ނަޞޭޙަތާއި އިރުޝާދު
ދެމިހުންނަ ކައިވެންޏެއްގެ ސިއްރު

މީގެ ކުޑަ ދުވަސް ކޮޅެއްގެ ކުރިން އަންހެނުންނާބެހޭ ކޮމިޓީއެއްގައި އަހަރެންގެ ކައިވެނީގެ ސަބަބުން ލިބޭ ހިތްހަމަޖެހުމާ ބެހޭގޮތުން، ވާހަކަ ދެއްކީމެވެ. އެކަމާ ގުޅިގެން އެތައް ބަޔަކު އަހަރެންނާ ފޯނުން ވާހަކަ ދައްކާ ބައްދަލުކޮށް ހެދިއެވެ. މުޅިންހެން އަންހެނުންނެވެ.

އެމީހުންގެ ވާހަކަތަކުން އަހަރެންނަށް އޮޅުން ފިލީ ގިނަ އަންހެނުން، ކައިވެނި އުފާވެރި ކުރެވޭތޯ މަސައްކަތް ކުރާކަމެވެ. ކުރާ މަސައްކަތާ ހަމަހަމަ ނަތީޖާއެއް ނުލިބޭކަން އެމީހުންގެ ވާހަކަތަކުން ފާހަގަ ކުރެވެއެވެ. އެހެންކަމުން ގިނަ އަންހެންވެރިން ވަނީ ނާއުއްމީދުވެ ހިތްހަމަ ނުޖެހިފައެވެ. އެމީހުން ދެކޭގޮތުގައި ކަންތައް ތައްވަނީ އިންސާފާއި ޚިލާފަށެވެ.

މީހުންނާ ކުރެވޭ ކޮންމެ މުޢާމަލާތެއްގައި ކަންތައްތައް ވާފަދައިން، ކައިވެންޏެއްގައިވެސް އެކަކު، އަނެކަކު ދެކޭގޮތް ބިނާވެފައި އޮންނަނީ ތިމާ އެމީހާއާއި ދޭތެރޭ ކަންތައްތައް ކުރާގޮތުގެ މައްޗަށެވެ. ކައިވެނީގެ ޚުތުބާ ގައި ކައިވެނި ބާއްޖަވެރިކުރުމަށް ދެމީހުން މަސައްކަތް ކުރުމަށް އެންގެއެވެ. އެކަކު އެނެކަކު ދެކެ ލޯބިވުމަށާއި، ވަފާތެރިވުމަށާއި މިފަދަ ކަންކަމަށެވެ. އެކަމަކު ކައިވެންޏަކީ އެކަކު އަނެކަކަށް ވަކި ކަންތައްތަކެއް ކޮށްދިނުމަށް ކުރެވޭ އިޤްރާރެއްވެސް މެއެވެ. ކޮންމެ މީހަކުވެސް އަނެކަކުގެ ފަރާތުން ބައެއް ކަންކަން ކޮށްދިނުމަށް އުއްމީދު ކުރެވެއެވެ. މީގެ ތެރޭގައި ކާނާއާއި އަންނައުނާއި ފައިސާއާއި އަނބިފިރި ގުޅުން ހިމެނެއެވެ. ނަމަވެސް މިކަން މިހިސާބަކުން ނިމުނީއަކީ ނޫނެވެ. ކޮންމެ އިންސާނަކުވެސް، ކައިވެނީގެ ތެރޭގައި ނުވަތަ ކައިވެންޏެއް ނުކުރާއިރުވެސް އެދޭ ވަރަށް މުހިންމު ތިންކަމެއް ވެއެވެ. މިއީ ޠަބީޢީ ގޮތުންނާއި ނަފްސާނީ ގޮތުން ކޮންމެ އިންސާނެއްވެސް ބަޑުހައިގަންނަ ތިންކަމެކެވެ. މިކަންކަމަކީ އެއްވެސް މީހަކަށް އޮޅިފައި އޮންނާނޭ ސިއްރެއް ނޫނެވެ. މިތިންކަން ފުރިހަމަ ކޮށްދޭނޭ ބައިވެރިއެއް ލިބިއްޖެނަމަ، އެމީހަކީ ނަސީބު ރަނގަޅު އުފާވެރި މީހެކެވެ.

