ނަޞޭޙަތާއި އިރުޝާދު
އުޚްތުންނަށް ސުވަރުގޭގައި ވަނީ ކޮން އެއްޗެއް؟

ޙަމްދާ ޝުކުރު ކުރަނީ ތަޤްވާ ވެރި އަންހެނުންނާއި ފިރިހެނުން ސުވަރުގެ ވެއްދުމަށް ވަޢްދުވެ ވޮޑިގެންނެވި މާތް ﷲ އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދިދުޢާކުރަނީ ސުވަރުގެ ދިޔުމަށްޓަކައި އޮތް އެއްމެ ސީދާ މަގު ދެއްކެވި ލޮބުވެތި ނަބިއްޔާއަށެވެ. އަދި މި ޞަލަވާތުގަ އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަމެވެ.

ލޮބުވެތި އުޚްތުންނާ އަދި އެންމެހާ ކިޔުންތެރިން، އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ!

މިދުނިޔެއަކީ އިސްވެ ދެންނެވުނު މާތް ﷲގެ ރަޙްމަތުގެ ގޯތި ސުވަރުގެ ދިޔުމަށްޓަކައި މަސައްކަތް ކުރަން އޮތް ރަނުގެ ފުރުޞަތެކެވެ. ކޮންމެ މީހަކީ އެތަނަށް ދިޔުމަށް ނުހަނު ޝައުޤުވެރިވާނެ މީހެއްކަން ކަށަވަރެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ((ماَ لَا عَيْنٌ رَأَتْ وَ لَا أُذُنٌ سَمِعَتْ وَ لَا خَطَرَ عَلَى قَلْبِ بَشَر))މާނައަކީ؛ ” އެ ސުވަރުގެއަކީ ދުވަހަކުވެސް އާދަމުގެ ދަރިއެއްގެ ލޮލަކަށް ފެނިފައިނުވާ، ކަންފަތަކުން ދުވަހަކުވެސް އަޑުއިވިފައިނުވާ އަދި ހިތަކަށް ތަޞައްވުރުވެސް ކުރެވިފައި ނުވާ ފަދަ ފުރިހަމަ އުޖާލާ މަންޒިލެކެވެ.”

ސުވަރުގެ އަކީ ވަކި ޖިންސަކަށް ﷲ ޚާއްޞަ ކުރައްވާފައިވާ ތަނެއްނޫނެވެ. އެކަލާނގެ ވަޙީކުރައްވަނީ وَمَنْ يَعْمَلْ مِنَ الصَّالِحَاتِ مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَأُولَئِكَ يَدْخُلُونَ الْجَنَّةَ وَلا يُظْلَمُونَ نَقِيرًا (١٢٤) = النساء = މާނައަކީ؛ “އަދި،مؤمن އަކު ކަމުގައި ވެގެންހުރެ، ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ހެޔޮ عمل ކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ.” ވީމާ ސުވަރުގެ ދިޔުމަށްޓަކައި އޮތީ ފިރިމީހާޔާ ވެސް ވާދަ ކުރުމެވެ. އަދި އެހެން ކޮންމެ ފިރިހެނަކާވެސް ވާދަކުރުމެވެ. ހެޔޮޢަމަލުގައި ކުރި އަރާ ދިޔުމެވެ.

