“ޢާއިޝާ (ރަޟިޔަﷲ ޢަންހާ)ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ.
ކުޑަކުޑަ ދެ އަންހެންދަރިން ގޮވައިގެން މީސްކީނު އަންހެނަކު ތިމަންކަމަނާގެ އަރިހަށް އައެވެ. ދެން ތިމަންކަމަނާ އެއަންހެންމީހާ 3 ކަދުރު ދެއްވީމެވެ. ދެން އެ އަންހެން މީހާ އެ ކުޑަ ދެކުދީންކުރެ ކޮންމެ ކުއްޖަކަށް ކަދުރެއް ދިނެވެ. ދެން އެއަންހެންމީހާގެ އަތުގައި އޮތް ކަދުރު ކައިލުމަށް އޭނާގެ އަތް އަނގައާ ހިސާބަށް އުފުލާލުމާއެކު އެކުޑަ ދެކުދިން އޭނާގެ ކިބައިން ކާއެތިކޮޅަށް އެދިގަތެވެ. ދެން އެއަންހެންމީހާ ކާން ބޭނުންވި ކަދުރު ދެފަޅިކޮށްލައި، އެދެކުދިންނަށް ދީފިއެވެ.
ފަހެ ތިމަންކަމަނާ އެއަންހެންމީހާ ކަންތައްކުރި ގޮތާމެދު ހައިރާންވިއެވެ. ދެން އެ އަންހެނާ ކަންތައްކުރި ގޮތުގެ ވާހަކަ ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމަ އަށް ތިމަންކަމަނާ ކިޔައިދެއްވީމެވެ. އެހިނދު އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. [ ހަމަކަށަވަރުން އެކަމުގެ ސަބަބުން ﷲ އެއަންހެނާއަށް ސުވަރުގެ ވާޖިބުކުރައްވައިފިއެވެ. ނުވަތަ އެކަމުގެ ސަބަބުން ﷲ އެއަންހެނާ ނަރަކައިން ސަލާމަތް ކުރައްވައިފިއެވެ.]”
(މިއީ ސަޙީޙް މުސްލިމްގައިވާ ޙަދީޘެއްގެ ތަރުޖަމާ އެކެވެ.)