މިތިންކަމުގެ ތެރެއިން ފުރަތަމަ ކަން ދަންނަވާލާނަމެވެ. ކޮންމެ އިންސާނަކުވެސް، ކޮންމެވެސް އެހެންމީހެއްގެ ޙަޔާތުގައި އޭނާއަކީ އެންމެ މުހިއްމު މީހާކަމަށް ވުމަށް އެދެއެވެ. އޭނާގެ އުފަލާއި ހިތްހަމަ ޖެހުމަކީ އެންމެ ފުރަތަމަކަން ކަމަށްވުމަށް އެދެއެވެ. އޭނާއަކީ ނަންބަރު 1 އަށް ވުމަށް ބޭނުންވެއެވެ.

އެކަމަކު މީހަކަށް މިގޮތް އިޙްސާސްވާނީ އަނެއްމީހާ މިކަން ކިޔައިދޭނަމައެވެ. ކުރާ ކަންތައްތަކުން، ދައްކާ ވާހަކައިން އެކި އިރު އެކިގޮތަށް ހަނދާންކޮށް ދޭ މެސެޖްތައް ނުވަތަ ސިގްނަލްތައް ލިބޭނަމައެވެ.

ސިގްނަލް އޭތޯއެވެ؟ ކޮންމެ ދެމަ ފިރިއަކުވެސް މިސިގްނަލްތައް ޖެހޭނީ އަމިއްލައަށް އީޖާދު ކުރާށެވެ. ޖީބަށް ނުވަތަ ބާލީސް ދަށަށްލާ ލޯބީގެ ނޯޓް، އެހެން ބައެއްގެ ކުރިމަތީގައި ފިރިމީހާއާއި ދިމާއަށް ނުވަތަ އަނބިމީހާއަށް އިޝާރާތް ކޮށް ބުނާ ރުހުމުގެ ބަސްތައް، އެއްވެސް ސަބަބެއްނެތި ކޮށްލަދޭ ހެޔޮކަންތައްތައް، ނުވަތަބޭ އިޚްތިޔާރުގައި ފިރުމާލުން ފަދަ ކަންކަމަކީ މުނިމާމަގެ ޅަ ދުވަހުގެ އާދަކާދަ ކަމަށް ކިޔައިދޭ ވާހަކަތަކެވެ. މިކަންކަން އާދަކާދައަށް ވަނީ އެކަމުގެ ނަތީޖާ ރަނގަޅު ކަމުންކަން ކަށަވަރެވެ.

އަނެކަކުދެކެ އެއްވެސް މީހަކަށް މަންމަންކޮށް، ޙަރަކާތެއްނެތި ވާވެގެން ލޯތްބެއް ނުވެވޭނެއެވެ. ތިމާގެ ލޯބި ޖެހޭނީ ބައެއްފަހަރު ޑްރާމާއެއްގައި ހެން ކަން ބޮޑުކޮށް ތަމްސީލު ކުރާށެވެ. ބައެއް ފިރިން އެހެން މީހެއްގެ ކައިރިއަށް ދީލާލާއިރު ބުނާއަޑު އިވެނީ “އެންމެ ފަހުން ޙަޤީޤަތުގައިވެސް އަހަރެން ދެކެ ލޯބިވާ މީހަކާ ބައްދަލުވެއްޖެއެވެ.” ޝައްކެއްނެތި އެއަނތްބެއް ކައިރިން ދަތުރުހެދި އަނބިމީހާ ފަހުން ބައްދަލުވިމީހާ ލޯބިވާ ފަދައިން ފިރިމީހާދެކެ ލޯބިވީ ކަންނޭގެއެވެ. ނަމަވެސް ހަނދާން ނެތިގެން، ނުވަތަ ނޭނގިގެން ރަނގަޅު ސިގްނަލް ނުދެވެނީ ކަންނޭގެއެވެ. ޢަމަލުތަކުން ސާބިތު ނުކޮށްދޭހާ ހިނދަކު ލޯތްބަކީ ސިކުޑީގައި ފޮރުވިފައިވާ އެއްޗެކެވެ.

