ނަޞޭޙަތާއި އިރުޝާދު
ސުވަރުގެވަންތަ ވެރިންގެ އަޚްލާޤު

އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީހިނދު އަޅުގަނޑުމެން އެންމެންގެ މަޤްޞަދަކީ ވެސް އާޚިރަތް ދުވަހު ނަރަކައިން ސަލާމަތްވެ ސުވަރުގޭގެ މަތިވެރި ނިޢުމަތް ޙާޞިލުވާ މީހުންގެ ތެރޭން ވުމެވެ. ވީއިރު މިއަދު އަޅުގަނޑުމެންނަށް ކުރަން ޖެހިފައިވާ އެންމެ ބޮޑު އެއް ކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް ނަޒަރު ހިންގާލައި އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަނީ ސުވަރުގެވަންތަ ވެރީންގެ ޢަމަލުތައް ހުންނަންވާ ގޮތަށްތޯ ވަޒަން ކޮށްލުމެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މާތް ޞަޙާބީންނަށް ތަޢުރީފު ކުރައްވައި މާތްﷲ ރުއްސަވާ ކަން ވަނީ އަންގަވާފައެވެ. މާތްﷲ ރުއްސަވާވޮޑިގެންފި ބައެއްގެ ނިމުން ވާނީ ސުވަރުގޭގައި ކަމާމެދުޝައްކެއް ނެތެވެ. ވީއިރު އެބޭކަލުންގެ ކިބައިގައި ވީ ކޮންކޮން މާތް ސިފަތަކެއްތޯ އަދި މާތްﷲ އެބޭކަލުންނާމެދު ރުހިވޮޑިގެންނެވީ ކޮން ކަހަލަ ސިފަތަކެއް ހުރުމުންތޯ ވިސްނާލުން މުހިންމެވެ. އަދި މި ސިފަތައް އަޅުގަނޑުމެންގެ ކިބައިގައި އަށަގެންނެވޭތޯ މަސައްކަތް ކުރަން އެބަޖެހެއެވެ. އަޅުގަނޑުމެންނާމެދު ވެސް ﷲ ރުއްސަވާ ސުވަރުގެ ވަދެވޭ މީހުންގެ ތެރެއިންވޭތޯއެވެ. މިގޮތުން ޖަމާލުއްދީން ޒަރަބޯޒޯ ދެއްވާފައިވާ ހުކުރު ޚުޠުބާ އެއްގައި ވަނީ އަޞްޙާބު ބޭކަލުންނާއި އެބޭކަލުންގެ ފަހަތްޕުޅުން ހިންގެވި ތަޤުވާވެރި ޞާލިޙުންގެ ސިފަތަކަށް އަލި އަޅުވާލައްވާފައެވެ. ވީމާ މި މަޒުމޫނުު ގއި އެ ސިފަތަކުގެ ތަރުޖަމާ ޚުލާޞާއެއް ހިމަނާލާނަމެވެ.

އެބޭކަލުންގެ ދިރިއުޅުއްވުމުން އެންމެ ފާހަގަ ކޮށްލެވޭ އެއް ސިފައަކީ އެބޭކަލުން އެއްވެސް ޢަމަލެއް ކުރެއްވުމުގެ ކުރީން އެ ޢަމަލަކީ ދީނީ ގޮތުން ކޮންކަހަލަ ޢަމަލެއްތޯ ވަޒަން ކުރެއްވުމެވެ. އަބޫބަކުރުގެފާނާއި އަދި ޢުމަރުގެފާނު ފަދަ މާތް ޞަހާބީންގެ ދިރިއުޅުން ވުމަށް ވިސްނާލާއިރު އެއްވެސް ޢަމަލެއް އެއީ ޝަރުޢީ ގޮތުން ހެޔޮ ޢަމަލެއްކަން ސާބިތު ނުވަނީސް އެބޭކަލުން ނުކުރައްވަވައެވެ.

