ނަޞޭޙަތާއި އިރުޝާދު
މައިމީހާއަށް ޚިދުމަތްކޮށްދިނުމުން ރާނީއަކަށް ވެވުނު އަންހެނެއްގެ ވާހަކަ!

މިހާރަކަށް އައިސް މައިންވެސް މުހިންމުވަނީ ދަރިންނަށް ޚަރަދުކުރާނެ ފައިސާ މައިންގެ އަތުގައި ހުރިނަމައެވެ. މައިމީހާއަކީ ފަޤީރަކު ކަމުގައި ވެއްޖެނަމަ އަޅައިލަނީ މަދު ދަރިއެކެވެ. އަޅައި ނުލައިތަނުގައި ގެއިން ފުރަތަމަ ބާކީ ކުރާނީ ވެސް މަންމައެވެ. މައިމީހާ ނިދަންވެސް ދޭނީ ގޭގައި ހުންނަ އެންމެ ކޮޓަރިއެވެ. ބޭނުންކުރަން ދޭނީ ވެސް ބައުވެފައި ހުންނަ ގޮދަޑިއާއި ބެޑްޝީޓެވެ.

މިއީ މިކަން ކުރަން އިސްލާމް ދީނުގައި އޮންނަ ގޮތެއް ނޫނެވެ. މައިމީހާ އާއިމެދު އަމަލުކުރަންވާނީ އެންމެ ފުރިހަމައަށެވެ. މައިމީހާ ގެންގުޅެން ޖެހޭނީ އެންމެ އަރާމުގައެވެ. އެންމެ އުފަލުގައެވެ. މައި މީހާއަށް ހުރިހާ ކަމެއް ފުރިހަމަކޮށްދޭން ޖެހޭނެއެވެ. ތިމާ ނިދަންވީ މައިމީހާ ބައުކުރި ގޮދަޑީގައެވެ. ތިމާ ބޭނުންކުރަންވީ މައިމީހާ ބައުކުރި ބެޑްޝީޓެވެ.

ކުޑަ ވާހަކައެއް ކިޔައިދޭނަމެވެ. މިއީ ތަންކޮޅެއް ކުރީގެ ތާރީޚީ ވާހަކައެކެވެ. ނަމަވެސް ޢިބްރަތްތެރި ވާހަކައެކެވެ.

ސައިލާން އަކީ ޔަމަނުގެ އަވަށެއްގައި ދިރިއުޅުނު އަންހެން ކުއްޖެކެވެ. ޢާއިލާގައި ހުރި ހަމައެކަނި ދަރިފުޅެވެ. އުމުރުން ވިހި ވަރަކަށް އަހަރުވީތަނާ ބައްޕަ ނިޔާވެއްޖެއެވެ. އެހެންކަމުން ސައިލާނަށް ޖެހުނީ މައިމީހާގެ ހުރިހާ ޒިންމާތަކެއް އުފުލާށެވެ.

ސައިލާންގެ ހުރިހާ އުފަލަކަށް ހެދީ މަންމައަށް ޚިދުމަތް ކުރުމެވެ. މަސައްކަތްކޮށްގެން ލާރިއެއް ލިބުނު ނަމަވެސް އަމިއްލައަށް ބޭނުންކުރަނީ މަދު މިންވަރެކެވެ. އެހެން ގޮތަކަށް ބުނާނަމަ މަންމައަށް ޚިދުމަތްކޮށްފައި ބާކީ ހުންނަ އެއްޗެކެވެ. އެއިގެ އިތުރުން މަންމަ އަމިއްލައަށް ފެނިގެން ކުރި ކަމެއް ނޫން އެއްވެސް ކަމެއް ކުރަން މަންމަގެ ކިބައަކުން ނުއެދެއެވެ. މަންމަ ލާ ހެދުން ދޮވެދެނީ އޭނާއެވެ. ލިބުނު ވަރަކުން މަންމައަށް މީރުހައި ތަކެތި ހޯދާފައި ކާންދެއެވެ. މަންމަ އަށް މީރު އެއްޗެއް ތަނަކުން ލިބުނު ނަމަވެސް ނުކައި ގެންގޮސް ދެނީ މަންމައަށެވެ.