ކަލާއަށް އެކަށީގެންވާ ސިގްނަލްތަކެއް ނުލިބޭނަމަ، ފަހަރެއްގައި އެކަށީގެންވާ ސިގްނަލްތަކެއް ނުފޮނުވެނީ ކަމަށް ވެދާނެއެވެ. ކަލާގެ ކައިވެނީގެ އުފާވެރި ދުވަސްތައް މާޒީވެއްޖެކަމަށް ހީވާނަމަ މިކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނާލުން ރަނގަޅު ވާނެއެވެ.

އިންސާނުން ދެވަނައަށް އެންމެ ބޮޑަށް ބޭނުންވަނީ ކޮންމެވެސް އެހެން މީހެއްގެ އެހީތެރިކަމާ ބާރެވެ. ދިރިއުޅުމުގައި ކިތަންމެ އުނދަގޫ ތަކާ ދިމާވެއެވެ. އެއްވެސް މީހަކު އެކަނި ހުރިހާ ބުރައެއް އުފުލާނަމަ، ކައިވެންޏެއް ކީއްކުރަންތޯ، ރައްޓެހި ކަމެއްވެސް މާގިނަ ދުވަހަކަށް ދެމިއެއް ނޯންނާނެއެވެ. އަޅުގަނޑުމެންގެ ތެރެއިން އެންމެ ބާރުގަދަ މީހާވެސް ބައެއް ފަހަރު އަނެކާގެ އެހީ ބޭނުންވެއެވެ. މިކަން އަޅުގަނޑާ ވާހަކަ ދެއްކި ކިތަންމެ ބައެއްގެ ފަރާތުން އެނގުނެވެ: “އަހަރެން އިތުރު އެހީ ބޭނުމެވެ. ކުރާ މަސައްކަތުގައި، ދަރިން ބެލުމުގައި، ފައިސާގެ ކަންތައްތަކުގައި އޭނާގެ ތިމާގެ މީހުންގެ ކަންތައްތަކުގައި، ހުރިހާ ކަމެއްގައި އެހީ ބޭނުމެވެ. ނަމަވެސް އެއެހީއެއް އަހަރެންނަކަށް ނުލިބެއެވެ.” މިއަނބިންގެ ފިރިންނަށް ނޭނގޭ ކަމަކީ އެހީތެރިވުމުން ޙަޤީޤަތުގައި އެއެހީ ވެވެނީ ތިމާގެ އަމިއްލަ ނަފުސަށް ކަމެވެ. ލޯތްބާއި ކައިވެނި އެއްކާރީގައި ބާއްވާފައި ވިސްނާލަ ބަލާށެވެ. އަނބިމީހާއަށް އެހީތެރި ނުވެވޭ ކަމުގައި ވަނީނަމަ، ފިރިމީހާގެ ދިރިއުޅުންވެސް އޮމާންކަމާއެކު ނުއެއް ހިނގާނެއެވެ. ކައިވެންޏަކީ ދެ ފުރޮޅުލީ ގާޑިޔަލެކެވެ. އެއްފުރޮޅު ގުދުވެފައި ވާނަމަ ގާޑިޔަލަށް ކުރިއަކަށް ނުދެވޭނެއެވެ.

އަނެކާއަށް އެހީތެރިވުމުގައި އޭނާ އެހީ ބޭނުންވަނީ ކޮން ކަންތައްތަކެއްގައި ތޯ ވިސްނަން ވާނެއެވެ. ކޮންމެ ފަހަރަކު ފަހަތުން ދުވެ އާދޭސް ނުކުރަނީސް، އެހީތެރިކަމުގެ ދިގު މުލައްދަނޑިއެއް ފިރިމީހާއަށް ދިށްކޮލުމަކީ އަމިއްލަ ހިތްހަމަ ޖެހުމަށް ވެސް މުހިންމު ކަމެކެވެ.

