މިދުނިޔޭގައި ތިބާއަށް ކުރެވޭ ބައެއް ފާފަތައް އެއީ ވަރަށް ކުދިކުދި ފާފަތައް ކަމުގައި ތިބާއަށް ހީކުރެވިދާނެއެވެ. ނަމަވެސް މާތް ﷲ ގެ ހަޟްރަތުގައި އެ ފާފަތަކުގެ ބަރުދަން އެނގެނީ ކާކަށް ހެއްޔެވެ؟ އެކަން އެނގޭނެ ހަމަ އެއްވެސް އިންސާނެއް ނުހުންނާނެއެވެ.
އެއްވެސް މީހަކަށް އަނިޔާއެއް ކޮށްފިނަމަ ނުވަތަ އެއްވެސް މީހެއްގެ ހައްޤަކަށް އަރައިގަނެވިއްޖެނަމަ އެކަމަށް ޤިޔާމަތް ދުވަހުން ޖެހޭނީ ހަމަ ބަދަލުދޭށެވެ. އަނިޔާއެވެ ބުނީމާ ގިނަ ބައަކަށް ހީވެފައި އޮންނާނީ މީހަކަށް ހަމަލާދިނުން ކަމަށެވެ. ޙައްޤަކަށް އަރައިގަތުމުގެ މާނަ ގިނަ ބައަކު ނަގަނީ މީހެއްގެ ހައްޤުތައް ފޭރިގަތުން ކަމަށެވެ.
ނަމަވެސް މާތް ﷲ ގެ ޙަޟްރަތުގައި މިކަންކަމުގެ މާނަ ވަނީ މާބޮޑަށް ފުޅައުވެގެންނެވެ. މީހަކު ހިތުގައި ޖެހޭ ފަދަ ކަމެއް ކުރި ނަމަ އެއީ ވެސް މާތް ﷲ ގެ ޙަޟްރަތުގައި ބޮޑުވެގެންވާ އަނިޔާއެކެވެ. ތިބާކުރާ އަމަލަކުން މީހެއްގެ ލޮލުން ކަރުނަަ އޮހޮރިއްޖެނަމަ އެކަން ވާނީ އަދި މާބޮޑު އަނިޔާއަކަށެވެ. ޖެހޭނީ ހަމަ އަގު އަދާކުރާށެވެ.
ދުނިޔޭގެ އެންމެން ފާފަކުރި ނަމަވެސް އެކަމުން މާތް ﷲ އަށް ލިބިވޮޑިގަންނަވާނެ އެއްވެސް އުނިކަމެއް ނެތެވެ. އަދި ދުނިޔޭގެ އެންމެން ހެޔޮ އަމަލުތައް ކުރި ނަމަވެސް މާތް ﷲ އަށް ލިބިވޮޑިގަންނަވާނެ އެއްވެސް ފައިދާއެއްވެސް ނެތެވެ. އެމީހަކު ކުރި ކަމެއް އޮތީ ހަމަ އެމީހަކަށެވެ.
އެއްވެސް މީހެއްގެ ހައްޤަކަށް އަރައި ނުގަންނަންވީ އެ ސަބަބަށްޓަކައެވެ. އެއްވެސް މީހަކަށް އެއްވެސް މިންވަރެއްގެ އަނިޔާއެއް ނުދޭންވީވެސް ހަމަ އެސަބަބަށްޓަކައެވެ. ހަމަ އެކަކުގެ ވެސް ހިތުގައި ޖެހޭ ފަދަ ކަމެއް ނުކުރަންވީވެސް ހަމަ އެ ސަބަބަށްޓަކައެވެ. އެކަންކަން ކުރުމުން ލިބޭ ހުރިހާ އަޒާބެއް ލިބޭނީ ހަމަ އެކަންކަން ކުރި މީހަކަށް ކަމުގައިވާތީއެވެ.
– މުފްތީ މެންކުގެ ދަރުސަކުން –