ނަޞޭޙަތާއި އިރުޝާދު
ޙަޤީޤީ ލޯތްބާއި މެދު …

ވަރަށް ފިނިރެއެކެވެ. ޖެހެމުންދާ ދާވަޔާއި އެކު ގަނޑުފެން ކޮޅުކޮޅު އަންނަހެން ހީވާހާވެސް ވައިގެފިނިކަން ގަދައެވެ. ޚުރާސާނުގެ ކުޑަކުޑަ ޖިފުޓި ގަނޑެއްގައި އަވަހާރަފުޅުލައްޕަވާން އޮންނެވީ މަޝްހޫރު ފަލްސަފާވެރިއެއް އަދި ބޭސްވެރިއެއް ކަމަށްވާ އިބްނި ސީނާއެވެ. ހަމަ އެކޮޓަރީގެ ތެރޭގައި އޭނާ ޚާދިމެއްގެ ގޮތުގައި ގެންގުޅުއްވާ ކުއްޖަކުވެސް އޮތެވެ. އިބްނި ސީނާގެ ކަރުހިއްކުން ބޮޑުވެ ފެންފޮދެއް ގެނެސް ދިނުމަށް ޚާދިމް (އަބްދު ﷲ) އަށް ވިދާޅުވިއެވެ. އަބްދުﷲ އޮތީ އެއްގޮތަކަށްވެސް އެނދުން ތެދުވާ ހިތެއްގައެއް ނޫނެވެ. ވީމާ ނިދާފައި އޮތްކަމަށް ހެދިގެން އޮތީއެވެ. ދެވަނަ ފަހަރަށް ވިދާޅުވުމުންވެސް އަޑުއިވޭކަމަކަށް ނުހެދިއެވެ. މިގޮތަށް އެތައް ފަހަރަކު ވިދާޅުވުމުން ހިތާއި ދެކޮޅަށް ތެދުވެ އަބްދުﷲ، އިބްނި ސީނާ އަށް ފެން ގެނެސް ދިނެވެ. ކުޑައިރުކޮޅެއް ފަހުން ޖައްވު ތެރެ ފުރިގެން ދިޔައީ ބަންގީ ގެ އަޑުންނެވެ. މިއަޑު އިވިވަޑައިގަތުމުން އަދި އަވަހާރަފުޅު ނުލައްޕަވާ އޮންނެވި އިބްނި ސީނާ ވިސްނަވަން ފެއްޓިއެވެ. ބަންގި ގޮވާ މީހާއާމެދުއެވެ. އިބްނި ސީނާ ހިތަށް އަރާވަޑައިގަތެވެ. އަހަރެންގެ ޚާދިމް އަބްދުﷲ އަކީ އަހަރެންނަށް ވަރަށް ގަދަރުކުރާ އެހާމެ އަހަރެންދެކެ ލޯބިވާ މީހެކެވެ. އޭނާ އެހުންނަނީ އަބަދުމެ އަހަރެންނަށް ތަޢުރީފުކޮށްކޮށެވެ. އަދި އަހަރެންނަށް ކަމެއް ކޮއްދޭނެ ފުރުސަތަކަށް އޭނާ ހުންނަނީ އަބަދު ބަލަ ބަލައެވެ. ނަމަވެސް މިރޭ …، މިރޭ އޭނާ އަހަރެންގެ ބޭނުން ފުއްދާދިނުމަށް ވުރެ އެ އިސްކަން ދިނީ އޭނާގެ އަމިއްލަ އަރާމަށެވެ. އަނެއް ކޮޅުން ބަންގި އެގޮވާ އަޅާގެ ޙާލަކީ ކޮބައި ބާއެވެ؟ މިއޮށް ފިނި ގަދަރޭ އޭނާގެ ހޫނުތަންމަތީގެ އަރާމު ދޫކޮށް އޭނާއެއައީއެވެ.
ގަނޑުފެން ފަދަ ފިނި ފެނުން ވުޟޫ ކޮށްގެން އުސް މުންނާރަކަށް އަރާހުރެ އޭނާ ހަޤީޤަތުގައިވެސް ލޯބިވާ ފަރާތުގެ މާތްކަން ބަޔާން ކޮށް ހެކިދެނީއެވެ.

ﷲ ފިޔަވާ ޙައްޤު ގޮތުގައި އަޅުކަން ވެވޭ އިލާހަކުނެތް ކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އަކީ ﷲ ގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އިބްނި ސީނާ ލިއުއްވާފައިވެއެވެ. “ހަޤީޤީ ލޯތްބަކީ ކޮބައިކަން މިރޭ އަހަރެންނަށް އެނގިއްޖެއެވެ. ފަހެ ފުރިހަމަ ލޯތްބަކީ ހުރިހާ ޙާލެއްގައިވެސް އަމިއްލަ ހިތްއެދޭގޮތް ފިޔަވާ އެލޯބިވާ ފަރާތުގެ އަމުރަށާއި އެދުމަށް ކިޔަމަން ވުމެވެ.”

