އިބުރަތްތެރި ވާހަކަ
މަންމައެއްގެ ލޯބި – 2

އަނެއްކާވެސް ކުއްލިއަކަށް އެ އަންހެންމީހާ ވާހަކަ މެދުކަނޑާލައިފިއެވެ. އަހަރެން ނޫން އެހެންމީހަކު އެ އަންހެންމީހާގެ ކުރިމަތީ އައިސް ހުއްޓުނު ކަހަލައެވެ. އެމީހަކާ ދިމާލަށް އެނބުރި އެމީހަކާ ދިމާލަށް ބަސްބުނަން ފަށައިފިއެވެ. އެ އަންހެންމީހާއަށް ތިމަން ކުރިމަތީ ނެތް ފަދައެވެ. ” އާހް އޭ އަހަރެންގެ ދަރިފުޅާއެވެ! އަހަރެމެން ވަކިވުމަށްފަހު ހަތް އަހަރު ވޭތުވެދިޔުމަށްފަހު އަހަންނަށް ދަރިފުޅު ފެނުނެވެ. ދަރިފުޅުވީ އަހަންނަށް ދުރުމީހެއްކަމުގައެވެ. ދަރިފުޅާއެވެ! އަހަރެންގެ ދެލޮލުން މަންމައެއް ތިބާއާމެދު ޝައުޤުވެރިވެފައިވާ މިންވަރު ނުފެނޭ ހެއްޔެވެ؟ ދަރިފުޅަށްޓަކައި ދިއްކޮށްލެވިފައި މިވާ ދެއަތް ދަރިފުޅަށް ނުފެނޭ ހެއްޔެވެ؟ ދަރިފުޅު ޙިމާޔަތްކުރުމަށް މި ހިތްގޮވާލާގޮވުން އަޑު ނީވޭ ހެއްޔެވެ؟ ބަހެއް ނެތި، ގެއްލިފައި މިވާ ދަރިފުޅުގެ މަންމައަށް ބަލައިގެން ތިޔަ ހުންނަނީ ކޮން ސަބަބަކާހުރެ ހެއްޔެވެ؟ އަދިވެސް ދަރިފުޅަށް މިކުރާ ދިގު އިންތިޒާރު ނުފުދެނީ ހެއްޔެވެ؟ އަދި ތިކަން މިވާ ލޯބި ނުފުދެނީ ހެއްޔެވެ؟ ދަރިފުޅަށްފަހު އަހަރެންގެ ދުވަސްތައް ތިޔަ ބޭކާރުކޮށްވީ ކިހިނެއްކަން ނޭނގެނީ ހެއްޔެވެ؟ އޭ އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ!!!”

ދެން އަނެއްކާވެސް އަހަންނާ ދިމާލަށް އެނބުރުނެވެ. ހީވަނީ އެ އަންހެންމީހާގެ ޚިޔާލުތަކުގެ ތެރެއިން ހޭވެރިކަންވީ ހެނެވެ. އަދި ބުންޏެވެ. “އޭ ކޮއްކޯއެވެ! ކުޑަކުދިންތައް ހާދަ އަވަހަކަށް ބަދަލުވެއެވެ. މިއީ އަހަރެންގެ ދަރިފުޅުގެ ވާހަކައާއި އޭނާ އުޅުނު އުފާވެރިގޮތެވެ. އެހެންނަމަވެސް ކަންކަން ބަދަލުވެއްޖެއެވެ. އިއްޔެ އަހަރެން އޭނާއަށް ގޮވާ ހެދީމެވެ. އަދި ހީ ސަކަރާތްވެސް ޖެހީމެވެ. ނަމަވެސް މިއަދު އަހަރެންގެ ގޮވާލުމަށް އިޖާބައެއްނެތެވެ. އަދި އަހަންނާ ކައިރިވާކަށްވެސް ބޭނުމެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. އެ ދަރިފުޅުގެ ޅަފަތާއި ލޯބި އަހަރެންގެ ކިބައިން ޖަހައިގެންފިއެވެ. އެތައް އަހަރުތަކަކަށްފަހު އެ ދަރިފުޅުގެ ބައްޕަ މަރުވެއްޖެއެވެ. އަދި އަހަރެންގެ އާއިލާ އެންމެން މަރުވެއްޖެއެވެ. އަހަރެންގެ ދަރިފުޅު އެނބުރި އަހަރެންގެ ގާތަށް އައުމުން އަހަރެންގެ އެކުވެރިކަމުން މިންޖުވިއެވެ. ނަމަވެސް އެދަރިފުޅަށް މިރަށުގައި އުޅުމަށް ފަސޭހައެއްނުވިއެވެ. އަހަރެން ގޮވައިގެން ދަރިފުޅުގެ ޙަޔާތް ހޭދަކުރި ވެރި ރަށަށް ބަދަލުވިއެވެ. ދަރިފުޅު ބޮޑުމީހަކަށް ވިއެވެ. ދަރިފުޅުގެ ކަންކަން އަހަރެން ގެންދިޔައީ ވަރަށް ފަރުވާތެރިކަމާއެކު ކުރަމުންނެވެ. އެހެންނަމަވެސް އެއްދުވަހަކު، ރަށުން ބޭރަށް ފުރާވާހަކަ ބުންޏެވެ. އަދި އެ ދަތުރުގެ ބޭނުމަކީ ކިޔެވި ދުވަސްވަރު ދިމާވި އަންހެން ކުއްޖަކާ ކައިވެނިކުރުން ކަމުގައިވެސް ބުންޏެވެ…. އެދަތުރު ނުކުރުމަށް އެކިގޮތްގޮތުން އަހަރެން ބާރުއެޅީމެވެ. ދަރިފުޅު ހިނގައްޖެކަމުގައިވާނަމަ އަހަރެން އެކަނިވާނެވާހަކަވެސް ބުނީމެވެ. އެހެންނަމަވެސް ގިނަދުވަސްތަކެއް ނުވާނެކަމުގެ ޔަޤީންކަން އަހަންނަށް ދިނެވެ.

