މަގޭ ވެށި
މައިވަންތަކަމާއި ވިސްނުންތޫނުކަން

މައިވަންތަ ކަމަކީ އަންހެނުންގެ ވިސްނުން ތޫނު ކުރާ ކަމެކެވެ. ބަލިވެއިންނަ ދުވަސްވަރުން ފެށިގެން ގާތުން ކިރު ދިނުމުގެ މުއްދަތުގައި މައިމީހާގެ ވިސްނުން ތޫނުވެ ބުއްދި އިސްވާން މެދުވެރިވާ ސަބަބަކީ އެކަމުގެ ތެރޭގައި ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލެވެ. ޠަބީޢީ މި ބަދަލުގެ ސަބަބުން ބުއްދި ގަދަކޮށް އުގެނުން އިތުރުކޮށްދޭ މާއްދާއެއް މައިމީހާގެ ހަށިގަނޑުގައި ނިސްބަތުން އިތުރުވާލެއް މާގިނަކަމުގައި، ވިސްނުން ތޫނުވެ ކޮށިވުމާ ގުޅޭ ދިރާސާތައް ކުރުމުގައި ނަންހިގާފައިވާ ލޮސްއެންޖަލިސްގެ ޖަމްޢިއްޔާއަކުން ހާމަކޮށްފައިވެއެވެ.

އިންޓަރނެޓްގައި ޝާއިޢު ކޮށްފައިވާ މިނަތީޖާ އެބައިމީހުން ހާމަކޮށްފައިވަނީ، މިކަމާ ގުޅިގެން ހައިވާނުންނާ އިންސާނުންގެ ނަފްސިއްޔާތު ދެނެގަތުމަށް ކުޅަ ތަޖުރިބާ ތަކަކަށް ފަހުގައެވެ.

އަންހެނުންނާއި އަންހެން ޖިންސުގެ މަހްލޫޤުންނަކީ ހަށިގަނޑުގައިވާ ހޯމޯންތަކަށް ބަދަލު އައުމުގައި ފިރިހެން ޖިންސަށްވުރެ ސަބަބުތައް ގިނަ ބައެކެވެ. މައްސަރު ކަންތަކާއި (ގައިދަލާއިނުން) ބަލިވެ އިނުމުގެ ޙަޤީޤަތާއި، ތަކުރާރުކޮށް ކުރިމަތިލާން ޖެހުމުގެ ނަތީޖާއަކަށް ވަނީ އަންހެނުންގެ ސިކުޑި ތަރައްޤީވެ ވިސްނުން ތޫނުވުމުގެ
މާއްދާ ދުވަހުން ދުވަހަށް އިތުރު ވުމެވެ. އަދި މި މާއްދާ ހަށިގަނޑުގައި ރައްކާކޮށް އެއިން ތަސައްރަފް (ބޭނުން ހިފުމުގެ) ކުރުމުގެ ކުޅަދާނަކަން މުޅި އުމުރަށް އެބައިމީހުންނަށް ލިބިދިނުމެވެ. މިހުނަރަކީ ދަރިމައިވުން އިތުރުވީވަރަކަށް އަށަގަތުންވެސް އިތުރު ހުނަރެއް ކަމަށް މި ދިރާސާ ހާމަކުރެއެވެ.

ދަރިމައިވުމުގެ ޙަޔާތް ނުފަށައި ތިބޭ އަންހެނުންގައި ޢާއްމުކޮށް ހަރުލާފައިވާ ސިފަތަކުގެ ތެރެއިން ކަންކަމާ ހާސްވެ ތެޅިފޮޅިގަތުމާއި، ތައިގޮތް ދެއްކުން ބަލިވެއިންނަ ދުވަހުން ފެށިގެން ދެރަކޮށްލައި އެފަދަ ޝުޢޫރުތަކުގެ ރައްދު ޢަމަލެއްގެ ގޮތުން ވިސްނުންތެރިކަމާއެކު އެ ދިމާވާ ކަމަކާއި މުޤާބަލާ ކުރުމާއި، ހަރުދަނާ ޝަޚްޞިއްޔަތަކާއެކު އިސްތިޤުބާލު ކުރުމަށް އަންހެނުންގެ ނަފްސު ތައްޔާރުވާކަމަށް ޢިލްމުވެރިން ހާމަކުރައްވައެވެ. އަދި ކުދިކުދި ކަންތަކާ ރުޅިމޫނު ދެއްކުމުގެ އާދަ އަންހެނާ ބަލިވެއިންނަ ދުވަހުން ފެށިގެން މުޅިންހެން ކެނޑިގެން ދާކަމަށް ތަޖުރިބާ ކުރެވިފައި ވެއެވެ. ސަބަބަކީ ބަލިވެއިނުމާ ގުޅޭ ބަދަލުތަކުން ސިކުޑިއަށް ޒިންމާދާރު މަޚްލޫޤެއްގެ އިޙުސާސް ވެރިކުރުވާތީއެވެ. އަދި ހަމައެހެން ފުރާނައެއް ސަލާމަތުން ގަރުބަ ގަތުމުގެ ސިއްރާއި އަންހެންވަންތަކަން ގުޅި ލާމެހިފައިވާތީއެވެ.

އެއީ ޤަބޫލު ކުރެވޭ ވާހަކައެކެވެ. ޙަޔާތެއް ރައްކާތެރި ކޮށް ސަލާމަތް ކުރުމަކީ މިއަދުވެސް އިންސާނުންގެ އެންމެ އިސް މައުޟޫޢުއެވެ. ސިއްޙީ ގޮތުން ފޯރުވައިދެވޭދުޅަހެޔޮކަމަށް ބެލިޔަސް، އިޖްތިމާޢީ ގޮތުން ދެވޭ އަމާން ކަމަށް ބެލިޔަސް ނުވަތަ އަތުވެދާނޭ ނުރައްކަލަކުން ދިފާޢު ކުރުމަށް ބެލިޔަސް ތަރައްޤީ އިންސާނުންގެ ވިސްނުން އެންމެ ފުރަތަމަވެސް ހުއްޓޭނީ ރައްކާތެރި ކުރުމަށް ކުރަންޖެހޭ ތަދުބީރުތަކުގެ މައްޗަށެވެ.

ޙަޔާތެއްގެ ރައްކާތެރިކަން ފެށެނީ ގަރުބަގަންނަ މަރުޙަލާއިންނެވެ. އެ މަރުޙަލާ ބަލިވެއިނުމާއި ކިރު ދިނުމުގެ ދުވަސްތައް ކަޑައްތުކުރުމަށް ފަހު ނޫނީ ނުމެނިމޭމެއެވެ. މާބަނޑުން ފެށިގެން ކިރު ތުނބުން ވީއްލެންދެން އިންސާނީ ޙަޔާތެއްގެ ސައްތައިން އޮނަސައްތަޙިއްސާކޮށް ބަރޯސާ ވަނީ މައިމީހާއަށެވެ. އެފަދަ ޒިންމާދާރު އަންހެނެއްގެ ވިސްނުން ހާސްހާސް މަޚްލޫޤުންނާއި ނުބައްދަލު ވާން ޖެހޭނެ ކަމަށް ބުއްދި ޤަބޫލު ކުރެއެވެ.

 

މިއީ ދަރުމަ މަޖައްލާއަށް ޢަލީ ސަޢީދު ލިޔުއްވާފައިވާ ލިޔުމެކެވެ.

0