ދީން
އަލް ޙާފިޡް ޢަބްދުއްރައޫފު – ޢިލްމީ ޚިދުމަތުގެ 25 އަހަރު

1994 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި، މާލެއާއި ރާއްޖޭގެ އެކިސަރަޙައްދުތަކުގައި ޤުރުއާން އުނގަންނައި ދިނުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ އަލް ޙާފިޡް ޢަބްދުލްރައޫފު ގެ ޢިލްމީ ހިޔާވަހިކަމުގެ ދަށުން އެތައް ޤާރީންނަކާއި، މުދިމުންވަނީ އުފެދިފައެވެ.

ކުރިން މާލޭގެ އިބްރާހީމީ މިސްކިތުގެ އިމާމެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަލް ޙާފިޡް ޢަބްދުލްރައޫފު މީގެ ތިން އަހަރު ކުރިން ގަމު ތުނޑީ އަވަށުގައި ގުރުއާން ކްލާސް ފެށީ 30 ދަރިވަރުންނާ އެކުގައެވެ. އޭގެ ފަހުން، 2018 ވަނަ އަހަރު މަރުކަޒުލްޤުރުއާނި ވަލްބަޔާން ގެ ނަމުގައި ގުރުއާން ކްލާސް ރަޖިސްޓްރީކޮށް ހުރިހާ ޢުމުރު ފުރަޔަކަށް ޤްރުއާން ކިޔަވައިދޭން ފެއްޓެވިއެވެ.
2009 ވަނަ އަހަރު ލ.ގަމަށް ދިރިއުޅުން ބަދަލު ކުރެއްވި އަލް ޙާފިޡް ޢަބްދުލްރައޫފު ވިދާޅުވި ގޮތުގައި އޭނާ ވަނީ އެ ރަށުގެ 200އަށް ވުރެ ގިނަ މީހުންނަށް ގުރުއާން އުނގަންނައިދީފަ އެވެ. އެންމެ ފުރަތަމަ ބަލައިގެން ތަޖްވީދު މަގުން ގުރުއާން ކިޔަވަން ދަސްކޮށްދިނީ އެވެ. އެކަމަކު ވޭތުވެ ދިޔަ އަހަރުތަކުގައި އެ ޤްރުއާން ކުލާހުގެ ކިޔަވާ ދަރިވަރުންގެ އަދަދު ގިނަވެ، އެތަނުން ދޭ ޚިދުމަތްތައް ވެސް ވަނީ އިތުރުކޮށްފަ އެވެ.
ގުރުއާން ކިޔަވައިދޭ އުސްތާޒެއްގެ އިތުރުން އަލް ޤާރީ ޢަބްދުލްރައޫފު ފާހަގަކޮށްލެވެނީ ދީނީ ދަޢުވަތުގެ މައިދާނުގެ އެންމެ އިސް ސަފުގައި އަބަދުވެސް ޙަރަކާތްތެރިވާ ދާޢީއެއްގޮތުގައެވެ. މިހާރު ރާއްޖޭގެ ބައެއް ދީނީ ޖަމިއްޔާތަކުގައި ޙަރަކާތްތެރިވާ ބައެއް ޒުވާނުންނަށް ހިދާޔަތް ލިބުމުގެ ސަބަބެއް ކަމުގައިވެފައިވާ ޢަބްދުލްރައޫފު ފާހަގަކުރެއްވި ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން ދީނީ ދަޢުވަތު ދިނުމުގައި، އެކިއެކި ޖަމާޢަތްތަކާ ގުޅިގެން ތަފާތު މަސައްކަތްތައް ދަނީ ކުރައްވަމުންނެވެ. މިގޮތުން މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ ޢިލްމު ޖަމިއްޔާގެ ޙުއްފާޒު ޕްރޮގްރާމަށެވެ. ލާމު އަތޮޅުގައި ހާފިޒުންގެ ޖީލެއް އުފެއްދުމުގެ މާތް މަޤްޞަދުގައި އަތޮޅުގެ ޤުރްއާން ކުލާސް ތަކާއި ގުޅިގެން ހިންގާ ހުއްފާޒު ޕްރޮގްރާމްގެ މުޝްރިފަކީވެސް ޢަބްދުލްރައޫފެވެ.

މަރުކަޒުލް ޤްރުއާން ވަލް ބަޔާންގައި ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން އިޝާ ވަގުތާއި ހަމައަށް ކުލާސްތައް އޮންނަ އިރު، ކިޔަވައިދިނުމުގައި ހަތަރު ޓީޗަރުން ހަރަކާތްތެރިވެއެވެ. ޤުރްއާން ހިތުދަސްކުރަން ބޭނުންވާ ކުދިންނަށް ޚާއްސަ ކުލާސްތަކެއް މަރުކަޒުލް ޤްރުއާން އިން ހިންގަމުންދާއިރު، މި ކުލާހުގެ ބައެއް ދަރިވަރުން މިހާރު 11 ފޮތް ހިތުދަސްކޮށްފައިވެއެވެ. 3 އަހަރު ދުވަހުން ހިތުދަސްކޮށް ނިންމާލެވޭގޮތައް ކުލާހުގެ ކަންކަން ބައްޓަންކުރުމަކީ ޢަބްދުލްރައޫފު ދެކޭ ހުވަފެނެކެވެ. މިގޮތަށް ކުލާސް ބައްޓަންކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ސާނަވީ މަރުހަލާގެ ކިޔެވުމުގައި ދަރިވަރުން މަޝްޣޫލުވުމުގެ ކުރިން މުޅި ޤުރްއާން ހިތުދަސްކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުމެވެ. އެކަށީގެންވާ ފަންޑެއް ލިބިއްޖެކަމުގައިވާނަމަ، މާތް ރަސްކަލާނގެ އިރާދަފުޅާއިއެކު، އަލްޙާފިޡް ޢަބްދުއްރައޫފު ގެ މި އުއްމީދު ޙަޤީޤަތަކަށް ހެދޭނެކަން ކަށަވަރެވެ. މިފަދަ ކަންކަމަށް ހޭދަކުރުމުން ތިމާގެ ފާފަތައް ފުހެވި، މަތިވެރި ޘަވާބު ލިބޭނެއެވެ. ޤުރްއާން ހިތުދަސްކުރާ ދަރިވަރުން ފަތުރާ ޢިލްމާއި، އެ ޢިލްމުގެ އަސަރުތަކުގެ ހެޔޮ ދަރުމަ ތިމާ މަރުވުމަށްފަހުވެސް މެދުނުކެނޑި ލިބިލިބިހުންނާނެއެވެ. ތިބާގެ މުދަލުގައި ބަރަކާތްލެއްވި، ޖެހިފައިވާ މުޞީބާތްތަކުން ނިކުމެވޭނެ މަގުތައް ފަހިވެގެންދާނެއެވެ.

ތިޔަބަމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ، ހަމަކަށަވަރުން ޤިޔާމަތް ދުވަހުން އޭގެ އަހުލުވެރިންނަށް ޝަފާޢަތްތެރި ވުމަށް އެޤުރުއާން އަންނަ ހުއްޓެވެ.

Posted by Marukazul Quran Walbayaan on Monday, July 22, 2019

0