އަޞްޙާބު ބޭކަލުންގެ ކިބައިން ފާހަގަކޮށްލެވޭ އަނެއް ސިފައަކީ އެބޭކަލުން މަރުހަނދާން ކުރައްވާ އެކަމާމެދު ވިސްނާ ވަޑައިގަންނަވާ ކަމުގެ ގިނަ ކަމެވެ. ގިނައިން މަރު ހަނދާން ކުރެއްވުމުގެ ސަބަބުން އެކަމުގެ އަސަރު އެބޭކަލުންގެ ޢަމަލުތަކުން ހާމަވެއެވެ. އެބޭކަލުން ޖަނާޒާއެއްގައި ބައިވެރިވެއްޖެނަމަ އެބޭކަލުންގެ ލޮލުން ކަރުނަ އޮހޮރެއެވެ. އަދި އެބޭކަލުންގެ ވާހަކަ ތަކުން ސާބިތުވަނީ އެބޭކަލުން ހިތާމަ ކުރައްވަނީ މަރުވެ ގޮސްފައިވާ މީހާ އާއި މެދުއެއް ނޫންކަމެވެ. އަދި ކީއްތޯއެވެ؟ އެ ކީރިތި ކުރައްވަނީ އަމިއްލަ ނަފުސާމެދުގައެވެ. އެބޭކަލުންގެ ޢަމަލުތަކަށް ނިމުން އަންނާނެ މަރު ކުރިމަތިވާނެކަން އެބޭކަލުންނަށް އިޙުސާސް ކުރެއްވޭތީއެވެ. އަޅުގަނޑުމެން މިއީ މުއުމިނުން ކަމުގައި ވާހިނދު އަދި އެބޭކަލުންގެ މަގަށް ތަބާވާ ބަޔަކަށް ވާއިރު އަޅުގަނޑުމެންނަށް މަރު ހަނދާން ކުރެވެނީ ކިހާވަރަކަށް ބާއެވެ.

އެބޭކަލުންގެ ދިރިއުޅުއްވުމުގައި އަދިވެސް ފާހަގަ ކޮށްލެވޭ ކަމަކީ ދަމު ނަމާދު ކުރުމުގައި ޤާއިމުވެ ތިއްބަވާކަމެވެ. އެ ނަމާދަކީ އެބޭކަލުންނަށް ލޮބުވެތިކަން ބޮޑުވެގެންވާ ނަމާދެކެވެ. އަދި އެ ނަމާދު އެޅިއްޖެނަމަ އެކަމާ ހިތާމަ ކުރައްވައެވެ. މާތްﷲ ރުއްސުންލެއްވި ޙަސަނުލް ބަޞްރީ ވިދާޅުވެފައި ވެއެވެ. ފާފަތަކުގެ ސަބަބުން ބުރަހެލިވެފައިވާ މީހަކަށް މެނުވީ ދަމު ނަމާދު ބުރައަކަށް ނުވާނެއެވެ.

އެބޭކަލުންގެ މަތިވެރި ސިފަތަކުގެ ތެރެއިން މި ދުނިޔެއާމެދު އެބޭކަލުން ދެކެލައްވާ ގޮތް ފާހަގަ ކުރެވެއެވެ. ދުނިޔަވީ ފައިދާ ލިބެނިވި ޢަމަލުތަކުގެ މައްޗަށް އާޚިރަތުގައި ފައިދާވާނެ ފަދަ ޢަމަލުތަކަށް އިސްކަން ދެއްވިއެވެ. އާޚިރަތުގެ ދާއިމީ ފައިދާއާއި އަޅާ ބަލާލެވޭއިރު މި ދުނިޔެއަކީ އެބޭކަލުންގެ ކުރިފުޅުމަތީގައި މާބޮޑު އަގެއްވާ އެއްޗެއް ނޫނެވެ.

މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ފިތުނައަކީ އާޚިރަތް ހަނދާން ނައްތާލައި ދުނިޔޭގެ އުފާތައް ޙާޞިލުކުރުމަށްޓަކައި މުޅި ޙަޔާތް ހޭދަކުރުމެވެ.

ހަމައެހެންމެ އަޞްޙާބު ބޭކަލުންގެ ކިބައިން ފެންނަ ވަރަށް މާތް އެއް ސިފައަކީ އެހެން މީހުންގެ އުނިކަން ހޯއްދެވުމުގެ ބަދަލުގައި އެބޭކަލުންގެ އަމިއްލަ ނަފްސުތަކުގެ ކުށް އިސްލާޙު ކުރެއްވެވުމެވެ.

