އިބުރަތްތެރި ވާހަކަ
މަންމައެއްގެ ލޯބި – 1

ނޯޓް: މިވާހަކައަކީ “އަލްޢަރަބިއްޔާ ލިއްނާޝިޢީން 6” ފޮތުގައި ގެނެސްފައިވާ، ޢަބްދުﷲ ޙުސައިން ބައްދާދީ ލިޔުއްވާފައިވާ ޢަރަބި ވާހަކައެއްގެ ތަރުޖަމާއެކެވެ. ޚިޔާލީ ނުވަތަ ޙަޤީޤީ ވާހަކައެއްކަމެއް އެނގޭކަށް ނެތެވެ. އެހެންނަމަވެސް ޢިބުރަތްތެރި، ހިނގުން އެކަށީގެންވާ ވާހަކައެކެވެ. ވާހަކައިގެން ކުރިއަށް ވަޑައިގަންނަވާށެވެ.

 

ތިމަންގެ ގާތް އެކުވެރިއެއް، އޭނާގެ ހިތްގައިމު ރަށުގައި ތިމަންގެ ޗުއްޓީ ހޭދަކޮށްލުމަށް ދަޢުވަތުދިނެވެ. އެ އެކުވެރިޔާގެ ރަށަކީ ކުޑަ ރަށެކެވެ. ވެރިރަށާ އެ ރަށާ ދެމެދުގައި ވަނީ ގާތްގަނޑަކަށް ކާރުގައި 12 ގަޑިއިރުގެ ރާސްތާއެވެ. އެރަށަށް ދިޔަމަގުމަތީގައި އަހަރެމެން ވާހަކަދައްކައި، ހީ ހެދީމެވެ. ހަމައެހެންމެ، ފަރުބަދަތަކުގެ ރިވެތި މަންޒަރުތަކުން ހިތަށް އުފާވެރިކަން ޙާޞިލުކުރުވިއެވެ. ދުވަސްވަރަކީ ވެރިރަށަށް ހޫނު ދުވަސްވަރެކެވެ. ދަތުރުގައި ތިމަންމެން ފަރުބަދަތަކުގެ މައްޗަށް އެރިވަރަކަށް ފިނިހޫނުމިން ރަނގަޅުވެ، ފިނިކަން އިޙްސާސްވެގެންދިޔައެވެ.

ރަށަކީ ވަރަށް ރީތި ރަށެކެވެ. ރަށް ވަށާލެވިފައިވަނީ ފެހިކަންގަދަ ޖަންގަލިންނެވެ. އުސްވެފައި ހުންނަ ބިންތަކުގައި ގެތައް ގިނައެވެ. ތިމަންނައަށް ދެވުނު ދުވަހު، ދަތުރުގެ ވަރުބަލިކަމާހުރެ ރަށުތެރެ ބަލާލުމަށް ދެވޭވަރެއް ނުވިއެވެ. އަދި އާދެވުނުއިރު ވަނީ ރޭގަނޑުގެ އަނދިރިކަން ދުނިޔެ މައްޗަށް ވެރިވެގަންނަން ފަށައިފިއެވެ. ރޭގަނޑު ބޭރަށް ދިޔުމުގެ ބަދަލުގައި ތިމަން ޚިޔާރުކުރީ އެކުވެރިޔާގެ ގޭގައި މަޑުކޮށްލާށެވެ. ނިދުމުގެ ވަގުތު ޖެހިއްޖެއުމަށްދާންދެން ތިމަންމެން ވާހަކަ ދެއްކުމުގައި ތިބީމެވެ.

ގަޑިން ރޭގަނޑު ދިހައެއްޖެހުމާ ކައިރިވެއްޖެއެވެ. އެނދު މަތީގައި ފޮތެއް ކިޔާލުމުގައި އިންދާ، ކުއްލިއަކަށް އަންހެނެއްގެ ރުއިމުގެ އަޑު އައިސް ކަންފަތުގައި ޖެހިއްޖެއެވެ. އެރުއިމުގައި ވަނީ މާޔޫސްކަމެވެ. ހިނދުހިނދުކޮޅުން އަޑުތަފާތުވެއެވެ. ތިމަން އެނދުން ތެދުވެ، ކުޑަދޮރާދިމާލަށް ދިޔައީމެވެ. އެ ރުއިމުގެ އަޑު އެ އަންނަނީ ކައިރީގައި ހުރި ގެއަކުންނެވެ.

