ނަޞޭޙަތާއި އިރުޝާދު
ދަރިފުޅު ބަސްނާހަނީއެވެ. ދެންހަދާނީ ކިހިނެއް؟ (1)

ދަރިން ބަސް ނާހައިގެން ގޮތް ހުސްވާ ހިސާބަށް ބައެއް ބެލެނިވެރިން ދާއިރު އަނެއްބައި ބެލެނިވެރިންގެ ދަރިން ވަރަށް ބަސް އަހައެވެ. ބުނާ ކަންތައްތައް ކުރެއެވެ. ރުޅިގަދަވެ އަނިޔާ ކުރާކަށް ނުޖެހެއެވެ. މިވަނީ ކީއްބާވައެވެ.

ދަރިފުޅު ތަރުބިއްޔަތު ކުރުމުގެ ރޮނގުން ދިރާސާ ކޮށްފައިވާ އެތަކެއް ޢިލްމުވެރިންގެ ޚިޔާލު ޖަމާކޮށް ޕާކިންސަން އާއި ރުސް ތޮޖްމީ އާއި ޕަވްރީ ޝާއިޢުކޮށްފައިވާ ވަރަށް މަޝްހޫރު ލުއި ފޮތެއް އޮވެއެވެ.

“Children: How to manage them now that you’ve got them”

ދަރިން ބަސް އެހުމަށްޓަކައި ކުރެވިދާނޭ ވަރަށް ގިނަ ކަންތައްތަކާއި، ނުކުރާނޭ ގިނަ ކަންތައްތަކެއް މި ފޮތުގައި ފާހަގަ ކޮށްފައި ވެއެވެ. މިތަނުން ބައެއް ކަންކަން ތިރީގައި ޚުލާސާ ކޮށްލާނަމެވެ.

1. ދަރިން ބެލުމަކީ ފަރުވާތެރިކަމާއެކު ކުރަންޖެހޭ ކަމެކެވެ.

ބައެއް ބެލެނިވެރިން ދެކޭ ގޮތުގައި ދަރިއަކު ލިބުމުން މައިންބަފައިންނަށް ޠަބީޢީ ގޮތުން އެކުއްޖާ ބަލަން އެގޭނެއެވެ. ނަމަވެސް ދަރިން ބަލާ ބޮޑުކުރުމަކީ ވަރަށް ފަރުވާތެރިކަމާއެކު ކުރަންޖެހޭ ކަމެކެވެ. ތަރުބިއްޔަތު ކުރުމުގެ ގޮތުން ކުރެވޭ ތަފާތު ކަންތައްތަކާ ދޭތެރޭ ވިސްނާ އެހެން މީސްމީހުންނާ ޚިޔާލު ބަދަލު ކުރާން ވެސް ޖެހެއެވެ. ތިމާގެ ދަރިފުޅުގެ ކިބައިގައި ހެޔޮ ސިފަތައް ހަރުނުލާ ކަމަށް ފާހަގަ ކުރެވޭނަމަ އެކަމާ ދޭތެރޭ ލަފާ ހޯދާ، މަޝްވަރާ ހޯދަން ޖެހޭނެއެވެ. ދަރިން ބެލުމާ ބެހޭ މަޢުލޫމާތުހޯދަން ޖެހެއެވެ. ދަރިން ބެލުމުގެ ޚާއްޞަ ހުނަރުތައް ދަސްކުރާން ޖެހެއެވެ.

2. ކުއްޖާ ގަދަކަމުން ބޮޑުކުރާން ނޫޅޭށެވެ.