ފަހަރެއްގައިވެސް ފިރހެނުންނަށް ސުވަރުގޭގައި ޙޫރުލްޢީނުން ވާކަން ބަޔާންވެގެން ވުމަކީ، އުޚްތުންގެ ޙައްގުގައި އެތަނުގައިވާ ނިޢްމަތްތަކަށް އުނިކަން ވާކަމުގެ ދަލީލެއްނޫނެވެ. މާތް ﷲ ވަޙީބަސްފުޅުގައި ވެއެވެ. وَتِلْكَ الْجَنَّةُ الَّتِي أُورِثْتُمُوهَا بِمَا كُنْتُمْ تَعْمَلُونَ (٧٢) =الزخرف= މާނައަކީ؛ “އެސުވަރުގެއަކީ ﷲ ތަޢާލާ މީސްތަކުން ކޮށްއުޅުނު ހެޔޮ ޢަމަލުތަކުގެ ސަބަބުން އެބައިމީހުންނަށް މިލްކު ކޮށްދެއްވަވާ އެކަލާނގެ ރަޙުމަތުގެ ގޯއްޗެވެ” އަދި ސުވަރުގެ ތައްޔާރު ކުރެވިގެންވަނީ އަންހެނުން ފިޔަވައި ފިރިހެނުންނަކަށް އެކަންޏެއްނޫން ކަން އަޅުގަނޑުމެން ހަނދާނުގައި އަބަދުވެސް ބަހައްޓަންޖެހޭނެއެވެ. ﷲ ވަޙީ ކުރައްވަނީ أُعِدَّتْ لِلْمُتَّقِينَ (١٣٣) = آل عمران= މާނައަކީ؛ “އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤުވާ ވެރިންނަށެވެ.” ވީމާ ތަޤްވާ ވެރިވުމަކީ ވަކި ފިރިހެނުންނަށް ޚާއްޞަ ސިފައެއް ނޫނެވެ. ސުވަރުގޭގައި ވަނީ އެއްވެސް ފޫހިކަމެއްނުވާ ފުރިހަމަ ނިޢްމަތްތަކެވެ ﷲ ވަޙީ ކުރައްވަނީ لا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُمْ مِنْهَا بِمُخْرَجِينَ (٤٨) = الحجر= މާނައަކީ؛ “އެއުރެންނަކަށް އެތާނގައި އެއްވެސް ވަރުބަލިކަމެއް ނުޖެހޭނެތެވެ. އަދި އެ ތަނުން ނެރުއްވާނެ ބަޔަކު ކަމުގައިވެސް އެއުރެން ނުމެވޭމެއެވެ.” އަދިވެސް ވަޙީކުރައްވަނީ وَفِيهَا مَا تَشْتَهِيهِ الأنْفُسُ وَتَلَذُّ الأعْيُنُ وَأَنْتُمْ فِيهَا خَالِدُونَ (٧١) = الزخرف آية = މާނައަކީ؛ “އަދި އެތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެއްޗެއްވެއެވެ. އަދި ތިޔަބައިމީހުން އެތާނގައި ދެމިތިބޭނެތެވެ. ސުވަރުގޭގައި ވަނީ ހިންހަމަޖެހުމާއި އުފަލެވެ. އެތަނުގެ އަހުލުވެރީންނާއި މެދު ﷲތަޢާލާ ރުހިވޮޑިގެން ވެއެވެ. އަދި އެތަނުގެ އަހުލުވެރިންވެސް އެކަލާގެއަށް ރުހިގެންވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.  رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ (١١٩) =المائدة= މާނައީ؛ ” ސުވަރުގެ ވަދެވިއްޖެ ބަޔަކަށްﷲ ރުހިވޮޑިގެން ވެއެވެ. އަދި އެބައިމީހުންވެސް އެކަލާނގެ އަށް ރުހިގެންވެއެވެ.”

މިހިސާބުން އުފެދޭ ސުވާލަކީބަޔާންވެދިޔަފަދައިން، ކީއްވެގެންބާއޭ ﷲތަޢާލާ ސުވަރުގޭގައި ފިރިހެނުންނަށް ޙޫރުލްޢީނުން ވާކަން ބަޔާންކުރައްވާފައި އަންހެނުންނަށް އެތަނުގައިވާ އެފަދަ ނިޢްމަތެއްގެ ވާހަކަ ބަޔާން ނުކުރެއްވެވީ؟ މީގެ ރައްދު ޖަވާބެއްގެ ގޮތުގައި ދެންނެވެން އޮތީ ﷲތަޢާލާ ގެ މިވަޙީ ބަސްފުޅެވެ. لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ  =الأنبياء= މިއާޔަތުގެ މާނައަކީ؛ “އެކަލާނގެ ޙުކުމްފުޅާ މެދު އަދި ކުރައްވަވާ ކަންތައްތަކާ މެދު އެކަނލާގެއާ ސުއާލެއް ނުކުރެވޭހުއްޓެވެ. އެހެންނަމަވެސް ޚަލްޤު ތަކުންގެ އަމަލާމެދުސުވާލު ކުރެވޭނެއެވެ.”

އެހެންނަމަވެސް މިފަދަ ސުއާލުތަކުގެ ޖަވާބުލިބި އަދި އޭގެ ޙިކްމަތްތަކުން ހިތްހަމަޖެހުން ލިބިގަތުމަކީ ފަހަރެއްގައިވެސް ނެތްކަމެއް ނޫނެވެ. ކޮންމިޔަކަސް ފިރިހެނުންނާއި ޚިލާފަށް އަންހެނުންގެ ޠަބީޢަތުގެ އަސްލަކީ ލަދުވެތިކަން ކަމަށް ވާތީ، އަންހެނުން ލަދުގަންނަ ގޮތަކަށް ސުވަރުގެއަށް ޝައުޤު ވެރި ކުރުވަން ﷲތަޢާލާ ބޭނުންފުޅުވެ ވޮޑިގެންނުވަނީ ކަން ޢިލްމުވެރިން ވަނީ ބަޔާންކުރައްވާފައެވެ.