އަވަށުގެ ވެރިކަން ކުރަނީ ރާނީއެކެވެ. އެގޮތުގައި އަހަރުތަކެއް ފާއިތުވިތަނާ އަވަށުގެ ރާނީގެ ފިރިހެންދަރިފުޅުގެ ކައިވެންޏަށް އަންހެން ކުއްޖަކު ހޯދަން ފަށައިފިއެވެ. ފުރުޞަތު ލިބޭތޯ މަހުޖަނުންތަކާއި ބޮޑުންތައް ކިޔޫ ހަދައިފިއެވެ. ތަފާތު ހުށަހެޅުންތައް ހުށަހަޅަން ފަށައިފިއެވެ. އެމީހުންގެ ދަރިފުޅަށް ފުރުޞަތު ލިބޭތޯއެވެ. ނަމަވެސް ރާނީއަށް ކަމުދާ އެއްވެސް ހުށަހެޅުނު ކަމަކަށް ނުވިއެވެ.

އެދުވަސްވަރު އެއްރޭ ހުވަފެނުގައި މީހަކު ސައިލާންގެ ގާތުގައި ބުނީ ރާނީ ޢާއި ބައްދަލުކުރުމަށެވެ. އަދި މިއައީ ދަރިކަލުންގެ ކައިވެންޏަށް އެދިގެން ކަމުގައި ބުނުމަށެވެ. ސިއްސައިގެން ގޮސް ހޭލެވުނުއިރު ކޮޓަރީގައި އާދައާއި ޚިލާފު މީރުވަހެއްވެސް ހުރުމުން ހިގައި މިދިއައީ އާދައިގެ ކަމެއް ނޫންކަން ސައިލާނަށް ޤަބޫލުކުރެވުނެވެ.

އަނެއް ދުވަހު ވަރަށް ބޮޑަށް ވިސްނުމަށްފަހު މަންމައާއި މަޝްވަރާ ކުރުމުން ދަރިފުޅު ކުރަން ބޭނުން ގޮތަކަށް ކަންތައް ކުރަން ބުންޏެވެ. އަދި ބޮލުގައި ފިރުމައިލުމަށްފަހު މަންމަގެ ހެޔޮ ދުޢާ އަބަދުވެސް ވަނީ ދަރިފުޅާއިއެކުގައި ކަމަށް ބުންޏެވެ.

މަންމަގެ ހުއްދަ ލިބުމުން ރާނީ އާއި ބައްދަލުކުރަން ދާން ނިންމިއެވެ. ލާނެ ހެދުމަކާއިމެދުވެސް ވިސްނުމަށްފަހު ނިންމީ ހަމަ އެންމެ އާދައިގެ ހެދުމެއް ލައިގެން ދިއުމަށެވެ. “އެންމެ ރީތި ހެދުން ލާކަށް އެމީހާ ނުބުނެއެވެ. ބުނީ ރާނީ ޢާއި ބައްދަލުކުރުމަށެވެ.”

ރާނީ ފައިންޕުޅު ދެކެފައި ބޭނުން ދެންނެވުމުން ފުރަތަމަ ވެސް ކުރެއްވި ސުވާލަކީ ގޮވައިގެން އަންނާނެ މީހަކުވެސް ޢާއިލާގައި ހަމަނެތީ ހެއްޔެވެ؟ ތިބީ ދެމައިން އެކަނި ކަމަށާއި އަޅައިލާނެ އެއްވެސް މީހަކު ނެތް ކަމަށް ދެންނެވުމުން ރާނީ ތަފާތު ސުވާލުތައް ކުރެއްވިއެވެ. ސައިލާނުގެ ދިރިއުޅުމާއި ބެހޭ ހުރިހާ މައުލޫމާތެއް އޮޅުން ފިލުއްވެވިއެވެ.

ސައިލާންގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު ވިދާޅުވިއެވެ. “ހުކުރު ވިލޭރޭ ތިއަ ކައިވެނި ކޮށްދޭނަމެވެ. ސަބަބު އިއުލާނުކުރާނީ ކައިވެނީގެ ރަސްމިއްޔާތުގައެވެ.”

ރާނީ ވިދާޅުވިފަދައިން ކަންތައްތައް ކޮށްދެއްވެވިއެވެ. ޖެހިގެން އައި ހުކުރު ވިލޭރޭ ރަސްމީ އިއްޒަތުގައި ކައިވެނީގެ ހަފްލާ ބޭއްވެވިއެވެ. އަދި އެ ހަފްލާގައި ރާނީ ވިދާޅުވީ ދަރިކަލުންގެ ޢަންބަކަށް ސައިލާން އިޚްތިޔާރު ކުރެއްވީ ހަމަ އެންމެ ސަބަބަކަށްޓަކައި ކަމަށެވެ. ސައިލާން އޭނާގެ މަންމަގެ ކަންކަން ބެލެހެއްޓި ފަދައިން ރާނީގެ ކަންކަންވެސް ބަލަހައްޓައިދޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.

މިއީ ތާރީޚީ ވާހަކައެކެވެ. ނަމަވެސް ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ.

 

މަސްދަރު: މިއަދު

0