އާދޭހެވެ. ދިރިއުޅުމުގެ މިހަލަބޮލި ކަމުގެ ތެރޭގައި ހޭބޯނާރާ، އެއްވެސް އަރާމެއް ނެތި އުޅެމުން ކުޑަ ހިނދު ކޮޅަކަށްވެސް ހުއްޓި ހުރެ ޤިބުލައަށް ކުރިމަތިލައިގެން ވަސްވާސްތަކާއި ޚިޔާލުތައް ހިތަށް ވަނަނުދީ ނަމާދު ކުރުމަކީ “އުނދަގޫ” ކަމެކެވެ. އަދި އެފަދަ ބުރަ ދުވަހެއް ހޭދަކުރުމަށް ފަހު އެނދުގައި ހަމަ ޖައްސާލާ ލޯމަރާލެވޭތަނާ އެއިވޭ ބަންގި އަށް އިޖާބަދީ ނަމާދަށް އެނބުރިގަތުންވެސް އެއީ “ފަސޭހަ” ކަމެއް ނޫނެވެ.

މިދެންނެވި ކަންތައް ބައެއް މީހުނަށް ފަސޭހަވެ އަނެއްބައި މީހުނަށް އުނދަގޫވަނީ ކީއްވެ ބާއެވެ؟ ބައެއް މީހުނަށް ކޮންމެ ޙާލަތެއްގައިވެސް ކުރަންޖެހޭ އަޅުކަންތައް ނުކޮށް ހުރުމަށްވުރެ އެއަޅުކަމެއް ކުރަން ފަސޭހަ ވަނީ ކިހިނެއްބާއެވެ؟ މަތީގައި ދަންނަވާލެވުނު ވާހަކައީ މިސުވާލުތަކުގެ ފުރިހަމަ ޖަވާބަކަށް ނުވިނަމަވެސް ކޮންމެވެސް ވަރެއްގެ އައްޔެއް މިކަމަށް އަޅުވާލަދޭ ވާހަކައެކެވެ. ތިމާ އެންމެ އިސް ކުރަނީ ކޮންފަރާތެއްގެ ލޯތްބެއްތޯއެވެ؟ ހައްދަވައި ދުނިޔެއަށް ފޮނުއްވާ ގިނަގުނަ ނިޢުމަތްތައް ދެއްވާ ތެދުމަގު ދެއްކެވި ﷲ ދެކެވާ ލޯބިތޯއެވެ؟ ނޫނީ އަމިއްލަ ހަށިގަނޑަށް ވަގުތީ އަރާމާއި އުފާ ލިބުމަށް ކުރާ ލޯބި ތޯއެވެ؟

މެންދަމުން އަލިވެއްޖެއެވެ. އޮފީހުން ކުރަން ޙަވާލު ކޮށްފައިވާ މަސައްކަތް ހަމަގާތްގަނޑަކަށް ނިމުނީއެވެ. “ބޮސް” ވަރަށް އުފާވާނެއެވެ. ވަފާތެރިކަމާއި މަސައްކަތަށް ބަހައްޓާ ފަރުވާ ރަމްޒު ކޮށްދޭ ކަމަކަށް ނޫނީ މިކަން ވެގެނެއް ނުދާނެއެވެ. ހަމަގައިމުވެސް ގިނަވާނީ “ޑެޑް ލައިން” އަށް މަސައްކަތް ނުނިންމޭ މީހުނެވެ. މި ޚިޔާލުތައް ވަނުމުން ހިތަށް ލިބުނު ހަމަޖެހުން އަދި އިހުނަށް ވުރެ ބޮޑުވެއްޖެއެވެ. ލޮލަށް އަންނަމުން ދާ ނިދި ގަދަވެއްޖެއެވެ. ގަޑި ބަލައިލައިފީމެވެ. ހަތަރެއް ޖަހައިފިއެވެ. އަދި ދެ ތިން ގަޑިއިރު ނިދާލާފައި ގަޑި ނުޖެހި އޮފީހަށް ދެވޭހާއިރު އެބަހުއްޓެވެ. އަސްތާއެވެ! ބައިގަޑިއިރެއްހާއިރު ތެރޭގައި ނަމާދަށް ގޮވާނެއެވެ. މިހާރު
ނިދައިފިއްޔާ ހަމަގައިމުވެސް ނަމާދުގެ ވަގުތު ގެއްލޭނެއެވެ. އެކަމަކު އަންނަނީ ހާދަހާވާ ގަދަ ނިންޖެކެވެ. އަދި
ބައިގަޑިއިރު އެބައޮތެވެ. ހަދާނީ ކިހިނެއްބާއެވެ؟ ….. އަހަރުމެންނަކީ ހަޤީޤީ ނަޖާހުރީ ކޮން ގޮތެއްގައިކަން ދެނެގަނެ އެގޮތުގެމަތީން އަމަލު ކުރުމުގެ ހެޔޮ ނަސީބު ލިބިގެންވާ ބައެއްކަމުގައި ލައްވާށިއެވެ. އާމީން

 

މިއީ ޑރ. އިބްރާހީމް ޝިހާމް ދަރުމަ މަޖައްލާއަށް ލިޔުއްވާފައިވާ ލިޔުމެކެވެ.

0