ވީމާ އެއްވެސް އުނިކަމެއް، އަދި ބޭއިންސާފެއް އެދުނިޔޭގައި ނުވާނެ ކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެއެވެ. އަޅުގަނޑުމެންގެ ވެރި އިލާހު ބަޔާން ކުރައްވަނީ وَلا يَظْلِمُ رَبُّكَ أَحَدًا (٤٩) =الكهف= މާނައަކީ؛ “ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވާނެތެވެ.” އަދިވެސް ބަޔާން ކުރައްވަވާ ހަތް އުޑުމަތިން ވަހީ ކުރައްވަނީ إِنَّ اللَّهَ لا يَظْلِمُ مِثْقَالَ ذَرَّةٍ وَإِنْ تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِنْ لَدُنْهُ أَجْرًا عَظِيمًا (٤٠)=النساء= މާނައަކީ؛ “اللَّه، (އެއްވެސް މީހަކަށް) ޒައްރެއްގެ މިންވަރުވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ، ހެޔޮކަމެއް ކަމުގައިވާނަމަ، އޭގެ ثواب ގިނަގުނަ ކުރައްވަވާނެތެވެ. އަދި، އެކަލާނގެ حضرة ން ބޮޑުވެގެންވާ ދަރުމަ ދެއްވާނެތެވެ.” ހަވާނަފްސުގެ އެދުމެއް ނެތި ބަސް ހަދީސް ކުރައްވާ، އަދި މުޅި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީށްކުރައްވަނީ (( إِذَا صَلّتِ اْلمَرْأَةُ خَمْسَهَا وَصَامَتْ شَهْرَهَا وَحَصَّنَتْ فَرْجَهَا وَأَطَاعَتْ زَوْجَهَا قِيْلَ لَهَا : ادْخُلِيْ اْلَجَّنةَ مِنْ أَيِّ أَبْوَابٍ الَجَنةَ شِئْتِ )) މިބަސްފުޅުގެ މާނައަކީ؛ ” އަންހެނާ އޭނާގެ ފަރުޟު ފަސް ނަމާދު އަދާކޮށް، އަދި އޭނާގެ ފަރުޟު ރޯދަ ހިފާ، އޭނާގެ ލަދުވެތި ގުނަވަން ރައްކާތެރިކޮށް، އަދި އޭނާ އޭނާގެ ފިރިމީހާ އަށް ކިޔަމަންވެއްޖެނަމަ، އޭނާއަށް ބުނެވޭނެއެވެ. ސުވަރުގޭގެ ދޮރުތަކުގެ ތެރެއިން ކަނބުލޭގެ ބޭނުން ދޮރަކުން އެތަނަށް ވަންނާށެވެ.

އަދި ފާހަނގަ ކޮއްލަންބޭނުން ނުކުތާ އެއް އެބައޮތެވެ. ދޮން މީހުންނާއި އެމީހުންގެ ގައުމުތަކުން ކިޔަވައިގެން އަންނަ މުސްލިމުން ބުނެއެވެ. އިސްލާމްދީނުގައި އަންހެނުންވަނީ ވަރަށް ނިކަމެތި ކޮށްފައޭ! ޤުރުއާނުގައި އަބަދުމެ ޒިކުރުކުރެވެނީ ފިރިހެނުންގެ ވާހަކައޭ…އަންހެނުންގެ ވާހަކަ ޤުރުއާނުގައި ބަޔާން ކުރެވިފައެއް ނުވެޔޭ!!! ހަގީގަތުގައި މިއީ އިސްލާމީ ޙަޟާރަތުގެ ކަންފުޅެއްވެސް ނޭނގޭތީ ދައްކާ އެއްވެސް ހަގީގަތެއްނެތް ވާހަކަ ތަކެކެވެ. ކީރިތި ގުރުއާނުގައި ފިރިހެނުންނާއި މުޚާޠަބު ކުރެވޭ ކޮންމެފަހަރަކީ އަންހެނުންނާ ވެސް މުޚާޠަބު ކުރެވޭ ފަހަރެއްކަން އަޅުގަނޑުމެން ދަންނަމުއެވެ.

ފިރިހެނުންނާއި އަންހެނުން ފަރަގު ކުރުމަށް ޚާއްޞަ ދަލީލެއް ނުވާނަމަ ކޮންމެ ޙުކުމަކީ އަދި ކޮންމެ ޚިޠާބަކީ ދެޖިންސު ހަމަހަމަކަމާ އެކީ މުޚާޠަބު ކުރެވޭ ބަސްފުޅުތަކެކެވެ.

ފިރިހެނުން ޙައިޟުނުވާވާހަކަ އެބައިމީހުން ނުދައްކަވައެވެ. ފިރިހެނުން ދަރިން ނުވިހާ ވާހަކަ އެބައިމީހުން ނުދައްކަވައެވެ. އެބައިމީހުންދައްކަނީ ހިތައްއެރިވާހަކައެކެވެ. މިއީ މިބައިމީހުންގެ ފަލްސަފާޔާއި މުޅިން ޚިލާފު ދެކޮޅުނުޖެހޭ ވާހަކަތަކެކެވެ. ލޮޖިކު ވައްދަނީ ބައެއް ކަންކަމަށެވެ. އެއްވައްތަރެއްގެ ދެ ކަމަކަށް ތަފާތު ދެ ލޮޖިކެއް ވެއްދުމަކީ ލޮޖިކާ ޚިލާފު ލޮޖިކެކެވެ.

ވީމާ ބަޔަކު ބުނާހާއެއްޗަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތަބައެއް ނުވާނަމެވެ. މިދީންމަތީ އަޅުގަންޑުމެން ސާބިތުވެ އިންޝާﷲ ތިބޭނަމެވެ. ދުޢާއަކީ ﷲތަޢާލާ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުމެއް ދެއްވުމަށް ފަހު ހެޔޮ ނިމުމެއް ދެއްވުމެވެ.

 

މަސްދަރު: ނޫރުލްއިސްލާމް

0