ޚަބަރު
ފިތުނަގެންދާނީ ހުރިހާ އެންމެން އޮޔާގެންދާ ބޮޑު ސުނާމީއަކަށް – ޚުތުބާ

ފިތުނަގެންދާނީ ހުރިހާ އެންމެން އޮޔާގެންދާ ބޮޑު ސުނާމީއަކަށްކަމަށް މިއަދު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ވިދާޅުވީ “ޤައުމަކާ ނުވަތަ ބަޔަކާ ފިތުނައެއް ކުރިމަތި ވެއްޖެނަމަ އެ ކަންވެގެންދާނީ ހުރިހާ އެންމެން އޮޔާގެންދާ ބޮޑު ސުނާމީއަކަށެވެ. އެންމެންނާ ކުރިމަތިވާ ބޮޑު ކާރިސާއަކަށެވެ.”

ފިތުނައިގެ ނުރައްކާތެރިކަން ބަޔާންކުރަމުން ޚުތުބާގައި ވިދާޅުވީ “އެންމެ ވަރުގަދަ ފިތުނައަކީ ދީނީ ފިތުނައެވެ. އެ ފިތުނައަކީ އޭނާއާ އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިޙާނު ކުރެއްވުމަށްޓަކައި ކުރިމަތި ކުރައްވާ ފިތުނައެވެ. މި އިމްތިޙާނުގައި ނާކާމިޔާބުވާ މީހުން މަގުގެއްލި ފުރެދުމުގެ ތެރެއަށް ވެއްޓިގެން ދެއެވެ. މިހެންވެ ކީރިތި ރަސޫލާ صلى الله عليه وسلم ފިތުނައަކާ ނުލައި، އަދި ފުރެދުމަކާ ނުލައި، ﷲގެ ޙަޟްރަތަށް ގެންގޮސް ދެއްވުމަށް އެދި ވަޑައިގެން ދުޢާ އިންސާނާއަށް އޭނާގެ ވަޠަނުގައި އުފަލާއި ހިތްހަމަޖެހުމާއެކު އުޅެވުމަކީ ﷲ ގެ ވަރަށް ބޮޑު ނިޢުމަތެކެވެ. އެކަމުގެ ސަބަބުން ބިރެއް ނެތި ﷲ އަށް އަޅުކަން ކުރެވޭތީއެވެ. އެކަމުގެ ސަބަބުން ﷲ ގެ ޝިޢާރުތައް އުފުލޭތީއެވެ. އެކަމުގެ ސަބަބުން އޭނާގެ މުޖްތަމަޢުގައި އަމާންކަމާއެކު ދިރިއުޅެވޭތީއެވެ. މި ނިޢުމަތްތަކަށްޓަކައި އަޅަމެން އަޅަމެންގެ ވެރި ރަސްކަލާނގެއަށް އަބަދާއަބަދު ޝުކުރުކުރަން ޖެހެއެވެ. ފިތުނަވެރިކަމުންނާއި ދުޝްމަނުންގެ ނުބައި ނިޔަތްތަކުން ރައްކައުތެރިކޮށްދެއްވުމަށް އެދި އެކަލާނގެ ޙަޟްރަތަށް އަބަދުގެ އަބަދަށް ދެއަތް އުފުލައި ދުޢާ ދަންނަވަން ޖެހޭނެއެވެ.”

ފިތުނައިން ސަލާމަށް ވުމަށް ކުރެވިދާނެ ކަންތައްތައް ބަޔާންކުރަމުން ޚުތުބާ ވިދާޅުވީ ” ފިތުނައިން ސަލާމަތް ވެވޭނީ ޢިލްމާއި ހޭލުންތެރިކަމުންނެވެ. ވިސްނައި ފިކުރުކޮށް ރަނގަޅު ގޮތް ދެނެގަނެ، އެ ގޮތަށް ތަބާވެގެންނެވެ. ޤައުމެއްގައި ޢިލްމާއި ހުނަރު ފެތުރިއްޖެ ނަމަ އެ ޤައުމެއް ތަރައްޤީވެ ކުރިއަރައި ހިނގައިދާނެ އެވެ. އެ ޤައުމަކަށް ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޤަދަރާއި ޢިއްޒަތް ލިބޭނެ އެވެ. އެ ޤައުމުގެ ފަރުދުންނަށް ރައްކައުތެރިކަމާއި އަމާންކަން ލިބޭނެއެވެ. އެބައިމީހުންގެ ކުރިމަގު އުޖާލާވެ ފާގަތި ވާނެއެވެ. އެކަމަކު އިސްލާމީ ހިދާޔަތާއި ޚިލާފުވެ، މެދުމިނުން ކައްސާލައި، ހައްދުފަހަނަޅާފައިވާ ޚިޔާލުތަކުގެ ދަލުގައި މީހަކު ޖެހިއްޖެނަމަ، އެމީހަކު ފިތުނައިގެ އަނދަވަޅަށް ވެއްޓި ހަލާކުވެދާނެއެވެ.”

0