ތިންވަނައަށް އިންސާނުން އެންމެ ބޮޑަށް އެދޭ ކަމަކީ ކޮންމެވެސް އެހެން މީހަކު އޭނާ ބޭނުންވުމެވެ. މިއީ ފުރަތަމަ އެދުމުގެ އަނެއްކޮވެ. އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު ޢުމުރުގެ ދުވަސްތައް މާޒީ ވަމުންދާއިރު، ޙަޔާތުގެ ބޭނުންތަކާ ތަފާތު ސުވާލު ކުރެއެވެ. އެހެން މީހަކަށް ތިމާ ވަރަށް ބޮޑަށް ބޭނުންވުމަކީ ފުން ހިތްހަމަ ޖެހުމެއް ލިބޭ ކަމެކެވެ. އަޅުގަނޑާ ވާހަކަ ދެއްކި ގިނަ އަންހެނުންގެ ފަރާތުން ބޭނުންވުމުގެ ހިތްހަމަ ޖެހުމެއް އެމީހުންނަށް އިޙްސާސް ކުރެވޭ ކަމަކަށް ނުފެނެއެވެ. ފަހަރެއްގައި އެއީ އަޅާލަންވީ ވަރަށް ފިރިމީހާއަށް އަޅާ ނުލެވުމުގެ ސަބަބުން އޭނާއަށް އެ ގޮތަށް ފަރިތަވީ ކަމަށް ވެދާނެއެވެ. ނޫނީ ފިރިމީހާ އެކަން ފާހަގަކޮށް ޝުކުރުވެރި ނުވަނީ ކަމަށް ވެދާނެއެވެ. ފިރިންނަށް މިފަދަ ކަންކަން ދަސްކޮށްދޭން އެންމެ ރަނގަޅީ މިސާލުންނެވެ. ދެން ފިރިމީހާ ކަމެއްކޮށްދޭ ފަހަރަކު އެކަންތަކަށް ޓަކައި ޝުކުރުވެރި ވާކަން ހާމަކޮށްލުން ކިހިނެއްވާނެތޯއެވެ؟ ކިތަންމެ ފަހަރަކު އަޅުގަނޑުމެން ކައިރީގައި މީހުން ބުނެއެވެ. “ކައިވެންޏަކީ އުނދަގޫ ދަތުރެކެވެ. ފަހަރެއްގައި އަޅުގަނޑުމެން ކައިވެނި މާބޮޑު ކަމަކަށް ހަދަނީ ކަން ނޭގެއެވެ. ކައިވެންޏާއި ދޭތެރޭ ފުންކޮށް ވިސްނާއިރު، އެއީ ރަށްޓެހިކަން ފަދަ އިންސާނީ ގުޅުމެކެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ހިތްހަމަ ޖެހުމާއި އުފާވެރިކަމެވެ. ތިން ކަމެއް ކޮށްލުމުން މިކަން ޙާޞިލް ވެދާނެއެވެ. އެއީ އަނެކާއަކީ ކަލާގެ ދިރިއުޅުމުގައި އެންމެ މުހިއްމު މީހާކަށް އޭނާއަށް ހާމަ ކޮށްދިނުމެވެ. އެނާއަށް ކަންކަމުގައި އެހީތެރިވެދިނުމެވެ. ތިމާއަކީ އޭނާއަށް ވަރަށް ބޭނުންތެރި މީހެއްކަން އަމިއްލައަށްވެސް އިޙްސާސްވުމެވެ. އެންމެ ތިންކަމެވެ. ނަމަވެސް އުފާވެރި ކައިވެންޏަކަށް މިތިންކަމުން އާދަޔާ ޚިލާފު ބާއްޖަވެރިކަމެއް ގެނެސް ދެއެވެ.

ބޮޑެތި ވިލާގަނޑުތައް އުފެދެނީ ކުދިކުދި ފެން އާވި ތިކިތަކަކުންނެވެ. އާދައިގެ ކުދި ކަންތައްތައް ބޮޑެތި ކަންތައްތަކަށް މަގު ފަހިކޮށްދެއެވެ. ކައިވެނީގައިވެސް އޮންނަނީ މިއުޞޫލެވެ. ބޭނުންވަނީ އަނެކަކީވެސް އިންސާނެއްކަމަށް ދުށުމެވެ. ކައިވެންޏެއްގެ އިތުރަށް ރައްޓެއްސަކާ ދެމިއޮންނަގާތްކަން، ބަދަހިކުރެމެވެ.

 

މިއީ ދަރުމަ މަޖައްލާއަށް މަރިޔަމް ޢަބްދުﷲ ލިޔުއްވާފައިވާ ލިޔުމެކެވެ.

 

0