ނަޞޭޙަތާއި އިރުޝާދު
ބަންޑުން އޮވެ ނިދުމުން ލިބޭ ގެއްލުން އެނގޭތަ؟

ބަންޑުން އޮވެ ނިދުމަކީ މާތް ﷲ ނުރުއްސަވާކަމެކެވެ. އިމާމް އަޙްމަދާއި އަބޫދާއޫދު ރިވާކުރައްވާފައިވެއެވެ. ޠަޙްފާ ބުން ޤައިސް އަލްޣިފާރީ ވިދާޅުވިއެވެ. ފަތިސް ނަމާދު ވަގުތުވުމުގެ ކުރިން ތިމަންކަލޭގެފާނު މިސްކިތުގައި ބަންޑުން އޮންނެވީމެވެ. އަދި މިހެން އޮއްވާ މީހަކު އައިސް އޭނާގެ ފައިން ތިމަންކަލޭގެފާނު ކުޑަކޮށް ކޮށްޕަވާލައްވަމުން ވިދާޅުވިއެވެ. “މިގޮތަށް އޮށޯވެ އޮތުމަކީ މާތް ﷲ ނުރުއްސަވާ ކަމެކެވެ.” އެހިނދު ތިމަންކަލޭގެފާނު އެއީ ކޮން ބޭފުޅެއްތޯ ބައްލަވާ ލެއްވި އިރު އެއީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.

އިބްނު މާޖާ އިބްނު ޠިޚްފަތަލް ޣިފާރީގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އަބޫ ޛައްރު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ބަންޑުން އޮށޯވެ އޮންނަވަނިކޮށް އެތަނުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަޑައިގަންނަވަމުން އެކަލޭގެފާނުގެ ފައިންޕުޅުން ތިމަންކަލޭގެފާނުގެ ގައިގާ ޖައްސަވާފައި ޙަދީޘްކުރެއްވިއެވެ. “އޭ ޖުނައިބެވެ. ހަމަކަށަވަރުން މިއީ ނަރަކައިގެ އަހުލުވެރިން އޮންނަ ގޮތެވެ.”

ބަންޑުން އޮވެ ނިދުމަކީ ހުރިހާ ޢުމުރެއްގެ މީހުންގެ ހަށިގަނޑަށް ވެސް ޞިއްޙީ ގޮތުން ގެއްލުން ހުރި ކަމެކެވެ. މިޒަމާނުގެ މެޑިކަލް ރިޕޯޓުތަކުން ދައްކާ ގޮތުގައި ތުއްތުކުދިން ބަންޑުން ބާއްވާ ނިންދުމުގެ ސަބަބުން ނޭވާ ހާސްވެ މަރުވެފައިވާ ކުދިންގެ ޢަދަދު ވަރަށް ގިނައެވެ. ހަމައެފަދައިން ބަންޑުން ބޭއްވުމުން ކުދިންގެ ނޭފަތް ބެޑުޝީޓު ނުވަތަ ތަންމައްޗާ ގާތްވުމުގެ ސަބަބުން އެލާޖިކުވުމަށް މެދުވެރިވެއެވެ. ބެޑުޝީޓަކީ ސްޕޮންޖުން ނުވަތަ ވޫލުން ހަދާފައިވާ އެއްޗެއް ނަމަ ގިނަ ޢަދަދަކަށް ޖަރާސީމާއި މައިކްރޯބްސް އުފެދުމަށް މެދުވެރިވެއެވެ.

ކުދިންގެ ޅަފަތުގައި އެކުދިންނަށް ކަނާއަތް ފަރާތުގެ އަރިމައްޗަށް އޮވެ ނިދުމަށް ހާނުވަންޖެހެއެވެ. އެހެނީ މިއީ ނިދުމުގެ އެންމެ ރިވެތި އާދައެވެ. އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެވެ. ހަމައެފަދައިން ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތެވެ.

ޞިއްޙި ދިރާސާތައް ދައްކާ ގޮތުގައި ޞިއްޙި ގޮތުން ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތަކީ ކަނާއަތް ފަރާތުގެ އަރިމައްޗަށް އޮވެ ނިދުމެވެ. ސަބަބަކީ ވާއަތް ފަރާތުގެ ފުއްޕާމޭ ކަނާއަތް ފަރާތުގެ ފުއްޕާމެއަށް ވުރެ ކުޑަވުމެވެ. މިކަމުގެ ސަބަބުން ހިތަށް ކުރާ ބާރު ކުޑަވެގެންދެއެވެ. އަދި މޭ އޮންނާނީ އޭގެ ޖާގައިގާ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ބަނޑު އޮންނާނީ “އަރާމު ކުރާ ހާލުގައެވެ.” ސަބަބަކަށް ވެގެންދަނީ ކާނާ ހަޖަމު ކުރުމުގައި ފަސޭހަވެގެން ދިއުމެވެ.

ބަންޑުން އޮވެ ނިދުމަކީ މައިބަދައަށް ގެއްލުންވާ ކަމެއް ކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި މައިބަދައަށް އެންމެ ފައިދާ ހުރި ގޮތަކީ ކަނާއަތް ފަރާތުގެ އަރިމައްޗަށް އޮވެ ނިދުމެވެ.

ދިރާސާތަކުން ސާބިތުވާ ގޮތުގައި ކަނާއަތް ފަރާތަށް އޮވެ ނިދައިފިނަމަ އިންސާނާ ކާއެއްޗެހި 2.5 ގަޑިއިރާއި 4.5 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައި ހަޖަމުވެއެވެ. ނަމަވެސް ވާއަތް ފަރާތަށް އޮވެ ނިދައިފިނަމަ ފަސް ގަޑިއިރާއި އަށް ގަޑިއިރާއި ދެމެދުގެ ވަގުތެއް ކާއެއްޗެހި ހަޖަމުވުމަށް ނަގައެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބަންޑުން އޮވެ ނިދުމަކީ މަކްރޫޙަކަމެކެވެ. އެހެނީ އަބޫދާއުދު ރިވާކުރައްވާފައިވެއެވެ. ޠަޙްފާ ބުން ޤައިސް އަލްޣިފާރީ ވިދާޅުވިއެވެ. ފަތިސް ނަމާދު ވަގުތުވުމުގެ ކުރިން ތިމަންކަލޭގެފާނު މިސްކިތުގައި ބަންޑުން އޮންނެވީމެވެ. އަދި މިހެން އޮއްވާ މީހަކު އައިސް އޭނާގެ ފައިން ތިމަންކަލޭގެފާނު ކުޑަކޮށް ކޮށްޕަވާލައްވަމުން ވިދާޅުވިއެވެ. “މިގޮތަށް އޮށޯވެ އޮތުމަކީ މާތް ﷲ ނުރުއްސަވާ ކަމެކެވެ.” އެހިނދު ތިމަންކަލޭގެފާނު އެއީ ކޮން ބޭފުޅެއްތޯ ބައްލަވާ ލެއްވި އިރު އެއީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.

 

މަސްދަރު: އިސްލާމްކިޔުއޭ.ކޮމް

https://islamqa.info/en/answers/96675/how-should-a-baby-be-put-to-sleep-when-the-doctors-say-it-is-best-to-place-the-child-on-his-stomach

0