“މީހަކަށް ކުށެއް ކުރެވުމުން އެކަމަށް މަޢާފަސް އެދެންޖެހޭ ފަރާތުގައި މަޢާފްކޮށް ދިނުމަށް އެދުމުން އެއްވެސް އެއްޗެއް ނުބުނެ އަދި އެހެން މީހުންގެ ގާތު އޭނާއަކަށް މަޢާފެއް ނުކުރާނަމޭ ބުނެ ހިތުގައި އެ ރުޅިވެރިކަން އޮވެ މާ ގާތްކަމަށް، ހިތްހެޔޮކަމަށް ދެއްކިގެން އުޅުމަކީ ކޮންކަހަލަ ކަމެއްތޯ؟”
މިސުވާލުގެ ޖަބާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ “އެތެރޭގައި ރުޅިވެރިކަން ފޮރުވައިގެން ބޭރުފުށަށް އެކުވެރިކަން ދައްކައިގެން އުޅުމަކީ ރަނގަޅު ގޮތެއް ނޫން. ހިތާއި އަމަލު ސީދާވާންވާނެ.” ކަމަށެވެ.
ދީނީ ޢިލްމްވެރން ބަޔާން ކުރައްވަވަނީ ހިތާއި ނުވަތަ ހިތުގައި އޮންނަ ގޮތާއި ބޭރުފުށުން ކުރާ އަމަލު ދިމާނުވުމަކީ ދެފުށް ދެގޮތްވުން ކަމަށާއި އެއީ މުނާފިޤުންގެ ސިފައެއް ކަމަށެވެ.
ކުށެއް ކުރެވިއްޖެނަމަ މަޢާފަށް އެދުމަކީ މުސްލިމުންގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭ ސިފައެއް ކަމަށާއި މަޢާފަށް އެދުމުގެ ހިއްވަރު ހުރި ފަދައިން މަޢާފްކުރުމުގެ ހިއްވަރުވެސް ހުންނަން ޖެހޭނެ ކަމަށެވެ. މަޢާފަށް އެދުމަކީވެސް އަޅުކަމެއް ކަމަށާއި މަޢާފް ކުރުމަކީވެސް އަޅުކަމެއް ކަމަށެވެ.
އެންމެ އިތުރުކަން ބޮޑު ގޮތަކީ މަޢާފަށް ނުއެދުނު ނަމަވެސް މަޢާފްކުރުން ކަމަށްވެސް ބަޔާން ކުރައްވަވައެވެ. އެކަމުގެ ދަލީލެއްގެ ގޮތުން ބަޔާން ކުރައްވަވަނީ ކޮންމެ ރެއަކު އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން އެންމެންނަށް މަޢާފް ކުރައްވަމުން ގެންދެވި ޞަޙާބީއަކު ދިރިހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު އިތުރު މާތް ނަބިއްޔާ (ޞޢވ) ދެއްވަވާފައިވުމެވެ.
މިކަމުގެ ސަބަބުން މަޢާފް ކުރުމުގެ މަތިވެރިކަން ކިތަންމެ ރަނގަޅަކަށްވެސް އެނގިގެންދެއެވެ.
މިއީ ޢާއިލީ ކަންކަމުގައިވެސް ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ. ދެމަފިރިން ދެމަފިރިންނަށް މަޢާފަށް އެދި މާފު ހޯދަމުން ގެންދާނަމަ މައްސަލަތައް މަދުވާނެއެވެ. ހިތުގައި ރުޅިވެރިކަން ބާއްވައި ބޭރުފުށުން އެކަން ވަންހަނާކޮށްގެން އުޅޭނަމަ ގިނަ ފަހަރު އޮންނާނީ ދެމަފިރިންގެ ގުޅުން ބޮމެއްހެން ގޮވައިފައެވެ.