ނަޞޭޙަތާއި އިރުޝާދު
ކޮންމެ ދަރިވަރަކު ކިޔާލަންޖެހޭ ލިޔުމެއް

ލޮބުވެތި ދަރިވަރެވެ. ތިބާ ހޭދަކުރަމުން ތިޔަދަނީ ޙަޔާތުގެ އެންމެ މުހިންމު ދުވަސްވަރެވެ. މިހާރު ކުރަމުން ތިޔަދަނީ އިންތިހާއަށް މުހިންމު އިންވެސްޓްމެންޓެކެވެ. ޢިލްމު އުނގެނުމުގެ މަރުޙަލާގައި ހަނދާނުގައި ބެހެއްޓުން މުހިންމު 3 ކަމެއް މި އާރޓިކަލްގައި ހުށަހަޅާލަމެވެ.

އެންމެ މުހިންމު ގުޅުން

ކޮންމެ މީހެއްގެ ޙަޔާތުގައި ވެސް އެންމެ މުހިންމު ގުޅުމަކީ ކުޅަދުންވަންތަ އިލާހާ އޮންނަ ގުޅުމެވެ. އެ ގުޅުން އަބަދުވެސް ތާޒާވަމުން ދާނަމަ، ތިބާގެ ދުވަސްތަކަކީ އުފެއްދުންތެރި ދުވަސްތަކެއް ކަމުގައި ވެގެން ދާނެއެވެ. އެ ގުޅުން ހީނަރުވާނަމަ، ތިބާ އަބަދުވެސް ހުންނާނީ ” ވަޅޯތާފަނާ ” މޯޑުގައެވެ. އެހެންކަމުން ފަރުޟު 5 ނަމާދު ބަރާބަރަށް އަދާކުރާށެވެ. ގިނަގިނައިން ޛިކުރުކޮށް استغفارކުރާށެވެ. ޤުރުއާން ކިޔަވާށެވެ. ހެޔޮ ޢަމަލުތައް ކުރާށެވެ.

ތިބާގެ ” ތިބާ “

ވިޔަފާރިވެރިން ވިޔަފާރީގައި ކުރިއަރައި ދިޔުމަށްޓަކައި ވިއްކަނީ ކޮންމެވެސް އުފެއްދުމެކެވެ. ނުވަތަ ޕްރޮޑަކްޓެކެވެ. ވިޔަފާރިވެރިޔާ އަބަދު ވެސް ބަލާނީ އެ ޕްރޮޑަކްޓް އިތުރަށް ތަރައްޤީކުރެވޭތޯއެވެ. ބާޒާރުގެ ވާދަވެރިކަމާއި ހަމަކުރުމަށްޓަކައެވެ. އެކި ގޮތްގޮތުން އެ ޕްރޮޑަކްޓް އިޝްތިހާރުކުރެވޭތޯ ވެސް ބަލާނެއެވެ. ތިބާގެ އެންމެ މުހިންމު ޕްރޮޑަކްޓަކީ ކޮބައިތޯއެވެ. އެއީ ޚުދު ” ތިބާ ” އެވެ. ތިބާއަށް ލިބިފައި ހުރި ޢިލްމުތަކެވެ. ތިބާގެ ހުނަރުތަކެވެ. ތިބާގެ ފަންނުވެރިކަމެވެ. ތިބާގެ ޤަދަރާއި ޢިއްޒަތެވެ.

އެހެން ކަމުން ގިނަގިނައިން، ފައިދާ ހުރި ފޮތްތައް ކިޔާށެވެ. އައު ހުނަރުތައް ދަސްކުރާށެވެ. ( ޝަރީޢަތާއި ޚިލާފު ނުވާނޭ ގޮތުގެ މަތީން ) ތިބާގެ އުފެއްދުންތެރިކަން އެހެން މީހުންނަށް ދައްކާށެވެ.

ހެޔޮ ނަސޭޙަތް ދޭ މިތުރުން

ﷲ އަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި މައިންބަފައިންނަށް ކިޔަމަން ވާށެވެ. ތިބާއަށް ހެޔޮ ނަސޭޙަތް ދޭ މީހުންގެ ނަސޭޙަތްތައް ބޮލާލައި ނުޖަހާށެވެ. ޚާއްސަކޮށް ފުރާވަރުގެ އުމުރުގައި މިކަމަށް އިތުރު ސަމާލުކަމެއް ދޭންވާނެއެވެ. ގިނަ ދަރިވަރުން ” މައި ވީއްލި ” ތިމާއަށް ތިމާފެނި ކިޔެވުމަށް ފަރުވާކުޑަކުރެވެން ފަށަނީ މި ޢުމުރުފުރާގައެވެ. އަބަދު ވެސް ހަނދާންކުރާށެވެ. ތިބާގެ މައިން ބަފައިން ތިބާއަށް އެ ނަސޭޙަތް ދެނީ ޙަޔާތުގެ އެތައް ފުރޮޅުންތަކެއް ތަޖުރިބާކޮށްފައެވެ. އެހެންކަމުން މައިންބަފައިން ހެޔޮ ނަސޭޙަތެއް ދީފިނަމަ ” ކޮލުދަތުން ” އޭގައި ހިފާށެވެ.

މިއީ ޑރ ޔާސިރު ޢަބްދުލް ކަރީމް ބައްކާރުގެ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

📚 قال #الشافعي – رحمه الله – :

” من أحب أن يَفتح الله لهُ قلبه أو ينوره فعليه بترك الكلام فيما لا يعنيه، وترك الذنوب واجتناب المعاصي، ويكون له خبيئةٌ فيما بينه وبين الله تعالى من عمل “.

📗 [ شر المهذب ١٣/١ ]

0