ޖެހިގެން އައިދުވަހު ހެނދުނު، އެ ރުއިމަކީ ކޮން ރުއިމެއްތޯ ތިމަންގެ އެކުވެރިޔާ ކުރެން އަހާލީމެވެ. އެކުވެރިޔާ ތިމަންނައަށް ޖަވާބުދިނެވެ. “އެއީ ބުއްދިހަމަނުޖެހޭ އަންހެނެއްގެ އަޑެވެ. އޭނާ، އޭނާގެ ފިރިހެން ދަރިފުޅަށް ގޮވާއަޑެވެ. އެ ދަރިފުޅު އުޅެނީ އެ އަންހެންމީއާ ދުރުގައެވެ. އެ އަންހެންމީހާ އޭނާގެ ދަރިފުޅުދެކެ ނުހަނު ލޯބިވާކަން ފިޔަވާ އިތުރުވާހަކައެއް އެ އަންހެންމީހާއާ ބެހޭގޮތުން ތިމަންނައަކަށް ނޭނގެއެވެ. އެ ދަރިފުޅަށް އެނއަންހެންމީހާ ބަލިވެ އިންދައި ވަރިކުރި ފިރިހެންމީހާ އައިސް އެ ދަރިފުޅު ގެންދިޔުމުން އެ އަންހެންމީހާ މޮޔަވީއެވެ. އެ އަންހެންމީހާގެ ރުއިމުގެ ސަބަބުން ތިބާއަށް ނިދަން އުނދަގޫވިތޯއެވެ؟” ތިމަން ބުނީމެވެ. “ނޫނެކެވެ. އަހަންނަކަށް އުނދަގުލެއް ނުވެއެވެ. އެހެންނަމަވެސް ޙަޤީޤަތުގައިވެސް ވަރަށް ދެރަވިއެވެ.”

ދެތިން ދުވަހެއްފަހެވެ. ތިމަން އެކަނިމާއެކަނި ހިނގާލުމަށް ނުކުތީމެވެ. ވަޤުތަކީ އިރުއޮއްސުމަށް އިރު ތައްޔާރުވަމުން ދިޔަ ވަޤުތެވެ. ބޭނުމަކީ ކުރިމަތީގައި ފެންނަން އޮތް ބޮޑު ހިލަގަނޑަކާ ހަމައަށް ވާޞިލުވުމެވެ. ކުއްލިއަކަށް ތިމަން ހުއްޓުން އެރީ ކުރިމަތިން ފެނުނު ދިގު ދޮން އަންހެނެއްގެ ސަބަބުންނެވެ. އެ އަންހެންމީހާގެ ޢުމުރު ގާތްގަނޑަކަށް ސާޅީހާ ގާތްވާނެއެވެ. ތިމަން ފެނުމާއެކު އެ އަންހެންމީހާ ބިރުގަތެވެ. އެ އަންހެންމީހާއަށް ހަދާނެގޮތެއް ނޭނގުނެވެ. ތިމަންގެ ކުރިމަތީގައި ހުންނާނީތޯ ނުވަތަ ދުވެ ފިލާނީތޯއެވެ. ކުޑަ ވަޤުތުކޮޅަކަށްފަހު ރުޅިވެރިކަމާއެކު ތިމަންނައަށް ބުންޏެވެ. “ތިމަންގެ ކިބައިން ބޭނުން ވަނީ ކޮންކަމެއް ހެއްޔެވެ؟ ތިމަންގެ ފަހަތުން ކޮންމެތަނަކަށް ތިޔަ އަންނަނީ ކީއްވެގެން ހެއްޔެވެ؟” ތިމަން ބުނީމެވެ. “ދައްތާއެވެ! ތިމަންނައަށް މަޢާފުކުރާށެވެ. އެއްވެސްހާލެއްގައި ތިމަންގެ ޤަޞްދަކީ ދައްތައަށް އުނދަގޫކުރުމެއް ނޫނެވެ. އަދި ދައްތަގެ ފަހަތުން ދިޔުމެއްވެސް ނޫނެވެ. ތިމަންނައަކީ ބީރައްޓެއްސަކީމެވެ. ދައްތައަކީ ކާކުކަމެއްވެސް ނޭނގެއެވެ.” މިފަދައިން ބުނެ އެ އަންހެންމީހާއާ ދުރުވުމަށް ތިމަން ޤަސްދުކުރީމެވެ. އެހެންނަމަވެސް ތިމަންގެ ހެދުން ފެނިފައި ތިމަންނައަކީ އެރަށު މީހެއްނޫންކަމާއި، ނުބައިކަމެއްގެ ނިޔަތެއްގައި އައިމީހެއްނޫންކަން އެ އަންހެންމީހާއަށް އިޙްސާސްކުރެވުމުން ތިމަންނައާ ވާހަކަ ދައްކާލުމުގެ ޝައުޤުވެރިކަން އެ އަންހެންމީހާގެ ކިބައިން ފެންނަން ފެށިއެވެ. އަދި ތިމަންނައަށް ބުންޏެވެ. “ކޮއްކޮއަކީ ބީރައްޓެސަކީމު ދޯއެވެ؟ … ކޮއްކޮ އޭނާ ދެކުނިން ހެއްޔެވެ؟ … ކޮއްކޮ ތިމަންގެ ދަރިފުޅު ދެކުނިން ހެއްޔެވެ؟ އޭނާ އެނބުރި އަންނާނަމޭ ކޮއްކޮ ކައިރީ ބުނި ހެއްޔެވެ؟” މިހެން ބުނެފައި ރޯން ފެށިއެވެ. ތިމަން ބުނީމެވެ. ދައްތާއެވެ! ހަމަޖެހޭށެވެ. ކޮންމެ ބީރައްޓެއްސަކަށް ދައްތަގެ ދަރިފުޅު އެނގޭނެ ހެއްޔެވެ؟ ދައްތަގެ ވާހަކަ ކިޔައިދިނުމުން ފަހަރެއްގައި ދައްތައަށް އެހީތެރިވެވިދާނެއެވެ.” ބުންޏެވެ. “އަހަންކީ ގެއްލިފައިވާ މީހަކީމެވެ. ކުޑަކުއްޖެއް އެކުއްޖާގެ ގެ ގެއްލިފައިވާ ފަދައިންނެވެ. އަހަރެންގެ އަތުން އެބައިމީހުން އެ ދަރިފުޅު ޖަހައިގަތީއެވެ. ކޮއްކޮއަކަށް އަހަންނަށް އެހީތެރިއެއް ނުވެވޭނެއެވެ.”

