާ މަދީނާއަށް ނުފޮނުއްވުން ވެސް ހިމެނެއެވެ.
އެހެންކަމުން އެކަމަނާ ހިޖުރަކުރެއްވުމުން މައްކާއަށް އެނބުރި ދިޔުމަށް ރަސޫލާ صلى الله عليه وسلم އެ ކަމަނާއަށް އެންގެވިއެވެ.
އެކަމަނާ ދެންނެވިއެވެ.
“ އަންހެނުންނަކީ އެހެންމީހުންގެ އެހީތެރިކަން ބޮޑަށް ބޭނުންވާ ބަޔަކަށް ވާއިރުވެސް، ތިމަންކަމަނާ މުޝްރިކުންގެ ގާތަށް ފޮނުވާލައްވަނީތޯއެވެ؟ މައްކާގެ މުޝްރިކުންގެ ފިތުނަތަކާއިމެދު ތިމަންކަމަނާ ބިރުގަންނަމެވެ
އެ ހިނދު މި އާޔަތް ބާވައިލެއްވުނެވެ.
يَا أَيُّهَا الَّذِينَ آمَنُوا إِذَا جَاءَكُمُ الْمُؤْمِنَاتُ مُهَاجِرَاتٍ فَامْتَحِنُوهُنَّ ۖ اللَّهُ أَعْلَمُ بِإِيمَانِهِنَّ ۖ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَاتٍ فَلَا تَرْجِعُوهُنَّ إِلَى الْكُفَّارِ ۖ لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ ۖ وَآتُوهُم مَّا أَنفَقُوا ۚ وَلَا جُنَاحَ عَلَيْكُمْ أَن تَنكِحُوهُنَّ إِذَا آتَيْتُمُوهُنَّ أُجُورَهُنَّ ۚ وَلَا تُمْسِكُوا بِعِصَمِ الْكَوَافِرِ وَاسْأَلُوا مَا أَنفَقْتُمْ وَلْيَسْأَلُوا مَا أَنفَقُوا ۚ ذَٰلِكُمْ حُكْمُ اللَّهِ ۖ يَحْكُمُ بَيْنَكُمْ ۚ وَاللَّهُ عَلِيمٌ حَكِيمٌ (10)
އޭإيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް مؤمن އަންހެނުން هجرة ކޮށްފައި އަންނަހިނދު، ފަހެ، ތިޔަބައިމީހުން އެކަނބަލުން امتحان ކުރާށެވެ! އެކަނބަލުންގެ إيمان ކަން ހުރިގޮތް اللَّه ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، އެކަނބަލުންނީ، (حقيقة ގައި) مؤمن ންކަން ތިޔަބައިމީހުންނަށް އެނގިއްޖެނަމަ، ފަހެ، كافر ންގެގާތަށް ތިޔަބައިމީހުން އެކަނބަލުން އަނބުރައި ނުފޮނުވާހުށިކަމެވެ! އެކަނބަލުން އެއުރެންނަށް حلال ވެގެނެއް ނުވެތެވެ. އަދި އެއުރެންވެސް އެކަނބަލުންނަކަށް حلال ވެގެނެއް ނުމެވޭމެއެވެ. އަދި އެއުރެން (ކާވެނީގެ ރަނުގެ ގޮތުގައި) ހޭދަކޮށްފައިވާ އެއްޗެއް ތިޔަބައިމީހުން އެއުރެންނަށް ދޭހުށިކަމެވެ! އަދި އެކަނބަލުންގެ ކާވެނީގެ ރަން އެކަނބަލުންނަށް ތިޔަބައިމީހުންދޭނަމަ، ތިޔަބައިމީހުން އެކަނބަލުންނާ ކާވެނި ކުރުމުގައި، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން، كافر އަންހެނުން އަނބިންގެ ގޮތުގައި ނުބައިތިއްބާށެވެ! އަދި ތިޔަބައިމީހުން (އެކަނބަލުންނަށް) ރަނުގެ ގޮތުގައިދިން އެއްޗެއް އަތުލުމަށް ތިޔަބައިމީހުން سؤال ކުރާށެވެ! އަދި އެ كافر ން ހޭދަކުރި އެއްޗެއް އަތުލުމަށް އެއުރެންވެސް سؤال ކުރާހުށިކަމެވެ! އެއީ اللَّه ގެ حكم ފުޅެވެ. އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ނިޔާކުރައްވަތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.
މި އާޔަތް ބާއްވައިލެއްވުމާއެކު އިސްލާމްވެގެން މަދީނާއަށް އަންނަ މުސްލިމުން އަނބުރާ މައްކާއަށް ފޮނުވަންޖެހޭ ގޮތަށް އޮތް ބަންދު އުވިގެންދިޔައެވެ.
އުއްމު ކުލްޘޫމްވެސް މަދީނާގައި މަޑުކުރެއްވިއެވެ.

0