ކުޑަކުއްޖާ އަކީ ސައިޒުން ކުޑަ ބޮޑު މީހެއް ކަމުގައި ނުދެކޭށެވެ. އެކުއްޖާއަށް ބޮޑެތި މީހުން ކުރާ ކަންތައްތައް ބޮޑެތި މީހުން ކުރާ ގޮތަށް ކުރެވޭނީ އޭނާ ވެސް ބޮޑުވުމުންނެވެ. މިސާލަކަށް މަގުހިގާއިރު ބޮޑެތި މީހުންނާ އެއް ވަރަށް އޭނާއަށް ފިޔަވަޅު ނޭޅޭނޭކަން ވިސްނާށެވެ. އަދި ބޮޑެތި މީހުން ވާހަކަ ދައްކާ ގޮތަށް ވާހަކަ ނުދެއްކޭނޭކަން ޤަބޫލު ކުރާށެވެ. ވީމާ އޭނާއާ ދެތެރޭ ކެތްތެރިވާށެވެ. ލޯތްބާ އޯގާތެރިކަމާއެކު ބުނެދޭށެވެ. އުނގަންނައި ދޭށޭވެ.

3. ދަރިންނާ ހަނގުރާމަ ނުކުރާށެވެ.

ކުޑަކުދިންނާ ޒުވާބު ނުކުރާށެވެ. ސަބަބަކީ ޒުވާބުކޮށް ޖަދަލުކޮށްގެން ބޮޑު މީހަކަށް ކުރި ނުލިބޭނެތީއެވެ. ކުޑަކުއްޖާ މާގިނަ ވަގުތާއި، ހަކަތަ އެ ޒުވާބަށް ހޭދަކުރާނެއެވެ. އޭނާއަކަށް ދުނިޔަވީ އެއްވެސް މަޖުބޫރެއް ނެތެވެ. ތާކަށް ދާކަށް ނުޖެހޭނެއެވެ. އޭނާގެ ޒުވާބު މާ ދިގުވެ މާ ގަދަވާނެއެވެ. މި ޒުވާބަށް ޖަވާބު ދޭނޭ ވަގުތު ބޮޑެތި މީހުންނަކަށް ނޯންނާނެއެވެ. ޒުވާބު ކުރަންޖެހޭ ޙާލަތްތަކާ ދުރުހެލިވާށެވެ. ދެބަސްވާ ޙާލަތްތަކުގައި ކުއްޖާގެ ވާހަކަ އަޑުއަހާށެވެ. އަދި ކުއްޖާއަށް ހެޔޮ ގޮތް ވިސްނައި ދިނުމާއެކު ކަންކަން ކުރަންވީ ގޮތް ސާފުކޮށް ބުނެދޭށެވެ. “ކަލެއާ ހެދި ބޮޑު ކަމެއް” މިހެން ބުނުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް “ތިޔަ ފޮތް އެއްލާލީމާ މަންމަ ވަރަށް ދެރަވެއެވެ! އެ އެއްލާނުލާ އަވަހަށް ހިނގާ އެ ފޮތް ނަގަން” މިހެން ބުނެ އެ ފޮތް ނެގުން މާ ރަނގަޅެވެ. މިހެން ޢަމަލު ކުރުމުން މައިމީހާ ކުއްޖާއަށްވުރެ ދެރަވީކީއެއް ނޫނެވެ. ގޮތް ދޫކުރުމާއި މަޑުމައިތިރި ކަމުގެ ރިވެތި ނަމޫނާ ދެއްކުނީއެވެ. ރުޅި މަޑުކުރުމުގެ ރީތި މިސާލު ދެއްކުނީއެވެ. ތަރުބިއްޔަތުގެ ފިލާވަޅެއް ދެވުނީއެވެ. މިކަން ކުއްޖާ ފާހަގަ ކުރާނެއެވެ.

4. ކުއްޖާއާ މަޝްވަރާ ކުރާށެވެ.