އަޞްޙާބު ބޭކަލުންގެ ސިފަތަކުގެ ތެރެއިން އެންމެ ފަހު ސިފައަކަށް އަޅުގަނޑު ފާހަގަ ކޮށްލާނީ އެބޭކަލުން ޖަމާޢަތުގައި ނަމާދު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތެވެ. މާތްﷲ އާއި މާދަމާ ބައްދަލު ކުރަން އެދޭ މުއުމިނު އަޅާ ނަމާދަށް ގޮވާލެވޭ ހިނދު އެކަމަށް އިޖާބަދޭ ހުއްޓެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަޅުގަނޑުމެންނަށް މި ރިވެތި ސިފަ ދައްކަވާފައެވެ. ވީމާ ނަމާދަށް ގޮވޭހިނދު މިސްކިތަށް ދާން އާދަކުރަންވާނެއެވެ. އަޅުގަނޑުމެންގެ ވަގުތު އަޅުގަނޑުމެން ރާވަން ވާނީ ނަމާދު ވަގުތުތަކަށް ބުރޫނާރާ ގޮތަށެވެ. މިއީ އަޅުގަނޑުމެންގެ މާތް ޞަޙާބީންނާއި އެބޭކަލުންނަށް ތަބާވި ޞާލިޙުންގެ މަގެވެ. މިއީ މާތް ﷲ ސުވަރުގެ ލިބޭނެ ކަމަށް ވަޢުދު ކުރެއްވި ބޭކަލުން އުޅުއްވި ގޮތްކޮޅެވެ. ދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމަކުން އެކަމުގެ އަސަރު ފެންނަންވާ އެއްޗެކެވެ. ހަމައެކަނި ދުލުކުރިން މުސްލިމުންނަށް ވުމުގެ ދަޢުވާއެއް ކުރުމަކުން ސުވަރުގެވަންތަ ވެރިންނަށް ނުވާ ހުއްޓެވެ.

އެބޭކަލުންގެ ކިބައިން ފެންނަ އަނެއް ސިފައަކީ އެބޭކަލުންނަށް އަނިޔާވެރިވެފައިވާ މީހުންނަށް މަޢާފުކޮށް ބެހެއްޓެވި އޯގާތެރިކަމެވެ. އެބޭކަލުން މީސްތަކުންނަށް މަޢާފު ކުރަނީ މާތްﷲ އެބޭކަލުންނަށް ފާފަ ފުއްސެވުމުގެ އުއްމީދުގައެވެ.

އަދިވެސް އަޞްޙާބު ބޭކަލުންގެ ކިބައިން ފާހަގަ ކުރެވޭ އަނެއް ސިފައަކީ މުސްލިމުންނަށް ބަހައްޓަވާ ޤަދަރާއި މުސްލިމު އަޚުންނަށް ހެޔޮއެދިވަޑައިގަންނަވާ މިންވަރެވެ. އަބޫބަކުރުގެފާނު އެއް ދުވަހަކު ވިދާޅުވިއެވެ. އެއްވެސް މުސްލިމަކު ނިކަމެތި ކޮށްނުލާށެވެ. އެހެނީ މާތްﷲ ގެ ޙަޟްރަތުގައި އެންމެ ނިކަމެތި މުސްލިމަކީ ވެސް މަތިވެރި މީހެކެވެ. މިއަދު މުސްލިމުން އެކަކު އަނެކަކަށް މަކަރު ހެދުން ވަނީ ޢާއްމު ކަމަކަށް ވެފައެވެ. މުސްލިމުން އެކަކު އަނެކަކަށް ކުރާ ވަޢުދުތަކަށް ޚިޔާނާތްތެރިވުމަކީ ވެސް ޢާންމު ކަމެކެވެ. އަދި މުސްލިމުން އެކަކު އަނެކަކުގެ ލޭ އޮހޮރުވުމަކީވެސް ޢާއްމުކަމެކެވެ. ހައިރާންވާން ޖެހޭ ކަމަކީ މިއަދު މުސްލިމުން އެކަކު އަނެކަކަށް ހެޔޮކޮށް ހިތާ ޤަދަރު ކުރުމުގެ ބަދަލުގައި ޣައިރު މުސްލިމުންނަށް ޤަދަރު ކުރުމުގައި ކުރިއަރާފައިވާ ކަމެވެ. މިފަދައިން އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަހާ ހިދަކު އަޅުގަނޑުމެން އެ މާތް ޞަޙާބީންނަށް ތަބަޢަވާ ބައެއް ކަމުގައި ވާނެތޯއެވެ؟

 

މިއީ ދަރުމަ މަޖައްލާއަށް ފާޠިމަތު ލިޔުއްވާފައިވާ ލިޔުމެކެވެ.

0