ނަޞޭޙަތާއި އިރުޝާދު
ބިލާލްގެފާނުގެ ބަންގި އަދި އައްޝާމްގެ ކަރުނަ

ބިލާލް ރަހިމަހުއް ﷲ ، ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަވަހާރަ ވުމަށްފަހު އެއްވެސް މީހަކަށް ބަންގި ގޮވާ ނުދެއްވައެވެ. އަދި އަބޫ ބަކުރު ރަހިމަހުއް ﷲ ގެ ޚިލާފަތުގައި ބިލާލްގެފާނު ބޭނުންފުޅުވެ ލެއްވީ ﷲގެ މަގުގައި ޖިހާދު ކުރުމަށް ދިޔުމަށެވެ. ނަމަވެސް އަބޫބަކުރުގެފާނު އެކަލޭގެފާނު ޖިހާދަށް ދިއުމުގެ ހުއްދަ ނުދެއްވި އެވެ. އެހިނދު ބިލާލްގެފާނު އަބޫބަކުރުގެފާނަށް ވިދާޅުވިއެވެ. ތިމަން އަޅެއް ކަމުގައި ވީހާލު ތިބާ އަހުރެން މިނިވަން ކުރީ ﷲގެ ރުއްސެވުން ހޯދަން ކަމުގައި ވަނީނަމަ، ތިމަން ޖިހާދަށް ދިޔުމުގެ ހުއްދަ ދެއްވާށެވެ. މިހެން ބުނުމުން އަބޫބަކުރުގެފާނު އެކަލޭގެފާނަށް ޖިހާދަށް ދިޔުމުގެ ހުއްދަ ދެއްވި އެވެ.

ބިލާލްގެފާނު ޖިހާދަށް ވަޑައިގަތީ އައްޝާމް އަށެވެ. އަދި އައްޝާމް ގެ އަލްޖާބިޔާ ސަރަަހައްދަށް އުމަރުގެފާނު އެކަލޭގެފާނުގެ ޚިލާފަތުގައި ވަޑައިގަތުމުން އެތަނުގައި ތިބި މުސްލިމުން ބިލާލްގެފާނު އަރިހުން ބަންގި ގޮވުމަށް އެދުމަށް އުމަރުގެފާނަށް އެދުނެވެ. އުމަރުގެފާނުގެ އެ އެދުމުގެ މަތިން ބިލާލްގެފާނު އެ ދުވަހު ބަންގި ގޮވިއެވެ. އެދުވަހު އެތައް އެތައްް މުސްލިމުންނެއް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ހަނދާން އާވެ ކަރުނަ އަޅާ ރުއި ކަމަށްވެއެވެ.

އަދި ބުނެއުޅެއެވެ. އައްޝާމްގައި ބަންގި ގޮވާ އުޅެނީ އެދުވަހު ބިލާލްގެފާނު ގޮވި ބަންގިިންނެވެ.

 

(އައް ޛަހަބީ، ސިޔާރު އަޢްލަ އައްނުބަލާ، އެބޭފުޅާ ލިޔުއްވި ބިލާލްގެފާނުގެ ބައޮގްރަފީގައި ހިމަނާފައިވާ ބައެއް)

0