މި ޢިބާރާތާއެކު ވާހަކަ ދެއްކުން ކުޑަވަގުތުކޮޅަކަށް މެދުކަނޑާލައިފިއެވެ. އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. މިރަށު އެންމެން ބުނާގޮތުގައި އަހަންނަކީ މޮޔައެކެވެ. ވާނީ އެހެންނެވެ. އަހަންނަށް އެނގެނީ އެ ދަރިފުޅުގެ ނަން އެކަންޏެވެ. އަހަންނަށް ގޮވެނީ އެ ދަރިފުޅަށެވެ. އަހަރެން ބޭނުން ވަނީ …. އާހް އާހް. އަހަރެން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެން ބޭނުންވަނީ ކޮންކަމެއްކަމެއް ޚުދު އަހަންނަކަށްވެސް ނޭނގެއެވެ. އެދުވަހެއް އަޔަސް އަހަންނަކަށް ނޭނގޭނެއެވެ. އެހެންނަމަވެސް އަހަންނަށް އިންތިޒާރުކުރެވެނީ އެ ދަރިފުޅު އަންނާނެ ދުވަހަކަށެވެ. އެ ދަރިފުޅަށްވެސް އެކަން އެނގޭނެއެވެ. ނަމަވެސް އަހަރެންގެ ލޯތްބާއެކު އެ ދަރިފުޅު ގެއްލިއްޖެކަން އަހަންނަށް އަންގައިދީފިއެވެ. އަދި މީސްމީހުން އެދައްކާ ވާހަކަވެސް އަންގައިދީފިއެވެ. މިއަދުވެސް އަދި ކޮންމެ ދުވަހަކުވެސް އަހަރެން އެ ދަރިފުޅު ހޯދަނީއެވެ. އާއެކެވެ! އަހަންނަކީ މޮޔައެކެވެ. މި ދުނިޔޭގައި ކުޑަ ދަރިފުޅަކަށްޓަކައެވެ. އެ ދަރިފުޅަކީ ވިދާވިދުވަރެއް ފަދައިން އަހަރެންގެ ޙަޔާތް އަލިކޮށްދިން ކުއްޖެކެވެ. އޭގެފަހުގައި އަހަރެންގެ ކިބައިން އެކުއްޖާ ދުރަށް ލެވުނެވެ. ހުރިހާ އެންމެން ބުނަނީ އަހަންނަކީ ކުޑަ ކުއްޖަކަށްޓަކައި މުޅި ދުނިޔެ ހޭދަކުރާ މީހެއްކަމުގައެވެ. އެ ދަރިފުޅު ފެނިއްޖެމީހެއްނަމަ އެކުއްޖާގެ ރިވެތިކަމުން އެކުއްޖާއާ ދިމާއަށް މޫނު އަނބުރާނުލާ ހަމައެކަކުވެސް ނުދާނެއެވެ. މިފަދަ އުފާވެރިކަމާއެކު ވަނިކޮށް އަހަރެންގެ ކިބައިން އެކުއްޖާ ވަކިކުރީއެވެ. އެކަންކުރީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެއެވެ؟ އެކަންކުރީ ކޮން އިރެއްގައިކަމެއްވެސް ނޭނގެއެވެ؟ އަހަރެން އެ ދަރިފުޅަށް ބަލިވެއިންދާ، އަހަރެން ވަރިކުރި އެ ދަރިފުޅުގެ ބައްޕަ މިރަށަށް އައެވެ. އަދި ދުވަސްކޮޅެއްފަހުން އެ ދަރިފުޅު ޖަހައިގަނެގެން ގެންދިޔައެވެ. އެކަން ކުރީ ކިހިނެއްކަމާމެދު ކޮއްކޮ އަހަންނާ ސުވާލު ނުކުރާށެވެ. އަހަރެންގެ ލޯމަތިން އެ ދަރިފުޅު ކުއްލިއަކަށް މިގެއްލުނު ގެއްލުމަށްފަހު، ހަތް އަހަރުފަހުން ނޫނީ އަހަންނަކަށް އެ ދަރިފުޅު ނުފެނެއެވެ.”

(ނުނިމޭ)

 

މިއީ ޢިބްރަތްތެރި ވާހަކަ 2 މިފޮތުގައި އައްޝައިޚް މުޙައްމަދު ސިނާން ތަރުޖަމާ ކުރައްވާފައިވާ ވާހަކައެކެވެ.

8