ޚަބަރު
މިއަދު ފެންނަމުންދަނީ ދަރިން ތަނަވަސްކަންމަތީ ތިބެމެ އެހެން މީހުން ގާތަށް ގޮސް ސަލާމް ޖަހައިގެން، ކައި ބޮއި އުޅޭ މަންޒަރު – ޚުތުބާ

މިއަދު ފެންނަމުންދަނީ ދަރިން ތަނަވަސްކަންމަތީ ތިބެމެ އެހެން މީހުން ގާތަށް ގޮސް ސަލާމް ޖަހައިގެން، ކައި ބޮއި އުޅޭ މަންޒަރުކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު ޚުތުބާގައި ވިދާޅުވީ ” މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދާ ބައެއް މަންޒަރު ތަކަކީ ހިތާމަހުރި މަންޒަރު ތަކެކެވެ. ބައެއް ދަރިން، އެމީހުންގެ މައިންބަފައިންގެ ޢުމުރުން ދުވަސްވުމުން އަޅައިނުލައި ގެއިން ބޭރުކޮށްލާ މަންޒަރެވެ. މައިން ބަފައިން ބިކަ ހާލުގައި ޖައްސާ މަންޒަރެވެ. ދަރިން ތަނަވަސްކަންމަތީ ތިބެމެ އެހެން މީހުން ގާތަށް ގޮސް ސަލާމް ޖަހައިގެން، ކައި ބޮއި އުޅޭ މަންޒަރެވެ. އަދި ޢުމުރުން ދުވަސްވެފައި ތިބި ތިމާގެ މައިންބަފައިންނަށް އެއްޗެހި ކިޔައި، އަޑުލައި، މޫނު މަތީގައި ޒުވާބުކޮށް އުޅޭ މަންޒަރެވެ. މިއީ ހިތާމަހުރި ކަމެކެވެ. މިގޮތަށް ކަންތައްކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. ކޮންމެ އިންސާނަކު ވެސް ދުނިޔޭގައި ލަހައްޓަވައިފި ނަމަ މުސްކުޅި ޢުމުރާ ކުރިމަތި ލާން ޖެހޭނޭކަން، ދަންނަން ޖެހޭނެވެ. ތިމާގެ ޙަޔާތުގައި މަންމަ ނުވަތަ ބައްޕަ ޢުމުރުން ދުވަސްވެ، ލޯ ބޯ ކޮށިވެފައިވާ ޙާލުގައި، އެ މީހުންގެ ފަރާތުން ދިމާވާ ކަންކަމަށް ކެތްތެރިވާން ޖެހޭނެއެވެ. އެބައިމީހުންނަށް އިޙްތިރާމު ކުރަންވާނެ އެވެ.

މައިންބަފައިންނަށް އިޙުތިރާމް ކުރުމުގެ މުހިއްމުކަން ބަޔާން ކުރަމުން ޚުތުބާގައި ވިދާޅުވީ ” އިސްލާމް ދީނުގައި އަޅުގަނޑުމެންނަށް އަންގަވައިފައި ވަނީ، މައިންބަފައިންގެ ކުރިމަތީގައި އެންމެ ކުޑަމިނުން “އުއްފު” ވެސް ނުބުނުމަށެވެ. އަދި މައިންބަފައިންނަށް އަދަބު އިޙްތިރާމު އަދާކުރުމުގެ ގޮތުން އެބައިމީހުންގެ ކުރިމަތީގައި މަޑުމޮޅިވުމަށެވެ. އަދި މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާކުރުމަށެވެ.”

މައިންބަފައިން ދުނިޔޭގައި ނެތް ހާލަތެއް ޢަމަލުކުރަންވީ ގޮތް ބަޔާންކުރަމުން ޚުތުބާގައި ވިދާޅުވީ ” އަޅުގަނޑުމެން ކުރެ މީހެއްގެ މަންމަ ނުވަތަ ބައްޕަ މަރުވުމުން، އެމީހުންގެ ދަރިން އެމީހުންނަށް ކޮށްދެވޭނީ ކޮން ހެޔޮކަމެއްތޯ ބަލާނެއެވެ. މިގޮތުން ކޮށްދެވޭނެ ހެޔޮކަމަކީ އެ މީހުންނަށް ޓަކައި ހެޔޮ ދުޢާ ކޮށް ޞަދަޤާތް ކުރުމެވެ. މައިންބަފައިންނަށް ކަމޭހިތުމުގެ ތެރޭގައި، އެބައިމީހުން ދުނިޔެދޫކޮށް ދިއުމުން، އެބައިމީހުންނަށްޓަކައި ހެޔޮ ދުޢާ ކުރުމާއި، އެބައިމީހުންގެ ރަޙްމަތްތެރިންނާ އޮތްގުޅުން ދެމެހެއްޓުން ހިމެނެއެވެ. “

0