ކުޑައިރުން ފެށިގެން ކަންކަމާ މަޝްވަރާކޮށް ވިސްނައި ދިނުމުގެ އާދަ ގެންގުޅޭށެވެ. ކުޑަކުދިންނަކީ ތަބީޢީ ގޮތުން ވެސް ބޮޑެތި މީހުންގެ ކަންކަމުގައި ބައިވެރިވާ ހިތްވާ ބައެކެވެ. ވީމާ އެކުދިންގެ އަޚުލާޤީ ސިފަތަކާ ބެހޭ މަޝްވަރާގައި އެކުދިން ބައިވެރި ކުރާށެވެ. އަދި ރަގަޅުގޮތުގެ ނަމޫނާ ދައްކައި އެގޮތަށް ޢަމަލު ކުރުމުން އެކަން ފާހަގަކޮށް ހިތްވަރު ދޭށެވެ. “ދަރިފުޅު އެ ކުއްޖާއާ އެވާހަކަ ދެއްކީ ހާދަ ރަގަޅަށެވެ. އެކުއްޖާ އެހާ ރުޅި އައިސްގެން އުޅުނުއިރު ދަރިފުޅު އޭނާ ރުޅި މަޑުކުރަން އުޅުނީމާ ބައްޕަ ވަރަށް އުފާވިއެވެ.” މިގޮތަށް ހިތްވަރުދީ ރަގަޅު ކަންކަން ފާހަގަ ކުރާށެވެ. “ދަރިފުޅު ތަންކޮޅެއް މަޑުމަޑުން ވާހަކަ ދެއްކިނަމަ އަދި މާ ރަނގަޅުވީހެވެ. ތަންކޮޅެއް ބާރަށް ވާހަކަދެއްކީ އެކުއްޖާ ވެސް އަޑުގަދަ ކަމުންކަން އެނގެއެވެ. ދެން ފަހަރަކުން ހަނދާން ކުރާނަން ދޯއެވެ؟” މިގޮތަށް އިޞްލާޙީ އިރުޝާދު ދެއްވާށެވެ. ލޯތްބާ އޯގާތެރިކަމާ އެކުގައެވެ.

5. ބަސްނާހާ ކުއްޖާގެ ލަގަބު ނުދޭށެވެ.

“ވަރަށް ގޯސް ކުއްޖެއް!” “ވަރަށް ބަސްނާހާ ކުއްޖެއް!” “ދުވަހަކު ވެސް ރަގަޅެއް ނުވާނެ!” މިފަދަ ޢިބާރާތްތަކުން ރަނގަޅުވުމުގެ ފުރުޞަތު ކުއްޖާއަށް ނެތްކަން އަންގައިދެވި ރަނގަޅުވުމުގެ ފުރުޞަތު މުޅިން ބަންދު ކޮށްލެވެއެވެ. މިފަދަ ޢިބާރާތުން ކުއްޖާއަށް ”ލަޤަބުދީ” “ތައްގަނޑު ޖެހުމުން” އެ ލަޤަބު ކުއްޖާ ދަމަހައްޓާނެއެވެ. މީގެ ބަދަލުގައި ކުއްޖާއަށް ކުރެވުނު ގޯސް ކަންތައް ރަނގަޅު ކުރުމަށް ހިތްވަރު ދޭށެވެ. “މީ ވަރަށް ގޯސް ކުއްޖެއް… މީނާ އަބަދު ފާރުގަ ކުރަހާނެ” މިހެން ބުނުމުގެ ބަދަލުގައި “މީ ވަރަށް ދެރަ ކަމެއް، ކިހާ ހުތުރު ފާރުގަ ކުރެހުނީމާ، ހިނގާ މަންމައާއެކީ މިތަން ފުހެން!” މިހެން ބުނުން މާ ރަގަޅެވެ. އޭރުން އެ ފާޑުކިޔުން އަމާޒު ކުރެވެނީ ކުއްޖާއަކަށެއް ނޫނެވެ. އޭނާ ކުރި ޢަމަލު ހުއްޓުވުމަކީ ކުއްޖާއަށް ކުރެވިދާނެ ކަމެކެވެ. އަދި އެ ކުރެވުނު ކަންތައް އިސްލާޙު ކުރާނޭ ގޮތުގެ ނަމޫނާ ވެސް ދެއްކުނީއެވެ. (ނުނިމޭ)

 

މިއީ ދަރުމަ މަޖައްލާއަށް ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު ލިޔުއްވާފައިވާ ލިޔުމެކެވެ.

0