ނަޞޭޙަތާއި އިރުޝާދު
މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު 3 މުޞީބާތް ވެސް ގުޅިފައިވަނީ ހިތާކަން އެނގޭތަ؟

“ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކުރިމަތިވާ އެންމެ ބޮޑެތި މުޞީބާތްތަކަކީ މުއްސަނދިކަން ގެއްލުން، ބަލިވުން ނުވަތަ ގާތް މީހުން މަރުވުން ފަދަ ކަންކަން ކަމަށެވެ. ނަމަވެސް ޙަޤީޤަތަށް ބަލައިފިނަމަ އެންމެ ބޮޑެތި މުޞީބާތްތަކަކީ ހިލަ ހިތެއް ލިބުމާއި، ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަމަށް އަރައިގަންނައިރު ހިތަށް ބިރުވެރިކަން ނުވަނުމާއި އަދި ތިމާއަށް ލިބޭ ތަފާތު އިންޒާރުތައް ބަލައި ނުގަންނަ ހިތެއް ލިބުމެވެ.” މުފްތީ މެންކް

މުފްތީ މެންކުގެ މި ބަސްފުޅުތަކުން އެނގެނީ ރަޙުމާއި ކުލުނު ނެތް ހިތެއްގެ ވެރިއަކަށްވުމަކީ އިންސާނަކަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް މުޞީބާތްކަމެވެ. ހަމައެއާއިއެކު ﷲ ތަޢާލާ ޙަރާމް ކުރައްވަވަފާއިވާ ކަންކަމަށް އަރައިގަންނައިރު ﷲ ގެ ކޯފާ މަތިން ހަނދާންވެ ހިތަށް ބިރުވެރިކަން ނުވަންނަ ނަމަ އެއީ ވެސް ބޮޑުވެގެންވާ މުޞީބާތެއް ކަމެވެ. އަދި ތިމާގެ އަމަލުތައް އިޞްލާޙުކުރަން ފުރުޞަތު ދެއްވެވުމުގެ ގޮތުން ﷲ ތަޢާލާ ފޮނުއްވަވާ އިންޒާރުތައް އެއީ އެފަދަ އިންޒާރުތަކުގެ ގޮތުގައި ބަލައިގަންނަން ނުއެނގުމަކީ ވެސް ބޮޑުވެގެންވާ މުޞީބާތެއް ކަމެވެ.

މުފްތީ މެންކުގެ މި ބަސްފުޅުތަކަކީ ހަމަ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ގައަށް ވެސް ވަރަށް ހެޔޮވަރުކޮށް ފަހާފައިވާ ކޯޓެއް ފަދަ ބަސްފުޅުތަކެކެވެ. މުފްތީ މެންކުގެ ޢިބްރަތުން ފުރިގެންވާ މި ބަސްފުޅުތަކުގެ ތެދުކަން މިއަދުވެސް އަޅުގަނޑުމެންނަށް މިވަނީ އިޙްޞާޞްކުރަންޖެހިފައެވެ. ވިސްނައި ފިކުރު ކުރާ މީހަކަށް މި ބަސްފުޅުތަކުގައި ބޮޑެތި ޢިބްރަތްތަކެއްވާކަން ކަށަވަރެވެ.

0