ނަޞޭޙަތާއި އިރުޝާދު
ހުއްދަ ނޫން މަންޒަރު ބެލުމަކީ ހިތުގެ ދޮރުތައް ބަންދުވެ ނަމާދުކުރުމަށް ހުރަސް އެޅޭކަމެއް

މިއަދުގެ ދުނިޔެއަށް ބަލައިފިނަމަ އިސްލާމް ދީން މަނާކުރާ މަންޒަރުތަކާއި ވީޑިއޯތަކުން ދުނިޔެ މިވަނީ ފުރިފައެވެ. މިއަދު އެއީ އަހަރަކު 3 ޓްރިލިއަން ޑޮލަރުގެ ބިޔަ ވިޔަފާރިއެކެވެ. އެ މަޅީގައި ޖެހުމަށް އަތުގައި ސްމާޓް ފޯނެއް އޮތުމުން ފުދެއެވެ. ބައެއް މީހުންނަށް ހީވަނީ މިކުރެވެނީ އެއްވެސް ކަމެއް ނޫން ކަމަށެވެ. މީހަކަށް އެކަމުން އުނދަގުލެއް ނުވާނެއެވެ. އަހަރެން ހަމައެކަނި ކުރާ ކަމަކީ އެފަދަ ވީޑިއޯތައް ބަލައިލުމެވެ. އަމަލެއް ނުކުރަމެވެ. މިފަދަ ވިސްނުން ގެންގުޅޭ މީހުން ވަރަށް ގިނައެވެ.

އެހެން ނަމަވެސް ބިރުވެތިވާން އެބަޖެހެއެވެ. މިފަދަ އަމަލުތަކާއި ގުޅިގެން ކީރިތި ޤްރްއާނުގައި ހުރި އާޔަތްތަކުން ހާމަވަނީ ދެކަމެކެވެ. އެއީ އެކަމުގެ ނުބައިކަން ބޮޑުކަމާއި ފާފައިގެ ބޮޑުކަމެވެ. ވިދިގެން އަންނަނީ ނަރަކައިގެ ގަދަފަދަ އަޒާބުގެ ވާހަކަތަކެވެ. މިވަރުން ބިރުގަންނާކަށް ނުޖެހޭ ހެއްޔެވެ؟ އެކަމަށް ދެވި ހިފާވަރަކަށް ހިތުގެ ދޮރުތައް ބަންދުވެގެންދެއެވެ. ރަނގަޅު އަމަލުތައް ކުރުމަށެވެ. ތަޤްވާވެރިކަމަށެވެ. ނުބައި އަމަލުތަކަށް، ފާހިޝް މުންކަރާތްތަކަށް ދޮރުތައް ހުޅުވިގެންދެއެވެ. ނަތީޖާއަކަށްވަނީ ފުރިހަމަ ގޮތުގައި ނަމާދެއްވެސް ނުކުރެވުމެވެ. ނަމާދަށް ހުންނައިރުވެސް އެފަދަ ކަންކަން ޚިޔާލަށް އަންނަތީއެވެ.

މަގުމަތިން ހިނގާއިރުވެސް ބެލެނީ އެފަދަ މަންޒަރެއް ފެނެތޯއެވެ. ޝައުޤުވެރިވާ އަންހެނަކު، ފިރިހެނަކު ފެނޭތޯއެވެ. އަބަދު ހުންނަނީ ލޮލުން ފާފަ ކުރެވިކުރެވިއެވެ. މިއީ މުސްލިމުންނާއި ދެކޮޅަށް ކުރާ ވަރުގަދަ ހަނގުރާމައެކެވެ. އެ ހަނގުރާމަ އަހަރެމެންގެ ގެދޮރަށް ވަދެއްޖެއެވެ. އަނބިދަރިން ސަލާމަތްކުރަން ބޭނުންވި ނަމަވެސް ނުކުރެވޭ ހިސާބަށް ހަނގުރާމަ ފުޅައުވެ ކުރިއަރައިފިއެވެ.  ދަރިން ސްކޫލަށް ދިއުމުން އެހެން ކުދިން ނިކަން ބަލައިލާށޭ ބުނެ ބަރަހަނާ ވީޑިއޯތައް އެބަ ދައްކައެވެ. މިކަންކަމުން ދަރިން ސަލާމަތްކުރަން ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައެވެ.

މިކަންކަން މިވަނީ ބޮޑު މުޞީބާތަކަށް ވެފައެވެ. އެތައް މިލިއަން މުސްލިމުން ވަނީ މަޅީގައި ޖެހިފައެވެ. ބައްޔަކަށްވެ އެބަލީގެ ޝިކާރައަކަށްވެސް ވެފައެވެ. ސަލާމަތް ނުވެވޭ ހިސާބަށް ކަންކަން ގޮސްފައެވެ. ،14 15 އަހަރުގެ ޒުވާނުންނަށް ބަލިން ސަލާމަތް ނުވެވިގެން ދަންޖެހެން ޖެހޭ ހިސާބަށް ކަންކަން ވަނީ ގޮސްފައެވެ.މިކަމުން ސަލާމަތް ވެވޭނީ ވަރަށް ހިތްވަރުކޮށްގެންނެވެ. އިސްލާމް ދީނާއި ކައިރިވެގެންނެވެ. ދީނީ ޔޫޓިޔުބްތައް ބަލަން މަސައްކަތްކޮށްގެންނެވެ. ފޯނުން އެފަދަ އެއްވެސް މަންޒަރެއް ނުބަލާށެވެ. ގޭގެ ޢާންމުތަނެއްގައި ނޫނީ ކޮންޕިޔުޓަރު ބޭނުން ނުކުރާށެވެ. ކޮންޕިޔުޓަރު ކައިރީގައި އެކަނި އިނުން ހުއްޓައިލާށެވެ.
މިއަދު ކުޑަކުދިންގެ އަތުގައި އެންމެ ފަހުގެ ސްމާޓް ފޯން އެބައޮވެއެވެ. އެއީ ކީއްކުރަންދޭ އެއްޗެއް ހެއްޔެވެ؟ އެކަމުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ދަރިންދެކެ ލޯބިވާވަރު އެނެގެނީ ދަރިންނަށް ދޭ ސްމާޓް ފޯނުން ހެއްޔެވެ؟

0