ނަޞޭޙަތާއި އިރުޝާދު
ދަތިކަމަކަށްފަހު ފަސޭހަކަން ވެއެވެ.

وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ
ތިބާޔަށްޖެހޭ مصيبة އަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.
ލުޤްމާން 17
މުޞީބާތްތަކަށް ކެތްތެރިވުމަށް އެންމެ ބޮޑަށް އެހީތެރިވެދޭނެ އެއްކަމަކީ ލިބިފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާންކުރުމެވެ. މުޞީބާތެއް ކުރިމަތިވެ ރޯދި ބަރަކާތުގެ ދޮރެއް ބަންދުވެއްޖެނަމަ، އެ ދޮރުގެ ވަށައިގެން ކިތައް ދޮރު ތިބާއަށްޓަކައި ހުޅުވިފައިވޭތޯ ބަލާލާށެވެ.
ދިޔަވަރު ބޮޑުވެ، ދިޔަވަރު ހިކޭފަދައިން، ފިނި މޫސުމަށްފަހު ހޫނު މޫސުން، ހޫނު މޫސުމަށްފަހު ފިނި މޫސުން އަންނަ ފަދައިން އަޅުގަނޑުމެންގެ ޙަޔާތްވެސް ނިއުޅެމުންދަނީ އުފަލާއި ހިތާމައިގެ ތެރޭގައެވެ. ޙަޔާތުގެ ބަނަ ދުވަސްތަކުގައި އަޅުގަނޑުމެންގެ ހިތްތަކަށް އެންމެ ބޮޑު ތަސައްލީއެއް ގެނެސްދެނީ ދަތި ކަމަކަށްފަހު ފަސޭހަކަން އަންނާނޭކަމަށް އައިސްފައިވާ އިލާހީ ވަޢުދުފުޅުންނެވެ. މިސާލަކަށް ޔޫސުފުގެފާނުގެ ޙަޔާތްޕުޅަށް ބަލާލަމާ ހިންގަވާށެވެ. އެކަލޭގެފާނު މުޞީބާތްތަކާއި އިމްތިޙާނުތަކުގެ ތެރޭގައި އެތައް އަހަރެއް ހޭދަކުރެއްވިއެވެ. އެއްވެސް ދިރުމެއް ނެތް ސަހަރާއެއްގައި، ފުން ވަޅެއްގައި ޔޫސުފުގެފާނު ގިނިކަންޏާ ހުންނެވިއެވެ. ވަޅުން ނެގެވި، އަޅެއްގެ ގޮތުގައި މިޞްރުގެ އިސް ވަޒީރު، ޢަޒީޒަށް ވިއްކާލެވި އެމަނިކުފާނުގެ މިލްކަކަށް ވެއްޖެއެވެ. ޢަޒީޒް ގެ އަނބިކަނބަލުން ޒުލައިޚާ އެކަލޭގެފާނަށް އެކަނބުލޭގެއާއެކީގައި ފާހިޝް ޢަމަލު ހިންގަން ދަޢުވަތުދިނެވެ. އެއަށް ފަހު، ވެސް އިތުރު އިމްތިޙާނުތަކެއް ކުރިމަތިވެ، އެކަލޭގެފާނު ޖަލަށް ދާންޖެހުނެވެ. ޖަލުގައި އެތައް އަހަރެއް ހޭދަ ކުރައްވަން ޖެހި ވަޑައިގަތެވެ. އުފާވެރިކަމާއި ފާގަތިކަން ޔޫސުފުގެފާނަށް ލިބިވަޑައިގަތީ މި ހުރިހާ މުޞީބާތަކަށްފަހުގައެވެ.
ޙަޔާތުގެ ބަނަ ދުވަސްތަކުގައި ހިތާމަޔާއި ގިލަންވެރިކަމުގެ ދޫނިތައް ތިބާގެ ބޯމަތީގައި އުދުހުން ތިބާއަށް މަނައެއް ނުކުރެވޭނެއެވެ. އެކަމަކު އެ ދޫނިތައް އައިސް ތިބާގެ ބޯމަތީގައި ހާލި ހެދުން ތިބާޔަށް މަނާ ކުރެވޭނެއެވެ. ތިމާ ހިތް ނުރުހޭ ކަމެއް ދިމާވެއްޖެނަމަ، ހިތާމަކުރުމުގައި ވަގުތުތައް ބޭކާރުކޮށްނުލާށެވެ. އޭގެ ބަދަލުގައި ތިބާއަށް ދުނިޔެއާއި އާޚިރަތުގައި އެކަންކަމުގެ ފައިދާ ލިބޭނެ ފަދަ ކަންކަމުގައި މަޝްޣޫލުވެ އުޅޭށެވެ.

މަޞްދަރު:  د. خالد المنيف ގެ ބައެއް ލިޔުއްވުންތައް

 

0