އެއްމަސްދުވަސް ވޭތުވެދިޔުމަށްފަހު، ދަރިފުޅުގެ އަނބިމީހާ ގޮވައިގެން އެނބުރިއައެވެ. އެ އަންހެން ކުއްޖާދެވެސް އަހަރެން، ނުލާހިކު ލޯބިވީމެވެ. އަހަރެންގެ ދަރިފުޅުދެކެ އަހަރެންވާ ލޯބި އެ އަންހެން ކުއްޖާއަށް ނުވިސްނުނެވެ. ސަބަބަކަށްވީ އަހަންނަށް އެފަދަ ހުރަހެއް ހަލާކުކޮށްލުމަށް ކުޅަދާނަވެގެންނުވާފަދަ ހުރަހެއް އަހަންނާއި އެ އަންހެން ކުއްޖާއާދެމެދު ލެވިގެން ދިޔަތަނެވެ. މައްސަލަ ބޮޑުވެގެން އެންމެފަހުން ނިމުނީ އެ އަންހެން ކުއްޖާ އަހަންނާ ވާހަކަ ނުދެއްކުމާ ހަމައިންނެވެ. އަހަރެއް ފަހުން އަހަންނަކީ އެ ދަރިފުޅުގެ ގޭގައި އިތުރުވެ ބާކީވެފައިވާ މީހެއްކަން ޞަރީޙަބަހުން ނުބުނިކަމުގައިވިޔަސް ދަރިފުޅު އަހަންނަށް ވިސްނާދިނެވެ. މިސަބަބާހުރެ އަހަރެންގެ މިރަށަށް އައިސް އަހަރެންގެ ގޭގައި އުޅުމަށް ހުއްދަދިނުމަށް ދަރިފުޅުކުރެން އެދުނީމެވެ. އަދި ދޭތެރެ ދޭތެރެއިން އަހަރެންގެ ގާތަށް ޒިޔާރަތްކުރުމަށްވެސް އެދުނީމެވެ. ދަރިފުޅު އެކަމާ އެއްބަސްވިއެވެ. ފުރަތަމަ ދެތިން މަހެއްގައި އަހަރެންގެ ގާތަށް އައިސް ހެދިއެވެ. އޭގެފަހުން އައުން މަދުވަމުންގޮސް އެއްކޮށް އައުން ހުއްޓިއްޖެއެވެ. ދަރިފުޅުގެ ޚަބަރެއްނުވެ ގިނަދުވަސްތަކެއް ވުމުން ޚުދު އަހަރެން ދަތުރުކޮށްފައި ވެރިރަށަށް ޚަބަރެއްވޭތޯ ދިޔައީމެވެ. ދިޔުމުން އަހަންނަށް އެނގުނީ ދަރިފުޅުގެ އަންހެނުންނާއެކު، އެމީހުންގެ ރަށަށް ބަދަލުވި ވާހަކައެވެ. އޭގެފަހުން މިއަދާޖެހެންދެންވެސް އަހަންނަކަށް އެ ދަރިފުޅުގެ އެއްވެސް ޚަބަރެއް ނުލިބެއެވެ. ކޮއްކޯއެވެ! ކޮއްކޮއަށް ތިޔަ ފެންނަ ފަދައިން އަހަރެން މިވަނީ ގެއްލިފައެވެ.”

އެ އަންހެންމީހާގެ މިވާހަކަތައް އަޑު އެހުމަށްފަހު، އެ އަންހެންމީހާ ހިތްހަމަޖައްސާލުމަށްޓަކައި އަހަރެން ބަހެއް ބުނަން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް ތިމަންގެ ބަސްތައް ނުކުތުމުގެ ކުރިން ތިމަންނައަށް ފުރަގަސްދީ ބަލާލުމެއް ނެތި އޭނާ އެނބުރި ހިނގައްޖެއެވެ.

(ނިމުނީ)

 

މިއީ ޢިބްރަތްތެރި ވާހަކަ 2 މިފޮތުގައި އައްޝައިޚް މުޙައްމަދު ސިނާން ތަރުޖަމާ ކުރައްވާފައިވާ ވާހަކައެކެވެ.

0